މޫނުން ބިހި ނެގުމަކީ ހާއްސަކޮށް ރާއްޖެ ފަދަ ހޫނުގަދަ މާހައުލެއް އޮންނަ ގައުމެއްގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވާ ވަރަށް އުނދަގޫ ކަމެކެވެ. ބިއްސެއް ނެގުމުން އޭގެ ސަބަބުން މީހާގެ ބުރުސޫރައަށް އަސަރުކުރުވާކަމަށް ވިސްނައި އެކަމާއި ހިތާމަކުރުމުގެ އިތުރުން އެ ބިހި ނައްތާލުމުގައި އެތައް ވަގުތުތަކެއްވެސް ހޭދަކުރާ މީހުން ދިވެހިންގެ ތެރޭގައި މަދެއް ނޫނެވެ.

އެ ހުރިހާ މަސައްކަތެއްގައި ވަގުތު ބޭކާރު ނުކޮށް ވަގުތުން ވަގުތަށް ނުވަތަ ވީހާވެސް އަވަހަށް ބިހިތައް ނައްތާލެވޭފަދަ އުކުޅުތަކެއް އޮންނަކަން ދަންނާށެވެ. މޭކްއަޕްކުރުމުގެ ދާއިރާގައި އުޅޭ ފަރާތްތަކުގެ މެދުގައި ވަގުތުން ވަގުތަށް ނުވަތަ ވީހާވެސް އަވަހަށް ބިހި ފިލުވުމަށް ބޭނުންކުރެވޭ އުކުޅުތަކެއް އޮންނަކަން ދަންނަންތޯ؟

އެ އުކުޅުތަކަކީ އެ ފަރާތްތަކުން ބުނާގޮތުގައި ކޮންމެ ފަހަރަކު މަސައްކަތް ނުކުރިނަމަވެސް މަސައްކަތްކުރާ ފަހަރު ވަގުތުން ވަގުތަށް އަދި ބައެއް ފަހަރު ވަރަށް އަވަހަށް ބިހީގެ އަސަރު މޫނުން ނައްތާލައިދޭވަރުގެ އުކުޅުތަކެވެ. އެގޮތުން އެންމެ ފުރަތަމަ ބޭނުންކުރެވޭ އެއް އުކުޅަކީ ދަތް އުނގުޅަން ބޭނުންކުރެވޭ ބޭހެވެ.

އެފަދަ ފަރާތްތަކުން ބުނާގޮތުގައި ދަތް އުނގުޅަން ބޭނުންކުރާ ބޭހުގައި ހުންނަ ސިލިކާ ނަމަކަށްކިޔާ މާއްދާއެއްގެ ސަބަބުން ވަގުތުން ވަގުތަށް މޫނުން ބިހި ނައްތާލައިދެއެވެ. އަދި އެއީ ބޭސްފިހާރަތަކުގައި ހުންނަ ބާރުގަދަ އަދި ގިނަ ފަހަރަށް ހަމަށް ގެއްލުންކުރުވާ ބޭސްތަކަށް ބޭނުންކުރުމަށްވުރެ މާ ރަނގަޅު، މާ ފަސޭހަ އަދި އޭގެ ނަތީޖާ މާ އަވަހަށް ފެނުންވެސް އެކަށީގެންވާ އެއްޗެކެވެ.

ދެން އޮންނަ އަނެއް ގޮތަކީ ބިހި ނަގާފައިވާ މޫނުގެ ސަރަހައްދުގައި ލޮނުމެދުކޮޅެއް އުނގުޅައި ފަސް ވަރަކަށް މިނެޓް ވަންދެން އެ ސަރަހައްދުގައި ލޮނުމެދުކޮޅެއް ބޭއްވުމެވެ. އަދި އޭގެ ފަހުން މޫނު ސާފު ފެންފޮދަކުން ދޮވެލާނީއެވެ. މިއީވެސް ބިހިތައް ފަސޭހައިން ނައްތާލައި މޫނުން ބެކްޓީރިއާ ނައްތާލުމަށް ކުރެވިދާނެ ކަމެކެވެ. ލުނބޯއަކީވެސް އެގޮތަށް މޫނުގައި ހުންނަ ބެކްޓީރިއާ ނައްތާލައިދޭ މޫނު ތާޒާކޮށްދޭ އެއްޗެކެވެ. މިއީ ބިހިތައް ނައްތާލައިދީ އަދި އިތުރަށް މޫނުގައި ބިހި ނެގުމުންވެސް ސަލާމަތްކޮށްދޭ މޭވާއެކެވެ.

މޫނުން ބިހި ނައްތާލައި މޫނު ރީތިކުރުމަށްޓަކައި މި ދެންނެވުނު ގޮތްތައް ބަލާލައި ހައްލެއް ފެނޭތޯ މަސައްކަތްކޮށްލާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫނު ރީތިކޮށް ދޮވުމަށްފަހު ނިދަމުން ބިހީގަ މަލަން އަޅާލީމަ ހޭލާއިރު ބިހީގެ އަޘަރު ވވ ކުޑަވާނެ..