ބޮލީވުޑް ގެ މަޝްހޫރު ތަރި އިރުފާން ޚާންގެ ހަށިގަނޑުގައި ނުރައްކާތެރި ޓިއުމަރެއްގެ ވައްތަރެއް ކަމުގައިވާ ނިއުރޯއެންޑޮކްޓް ޓިއުމަރެއް އުފެދި, އޭނާގެ ހާލު އިތުރަށް ގޯސްވަމުން އަންނާތީ ޑޮކްޓަރުން އުންމީދު ކަނޑައިލައިފި ކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ތަރުޖަމާން ދޮގުކޮށްފިއެވެ.

މީޑިއާ ތަކަށް މައުލޫމާތު ދެމުން އިރުފާނުގެ ތަރުޖަމާން ބުނެފައިވަނީ، އިރްފާނުގެ ބައްޔާގުޅޭ ގޮތުން އެންމެ ފަހުން މީޑިއާތަކުގައި ދެކެވެމުން އެދާ ވާހަކަ ތަކަކީ މުޅިން ތެދު ނޫންކަމަށާއި މީހެއްގެ ބަލިމަޑުކަމަކާއި ގުޅިގެން މިފަދަ ދޮގު ޚަބަރު މީޑިއާތަކުންވެސް ނުފެތުރުމަށް އެދޭކަމަށެވެ.

އޭނާ އިތުރަށް ބުނީ، މީޑިއާތަކާއި އާންމުންގެ ދުއާވެސް އިރްފާނަށް ބޭނުންވާ ކަމަށާއި ދޮގު ޚަބަރު ފެތުރުމުގެ ބަދަލުގައި ހިތްވަރުދިނުމަށެވެ.

"ތެދެއް ދޮގެއް ބަލާނުލާ މީހެއްގެ ބައްޔަކާއި ގުޅިގެން ވާހަކަ ދައްކެމުމަކީ ރަނގަޅު ކަމެއް ނޫން. މިފަދަ ކަންކަން ނުކުރުމަށް މީޑިއާތަކަށް ގޮވާލަން." އިރްފާނުގެ ތަރުޖަމާން ބުނެފައިވެއެވެ.

ނަމަވެސް އިރުފާންގެ ހާލަތާއި ބެހޭ ތަފްސީލެއް ތަރުޖަމާން ވެސް ނުދެއެވެ.

ސިއްހީ ފަރުވާއަށް އިރްފާން ވަނީ މިދިޔަ މަހުގެ ތެރޭގައި ލަންޑަނަށް ފުރައިފައެވެ.

އުމުރުން މިހާރު 51 އަހަރުގެ ތަރި އިރުފާން ވަނީ މިހައިތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ. 'ޕީކޫ' އާއި 'މަގްބޫލް' އާއި 'ހާސިލް' އާއި 'ޕާން ސިން ޓޯމަރ' އަކީ އޭނާގެ މަޝްހޫރު ބައެއް ފިލްމު ތަކެވެ. ހިންދީ ފިލްމުގެ އިތުރުން އޭނާ ވަނީ އިނގިރޭސި އެތައް ފިލްމެއް ވެސް ކުޅެފައެވެ. އޭގެ ތެރޭގައި 'ލައިފް އޮފް ޕައި'، 'ޖުރެސިކް ވަރލްޑް'، 'ސްލަމް ޑޯގް މިލިއަނަރ' އަދި 'ދި އެމޭޒިންގ ސްޕައިޑަރ މޭން' ހިމެނެއެވެ.