ތައިލޭންޑުގައި ކުނި ނެގުމުގެ މަސައްކަތް ކުރަމުން ދިޔަ މީހަކަށް އެއްލައްކަށް ޑޮލަރުގެ ބޮޑު މާވަހަރެއް ފެނިއްޖެއެވެ.

ސޮމްސަކް ބޫންރިތް ނަކަމަށްކިޔާ އެ މީހާއަށް މި މާވަހަރު ފެނިފައި ވަނީ، އާދައިގެ މަތީން އޭނާ މަސައްކަތަށް ނިކުމެ އުޅެނިކޮށް ތައިލޭންޑުގެ ސަޓުން ޕްރޮވިންސުގެ ޖަޒީރާ ރަށެއް ކަމަށްވާ ޓަރުޓައޯ އައިލޭންޑުގެ އައްސޭރިއަށް ލައްކާފައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ.

ނޫސްތައް ބުނާގޮތުގައި ސޮމްސަކް އަށް ފެނުނު މާވަހަރުގައި ގާތްގަނޑަކަށް 2.6 ކިލޯ ހުރިއިރު، މިއީ މަދުން ނުފެންނަ ވައްތަރެއްގެ މާވަހަރެކެވެ. އެހެންކަމުން މި މާވަހަރުގެ އަގު 80،000 ޕައުންޑް ނުވަތަ އެއްލައްކަ އެމެރިކާ ޑޮލަރަށްވުރެ މަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި މާވަހަރު ފެނުމާއި ގުޅިގެން ސޮމްސަކް ވަނީ މާވަހަރަށް އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް މާވަހަރު ވިއްކާލުމަށް ނިންމާފައެވެ. އޭނާ ބުނެފައިވަނީ، މިއީ އެތައް އަހަރެއް ވަންދެން އެއްވެސް އުންމީދެއް ނެތް ނަމަވެސް ހިއްވަރާއި އެކު ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މިހާރު އޭނާގެ ދިރިއުޅުން މުޅީން ބަދަލުވެފައިވާ ކަމަށް ސޮމްސަކް ބުނެފައި ވެއެވެ.

ނޫސްތަކަށް މައުލޫމާތުދެމުން ސޮމްސަކް ބުނެފައިވަނީ އޭނާއަކީ ކުރިން މަސްވެރިކަން ކުރަމުންދިޔަ މީހެއް ކަމަށެވެ. ނަމަވެސް ތޫފާނެއްގައި އޭނާގެ މަސްބޯޓު ފުނޑުފުނޑުވެ ހަލާކުވުމުން އާމްދަނީ ހޯދާނެ އިތުރުގޮތެއް ނެތިގެން ކުރަމުން އައި މަސައްކަތަކީ ކުނި ނެގުން ކަމަށް އޭނާ ބުންޏެވެ. މާވަހަރު ފެނުމާއި ގުޅިގެން އެ މާވަހަރު ވިއްކާލުމަށްފަހު ސޮމްސަކް ނިންމާފައިވަނީ އަލުން މަސް ބޯޓެއް ގަނެ މަސްވެރިކަން ކުރަން ފެށުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެކުއްޖާ

    "އެއްލައްކަށް ޑޮލަރުގެ ބޮޑު މާވަހަރެއް ފެނިއްޖެއެވެ." ރަނގަޅުގޮތަކީ އެއްލައްކަ ޑޮލަރުގެ އަގުހުރި މާވަހަރެއް ފެނިއްޖެ. މިއެވެ.

    17