ބަނދުރަން ލުއިކުރަން ބޭނުންވާނަމަ ކެއުމަށާއި ކަސްރަތުކުރުމަށް އިސްކަންދޭން ޖެހޭނެއެވެ. ކެއުމަށް ބަދަލެއް ގެނައުމުގެ އިތުރުން ބައެއް ބުއިންތައް ބޭނުންކުރާށެވެ. އެގޮތުން މި ބުއިންތަކަކީ ކެއުމާއި އެކު ނުވަތަ އެނޫންވެސް ވަގުތުތަކުގައި ބުއިމުން ބަނޑު ހިންދާލަދިނުމަށް އެހީވެދޭ ބުއިންތަކެކެވެ.

ހޫނު ފެނާއި އައިސް ފެނުގެ ތެރެއިން ބަނޑުހިންދާލުމަށް ފަސޭހަވެގެންދާނީ ފިނިފެން ބުއިމުންނެވެ. އެއީ އައިސް ފެން ބުއިމުގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އިތުރުކޮށްދިނުމަށް އެހީވެދޭތީ އެވެ. ކޮންމެ ދުވަހުން 500 މލ އައިސް ފެން ބުއިމުން ތަފާތު ފެނިގެންދާނެ އެވެ.

ގިނަ ފައިދާތަކެއް އެކުލެވޭ ކުރުނބާ ފެނަކީވެސް ބަނޑުހިންދާލުމަށް އެހީވެދޭ ބުއިމެކެވެ. ކުރުނބާ ފެނުގައި އެހެން ބުއިންތަކާއި އަޅާބަލާއިރު ގިނަ އަދަދަކަށް އެލެކްޓްރޯލައިޓްސް ހިމެނެއެވެ. އޭގެ ސަބަބަން އަވަހަށް ކަރުހިތްކާ ދިނުމުގެ އިތުރުން ހަށިގަނޑު ސާފުކޮށްލަދިނުމަށް އަވަސްވެގެން ދެއެވެ.

ގްރީން ޓީ އަކީ ބަނޑުހިންދާލުމަށް އާންމުކޮށް ބޭނުންކުރާ ބުއިމެވެ. ގުރީންޓީއިން ލިބޭ ފައިދާތައް ގިނަގުނައިރު އާދައިގެ ބުއިންތަކާއި ހިލާފަށް ގުރީންޓީއިން ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް އަވަހަށް މަތި ކޮށްދިނުމުގެ އިތުރުން 43 އިންސަންތަ ކެލޮރީސް ވިރުވާރަލައެވެ.

ކަރާ ސްމޫތީ އަކީ ތައްޔާރުކޮށްލަން ފަސޭހަ ބުއިމެކެވެ. މި ބުއިމުގެ ފައިދާ ލިބޭނީ އެއްވެސް އާޓިފިޝަލް ރަހައެއް ނުހިމަނައެވެ. އަދި ކެލޮރީސް މަދުން ހުންނަ އެއްޗަކަށް ކަރާ ވެގެންދާއިރު، މިބުއިމުން ހަށިގަނޑަށް ގިނަ އަދަދަކަށް ފެން ލިއްބައިދެއެވެ.