އިނގިރޭސިވިލާތުގެ އަންހެނަކު ގޭގައި މާބާރަށް ލަވަ ކިޔާތީ އެކަމާއި އުނދަގޫ ވެގެން އަވައްޓެރިން މައްސަލަ ޖެއްސުމުން އަންހެން މީހާ ދެއަހަރު ވަންދެން ގޭގައި އެއްވެސް ވަަރަކަށް ލަވަ ކިޔައިގެން ނުވާނެކަން އަންގާ ކޯޓުން އަމުރެއް ނެރެފިއެވެ.

އިނގިރޭސިވިލާތުގެ ނޯވިޗް ސަރަހައްދުގެ ފްލެޓަކަށް މިދިޔަ ޑިސެމްބަރ މަހު ދިރިއުޅުން ބަދަލުކުރި 48 އަހަރުގެ އަންހެނެއް ކަމަށްވާ ހީތާ ވެބް ލަވަ ކިޔާ ވަރުން އުނދަގޫ ވެގެން އަވައްޓެރި އެމައްސަލަ ހުށަހެޅީ އެސަރަހައްދުގެ ކައުންސިލަށެވެ. އަވައްޓެރިއަކު ވަނީ ހީތާ ލަވަ ކިޔާ އަޑު ރެކޯޑްކޮށް ރެކޯޑިން ވެސް ކައުންސިލަށް ހުށަހަޅާފައެވެ.

ހީތާގެ އަވައްޓެރިއަކު ބުނީ ހީތާ ލަވަކިޔާއިރު ހީވަނީ ހަޅޭލަވާހެން ކަމަށެވެ. އަދި ބައެއް ފަހަރު ބުޅަލެއް ފެން އެއްޗަކަށް ވެއްޓިގެން މަރުވާން އުޅޭއިރު ކިޔާ ކަހަލަ އަޑެއް ވެސް ހީތާ ލަވަ ކިޔާއިރު އިވޭކަމަށް އަވައްޓެރިއަކު ބުންޏެވެ.

ހީތާގެ އަވައްޓެރިން ބުނާ ގޮތުގައި ހީތާ އާންމު ގޮތެއްގައި ލަވަ ކިޔަނީ ހެނދުނު އެވެ. ނަމަވެސް ބައެއް ފަހަރު ރޭގަނޑު ވެސް ލަވަ ކިޔައެވެ.

ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ ހީތާ ގޭގައި ލަވަ ކިޔައިގެން ނުވާނެ ކަމަށާއި އަދި އެއްވެސް ކަހަލަ މިއުޒިކެއް ވެސް ގޭގައި ޖަހައިގެން ނުވާނެ ކަމަށެވެ. މީގެ އިތުރުން އަވައްޓެރިންނަށް އުނދަގޫ ވާނެ އެއްވެސް އަޑެއް ވެސް އިއްވައިގެން ނުވާނެ ކަމަށް އަމުރުގައި ވެއެވެ. މިއަމުރު ނެރެފައި ވަނީ ދެއަހަރު ދުވަހުގެ މުއްދަތަށެވެ.

ކޯޓުން ނެރުނު އަމުރާއި ގުޅޭ ގޮތުން ހީތާ އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހހ

    ހިތާ އެއްޗެއް ބުނާނޭ ހިތާތަ ކައޭމެން ތިއުޅެނީ. އޭނާނޫޅޭ ތިކަމާބެހޭ ގޮތުން އެއްޗެއްބުނާހިތަކުން. ދެން އޭނަކިޔާނީ ލަވަ މަގުމަތީގަ ، އެގިއްޖެ