މެލްބަން އަށް އުފަން ދެ ޑޮކްޓަރުން އެމީހުންގެ ޑޮކްޓަރު ކަމުގެ ވަޒީފާ، އުއްބައްތި ވިއްކުމަށްޓަކައި ދޫކޮށްލައިިފިއެވެ.

މި ދެޑޮކްޓަރުންނަކީ ދެމަފިރިންނެވެ. އެމީހުން ބުނެފައިވަނީ ވަޒީފާ ދޫކޮށްލާފައިވަނީ އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ އިތުރުކުރުމުގެ ގޮތުން ކަމުގައެވެ. އެގޮތުން އެކަމަށް ތައްޔާރުވާތާ މިހާރު 10 ވަރަކަށް އަހަރުވެދާނެ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

2015 ވަނަ އަހަރު މި ދެ ޑޮކްޓަރުންވަނީ އެމީހުންގެ ފުރަތަމަ "ލައިޓް އެންޑް ގްލޯ" ނަމަކަށް ކިޔާ އޮންލައިންކޮށް އުއްބައްތި ވިއްކާ ފިހާރައެއް ހުޅުވާފައެވެ. މިކަން އެމީހުން ފުރަތަމަ ފަށާފައިވަނީ 250 އެމެރިކާ ޑޮލަރުންނެވެ. މިދެލޯބިވެރިންނަށް މީގެ ކުރިން ޑޮކްޓަރުކަން ކޮށްގެން ލިބެނީ މީހަކަށް އަހަރަކު 150،000 އެމެރިކާ ޑޮލަރެވެ. އެހެން ނަމަވެސް މިހާރު ފަށައިގެން އުޅޭ ވިޔަފާރީގެ ސަބަބުން އެމީހުންނަށް 600،000 އެމެރިކާ ޑޮލަރު އަހަރަކު ލިބޭ ކަމަށް އެމީހުން ވަނީ ބުނެފައެވެ.

"ވިޔަފާރިއެއް ފެއްޓުމަކީ އަބަދުވެސް އަހަރުމެން ދެމީހުން ހިތުގައި އޮންނަ ކަމެއް. ލައިޓް އެންޑް ގޮލޯ ފެށިގެން އައިސް މިހާރު މިވަނީ އެ ވިޔަފާރި އިތުރަށް ފުޅާ ކުރެވޭނެ ކަމަށް." ސުޖީ ބުންޏެވެ.

ޖީވާ އާއި ސުޖީ އަކީ 3 ފިރިހެން ކުދިންގެ ބައްޕައާއި މަންމައެވެ. ޖީވާ ބުނެފައިވަނީ އެމީހުން ވަޒީފާ ދޫކޮށްފައިވަނީ ކުދިންނާއި އެކީ ގިނަ ވަގުތު ހޭދަކުރުމަށް ކަމަށާއި ހޮސްޕިޓަލުގައި ވަޒީފާ އަދާކުރަމުން އަންނަ އިރު އެހާ ގިނަ ވަގުތު ދަރިންނާއި އެކީ ހޭދަ ނުކުރެވޭތީ ކަމަށެވެ.

އޮންލައިންކޮށް މި ވިޔަފާރި ކުރަމުން އަންނަ މި ދެ ލޯބިވެރިން ވިއްކަމުން އަންނަ އުއްބައްތީގައި އެކި ކަހަލަ ވައްތަރުތައް ހުރެއެވެ. އެހެން ކަމުން ގިނަ ފަރާތްތަކުން އެމީހުން ތައްޔާރު ކުރާ އުއްބައްތި ގައްނަ ކަމަށް އެމީހުން ވަނީ ބުނެފައެވެ. ވިޔަފާރި ފުޅާވެގެން އައި ގޮތަށް މިހާރު އެކި ކަހަލަ އިނާމުތައްވެސް ލިބިފައިވާ ކަމަށް އެމީހުން ވަނީ ބުނެފައެވެ.