އިނގިރޭސިވިލާތުގައި ވަގަކު ފުލުހުންނަށް ފިލައިގެން އުޅޭތާ ދުވަސްތަކެއް ފަހުން ފުލުހުން ހޯދި އިރު، ސިފަ ބަދަލު ކުރަން އޭނާ އަޅާފައި ވަނީ ހަމައެކަނި އައިނެއްކަން ހާމަވެއްޖެއެވެ.

އުމުރުން 30 އަހަރުގެ ޑޭވިޑް ސްޕްރިންގްތޯޕް ހޯދަން ފުލުހުން އުޅެފައި ވަނީ އޭނާ ކޯޓު އަމުރަކާއި ޙިލާފް ވުމުގެ އިތުރުންނާއި ވައްކަމުގެ މައްސަލަތަކެއްގައެވެ.

ޑޭވިޑް އަކީ ދޭތެރެދޭތެރެއިން ފިހާރަތަކުން ވައްކަން ކުރާ މީހެއް ކަމުގައި ވާއިރު، އެ ގައުމުގެ ފުލުހުންނަށް ވަނީ އޭނާ ކުރާ ކަންތައް ފަޅާ އަރާފައެވެ. ނަމަވެސް އޭނާ އަށް ދެވަނަ ފުރުސަތެއް ދީފައި އެކަން ތަކުރާރު ކޮށްފިނަމަ ޖަލަށް ދާން އެއްބަސްވިއެވެ.

ނަމަވެސް، މިކަމަށް އޭނާ އެއްބަސްވުމަށް ފަހުގައިވެސް ވަނީ އަލުން ވައްކަން ކޮށްފައެވެ. އެހެންކަމުން ފުލުހުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި ޑޭވިޑް ވަނީ ފިލައިގެން އުޅެން މަސައްކަތް ކޮށްފައެވެ.

ޑޭވިޑް އޭނާގެ ސިފަ ބަދަލު ކުރުމުގެ ގޮތުން ހަމައެކަނި އައިނެއް އަޅައިގެން މަގުމަތީގައި ވަރަށް ހަމަޖެހިލައިގެން ހުރެ ހިނގާފައި ދަނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. ފުލުހުން ޑޭވިޑް އަކީ އޭނާތޯ ކަށަވަރު ކުރުމުގައި ބަލާފައި ވަނީ ޑޭވިޑް ކަރުގައި އިން ޓެޓޫ އަކުންނެވެ. އެކަމަކު އެ ޓެޓޫ ފޮރުވުމުގެ ބަދަލުގައި ހަމައެކަނި އައިނެއް އެޅުމުން ގިނަ ބަޔަކު ދަނީ ޑޭވިޑަށް ޖޯކު ޖަހަމުންނެވެ.

އެ ގައުމުގެ ފުލުހުން އެމީހުންގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ޑޭވިޑް ސިފަ ބަދަލުކުރަން އައިނު އެޅި ނަމަވެސް، އޭނާގެ ސިފަ އަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވާކަން އެންމެނަށްވެސް ފާހަގަ ކުރެވޭނޭ ކަމަށެވެ.