ބައެއް ބެލެނިވެރިން ދެކޭ ގޮތުގައި ނޭވާ ހިއްލާ ކަމަށްބުނެ ކުއްޖާ ހަދަނީ މަކަރެވެ. އަދި ބައެއް ބެލެނިވެރިން މިކަން މާބޮޑު ކަމަކަށް ހަދާ ކުއްޖާ ނޭވާ ހިއްލާނަމަ ހާސްވެ ކަންބޮޑުވެ، ބެލެނިވެރިޔާގެ ސިއްޙަތަށް އަސަރު ކުރާތަން އާދެއެވެ.

ނޭވާ ހިއްލާ ކުއްޖެއް ހުރިނަމަ ޕެނިކް ވުމުގެ ބަދަލުގައި އެކުއްޖާއަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. އަދި އެކުއްޖާ ހުންނަ ތަންތާންގައި ބައެއް ކަންކަން ކުރުމާ ދުރުވާށެވެ.

ފުރަތަމަ ވެސް ރަނގަޅު ޑޮކްޓަރަކު ހޯދާށެވެ!

ދަރިފުޅަކީ ނޭވާހިއްލާ ކުއްޖެއްކަން ދެނެގަތުން ފަހަރެއްގައި އެހާ ފަސޭހަކަމަކަށް ނުވެދާނެ އެވެ. ވަކިން ހާއްސަކޮށް، އަހަރު ނުފުރޭ ކުދިން މި މައްސަލަ އަށް ޑައިގްނޯސްކުރުމަކީ ތަޖުރިބާކާރުންގެ މެދުގައި ވެސް އޮތް ކަމެއް ނޫނެވެ. ނަމަވެސް އަލާމާތްތަކަށް ބަރޯސާވެ ފަރުވާދެވިދާނެ އެވެ.

އެކަން ފުރިހަމަކުރުމަށް، ދަރިފުޅުގެ އެފަދަ އަލާމާތްތަކާ އެކު ފުރަތަމަ ވެސް ދާން ޖެހެނީ، ނޭވާ ހިއްލުމުގެ މައްސަލަ އަށް ހާއްސަ ޑޮކްޓަރެއްގެ ގާތަށެވެ. އެފަދަ ޑޮކްޓަރަކު ނެތް ނަމަ ފެންވަރު ރަނގަޅު ކުޑަކުދިންގެ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.

ނޭވާހިއްލާ ކުއްޖަކަށް، އަވަސް ފަރުވާ ދީގެން ވަރަށް ބޮޑަށް ނުވަތަ އެއްކޮށް ވެސް ރަނގަޅުވުމުގެ ފުރުސަތު އޮވެ އެވެ.

ގޭތެރެ ފޮޅައި ސާފުކޮށް ބާއްވާށެވެ.

ނޭވާހިއްލާ މީހަކު ދިރިއުޅޭ ގެއެއް ފޮޅައި ސާފުކޮށް ބޭއްވުމަކީ ހަގީގަތުގައި ވަރަށް ވެސް މުހިންމު ކަމެކެވެ. އެނދުގައި އަޅާ ބެޓްޝީޓާއި ބާލީސް އުރަ ފަދަ ތަކެތި މަދުވެގެން ހަފުތާއަކު އެއް ފަހަރު ދޮވެ ސާފުކުރެވޭތޯ ބެލުން ވެސް މުހިންމެވެ. ކޮޓަރި އާއި ގޮދަޑި ފޮޅައި ކުނޑިން ސާފުކޮށް އޭސީ ފަދަ ތަކެތި ވެސް ގަވާއިދުން ސާފުކުރުން މުހިންމެވެ.

ސިޓިންރޫމުގައި ނުވަތަ ދިރިއުޅޭ ކޮޓަރީ ތެރޭގައި ކާޕެޓް ނުވަތަ ރަގެއްގެ ބަދަލުގައި ފަސޭހައިން ސާފުކުރެވޭނެ ޓައިލްސް ނުވަތަ ޕާކޭ ފަދަ އެއްޗެއް ބޭނުންކޮށްފައި ހުރުން ވެސް ބުއްދިވެރިވާނެ އެވެ. ކާޕެޓް ނުވަތަ ރަގަކީ ގަވާއިދުން ސާފުކުރިޔަސް އޭގައި ހަޑި ވަރަށް ގިނައިން ހިފާ އެއްޗެކެވެ.

ވީހާ ވެސް ގިނައިން ފެން ދޭށެވެ.

ނޭވާހިއްލާ ކުއްޖާ އަށް ރަނގަޅީ ވީހާ ވެސް ގިނައިން ފެން ދިން ވަރެކެވެ. އޭގެ ސަބަބުން، ޑީހައިޑްރޭޓްވުމުގެ ފުރުސަތު ކުޑަވެ، އެ ކުއްޖާގެ ފުއްޕާމޭ ހުންނާނީ އަބަދުވެސް ހައިޑްރޭޑްވެފަ އެވެ. އޭގެ ސަބަބުން، އޭޒްމާ އެޓޭކެއްގެ ނުރައްކާ އިންތިހާ އަށް ކުޑަކޮށްދޭނެ އެވެ.

ޕެޓްސް ގެންގުޅުން އެހާ ބުއްދިވެރިއެއްނޫނެވެ.

ވަކިން ހާއްސަކޮށް ބުޅަލެވެ. ނޭވާހިއްލާ ކުއްޖަކު ދިރިއުޅޭ ގެއެއްގައި ބުޅާ ނުވަތަ އެފަދަ އެހެން ވައްތަރެއްގެ ޕެޓް ޖަނަވާރު ގެންގުޅުމަކީ ވެސް ވަރަށް ގޯސްކަމެކެވެ. އޭގެ ސަބަބުން ސިއްހީ ނޭދެވޭ ގިނަ އަސަރުތަކެއް ކުއްޖާ އަށް ކޮށްފާނެ ކަމެކެވެ. ގޭގައި ބުޅާ ނުވަތަ އެހެން ވައްތަރެއްގެ ޕެޓް ވެސް ގެންގުޅޭ ނަމަ ބަލި ކުއްޖާއާ ވީހާ ވެސް ދުރުގައި ގެންގުޅުން ރަނގަޅެވެ.

ވިޓަމިން ސީ ދޭން ޖެހޭނެ!

ވިޓަމިން ސީ އެންމެނަށް ވެސް މުހިންމެވެ. ވަކިން ހާއްސަކޮށް، ނޭވާހިއްލާ ކުދިންނަށެވެ. އެހެންކަމުން ދަރިފުޅަށް ވިޓަމިން ސީ ވީހާ ވެސް ގިނައިން ދެވޭތޯ ބަލަން ޖެހޭނެ އެވެ. މޭވާ އާއި ވިޓަމިން ސީގެ މުއްސަނދިކަން ލިބިފައިވާ ކާނާގެ ވައްތަރުތައް ގިނަކޮށްގެންނެވެ.

ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ!

ދުން، ވަކިން ހާއްސަކޮށް ދުންފަތުގެ ދުމަކީ ނޭވާހިއްލާ ކުއްޖަކަށް ވަރަށް ވިހަ އެއްޗެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަމައެކަނި ނޭވާހިއްލާ ކުއްޖާ އަށް ހުރި ގެއްލުމެއް ނޫން ކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ. އެހެންކަމުން ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމަކީ ހަމަ އެންމެ ބުއްދިވެރިގޮތެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ މީހާ އަށް ވުރެ ބޮޑު ގެއްލުމެއް ލިބޭ ފަރާތަކީ، އޭނާ ބޭރުކޮށްލާ ދުމުގެ އަސަރުކުރާ މީހާކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.