ބޮޑު ތަރުޚީބެއް ލިބިގެންދިޔަ ބޮލީވުޑްގެ ކުރީގެ ފިލްމް، އަންދާޒް އަޕްނާ އަޕްނާ" ގައި ކާސްޓުން ތިބީ އެކަކު އަނެކަކާއި "ޖެހިފައި" ކަމަށް ފިލްމުގެ ލީޑުން ފެނިގެންދިޔަ ބަތަލާއެއް ކަމަށްވާ ރަވީނާ ޓަންޑަން ބުނެފިއެވެ.

1994 ވަނަ އަހަރު ނެރުނު "އަންދާޒް އަޕްނާ އަޕްނާ"ގެ ކާމިޔާބީ ފާހަގަކޮށް ފިލްމް ނެރުނުތާ 25 އަހަރު ފުރުން ފާހަގަކޮށް، ރަވީނާ އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، އެކި މައްސަލަތަކުގައި ފިލްމުގެ ލީޑުން ފެނިގެންދިޔަ އެކްޓަރުން އެކަކު އަނެކަކާއި ވާހަކަވެސް ނުދައްކާ ކަމަށެވެ. އެގޮތުން އޭނާ، ފިލްމުގެ ބަތަލާ، ކަރިޝްމާ ކަޕޫރާއި ޖެހުނު މައްސަލައެއްގައި ވާހަކަ ނުދައްކައި ތިބިއިރު، ފިލްމުގެ ދެ ބަތަލުން ކަމަށްވާ ސަލްމާން ޚާން އާއި އާމިރު ޚާން ވެސް ސެޓުގައި އެކަކު އަނެކަކާއި ވާހަކަ ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ކާސްޓުން އެކަކު އަނެކަކާއި "ޖެހިފައި" ތިބުމުން އެކަން ޙައްލު ކުރުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ މީހުން މަސައްކަތް ކުރި ކަމަށް ރަވީނާ ބުނެފައިވާއިރު، އޭނާ ބުނީ އެއީ "މަޖާ ހަނދާންތަކެއް" ކަމަށެވެ. ރަވީނާ ބުނި ގޮތުގައި އޭނާ ކަރިޝްމާ އާއި ވާހަކަ ނުދައްކާތީ އެ ދެމީހުންގެ މައްސަލަ ހައްލު ކުރުމަށް އެންމެ ބޮޑަށް ބާރު އެޅީ ސަލްމާނާއި އާމިރު ކަމަށެވެ. ނަމަވެސް އެދެމީހުންވެސް އޭރު އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ ކަމަށް ރަވީނާ ބުންޏެވެ.

ރަވީނާ ބުނިގޮތުގައި ކާސްޓުންގެ މެދުގައި މައްސަލަ ޖެހިގެން ވާހަކަ ނުދައްކައި ތިބި ނަމަވެސް ފިލްމުގެ މަސައްކަތް ތަކުގައި އެންމެންވެސް ބަރާބަރަށް ބައިވެރިވަމުން ދިޔަ ކަމަށެވެ. އަދި ފިލްމުގެ އެކްޓިންގް އިން އެކަން އެއްވެސް ވަރަކަށް ފާހަގަނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ.

"މައްސަލަޖެހި ވާހަކަ ނުދައްކައި ތިބި ބަޔަކު ކޮށްފައިވާ އެކްޓިންގެއް ފިލްމުން ފެނިގެން ދިޔައީ. އެކަމަކު ރަހުމަތްތެރިކަމާއި ލޯބީގެ މުހިންމު މަންޒަރުތަކެއް ފިލްމުގައި މި ތަރިން ވަނީ ވަރަށް ފުރިހަމައަށް ދައްކުވައި ދީފައި. އެހެންވީމަ ބުނެވޭނީ އަހަރެމެންގެ އެކްޓިންގް ހަމަ މޮޅީ އޭ،" ރަވީނާ ބުންޏެވެ.

ރަވީނާ ބުނިގޮތުގައި މީގެ 25 އަހަރު ކުރިން މައްސަލަ ޖެހި ވާހަކަ ނުދެއްކި ނަމަވެސް އެ އެންމެންގެ މެދުގައި މިހާރު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ޚާއްސަކޮށް ސަލްމާނާއި އާމިރާއި ދެމެދު މިހާރުވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ކަމަށް ރަވީނާ ބުނެފައި ވެއެވެ.

ރަވީނާގެ މި ވާހަކަތަކާއި ގުޅިގެން އޭނާގެ ފޭނުންނާއި ފިލްމް ބަލާފައިވާ ފަރާތްތަކަށް ވަނީ ބޮޑު ހައިރާންކަމެއް ލިބިގެން ގޮސްފައެވެ. އެއީ ފިލްމުގެ ޝޫޓިންގައި އެ ފިލްމުގެ އެންމެ މުހިންމު އެކްޓަރުން ވާހަކަ ނުދެއްކި ނަމަވެސް އެކަން އެއްވެސް ވަރަކަށް ފާހަގަވިޔަނުދީ، ތަރިން ކޮށްފައިވާ މޮޅު އެކްޓިންގްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝާނީ

    ފިލްމު ބަލާފަ ހަމަ އެއްގޮތަކައްވެސް ހިޔެއްނުވޭ ޖެހިފަހުރިހެނެއް. ވަރަށް މަޖާ ފިލްމް