ނޫސްތަކުގެ ފަލަ ސުރުޚީތަކުން އަބަދުވެސް ހިކެން ބޭނުންވަނަމަ ކުރަންވީ ކަންތަކާއި ހިކެން ބޭނުންވާނަމަ އަމަލު ކުރަންވީ ޑައިޓްތަކުގެ ވާހަކަތައް ފެނެއެވެ. އެހެންނަމަވެސް، އަބަދުވެސް ދޫކޮށްލެވިފައި އޮންނަނީ ހިކި މީހަކު ފަލަވާން ބޭނުންނަމަ ކުރަންވީ ކަންތައްތަކެވެ.

ގިނައިން ކެޔުމުން ފަލަވާނެ ކަމަށް ޤަބޫލު ކުރުމަކީ ކުންހީއެކެވެ. ހިކި މީހަކު ކުރެން ނިކަން އަހާބަލާށެވެ. ފަލަ މީހެއް ހިކެން ބޭނުންނަމަ ނުކައި ހުރުމަކުން އަދި ނުފުދޭތާއެވެ. މިއުސޫލު ހަމަ ފަލަވާން ބޭނުން ނަމަވެސް ފިޓްއެވެ. ފަލަވާން ބޭނުންނަމަ ކުރަން ބައިވަރު ކަންތައް އެބަ ހުއްޓެވެ. އެހެންނަމަވެސް މިކަންކުރުމަށް އެންމެ ރަނގަޅު ދުވަސް ވަރަކީ ރޯދަމަހެވެ.

ރޯދަމަހު ކިތަންމެ މަދުން ކެޔަސް ކަނީ ސަރުބީ ހުންނަ ކާއެއްޗެހިތާއެވެ. ދެއިރު ދެދަޅައަށް ބަނޑު ފުރައި އެހެން މަސްމަހު ގޮތަށް ނުކެޔަސް ހާރުދަމާއި ރޯދަ ވިއްލާ ވަގުތު އަދި ތަރާވީޚް ވަގުތު ނިކަން ގަދަޔަށް ކާލަމެއް ނޫން ހެއްޔެވެ.  ކެޔުމަށް ޚާއްސަ ސަމާލުކަމެއް ދީފިނަމަ ރޯދަ މަސް ނިމެންވާއިރަށް ފަލަވުމަކީ މާކަ އުނދަގޫ ކަމެއް ނޫނެވެ.

ފުރަތަމަ ކަމަކަށް ހާރުދަމަށް ބަލާލަމާހިނގާށެވެ. ހާރުދަމު ބޮޑަށް މަހު ބާވަތްތަކާއި ވިޑަމިން ޑީ ލިބޭ ބާވަތްތައް ބޭނުން ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭށެވެ. ރޯދަ ވިއްލާ ވަގުތު ރަނގަޅީ ބޮޑަށް ޕުރޮޓީން ހުންނަ ކެއުމެވެ. ބިހެއް ކަހަލަ އެއްޗެއް ބޭނުން ކުރުން ބުއްދިވެރިވާނެއެވެ. އަދި ތަރާވީޚް ނަމާދަށްފަހު ވެސް ރަނގަޅަށް ކާށެވެ.

ދެން ވިސްނަންވީ ކަމަކީ ނިދުމެވެ. ރޯދަމަހަކީ އަޅުކަމުގެ މައްސަރެއެވެ. ރޭގަނޑު ތަރާވީޚް ނަމާދަށްފަހު ނިދުމަށް އާދަކުރާށެވެ. އަދި ފަތިސްވާން ކައިރިވުމުން ހާރު ކާށެވެ. ހާރު ކައިގެން ނަމާދުކޮށް ނިދާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންނަމަވެސް މާގިނައިރު ނިދަން އޮތުމަކީވެސް އެންމެ ރަނގަޅުގޮތެއް ނޫނެވެ.

ކަސްރަތަކީވެސް މީހާ ފަލަވުމަށް މުހިންމު އެއްޗެކެވެ. ރޯދަމަސްފަދަ ބުރަ މަހެއްގައި މިކަމަށް ވަގުތު ހުސްކޮށްލެވެނީ މަދު ބަޔަކަށެވެ. އެހެންނަމަވެސް ފަލަވާން ބޭނުންނަމަ މިއީ މުހިންމު ކަމެކެވެ. ކަސްރަތު ކުރުން އެންމެ ރަނގަޅީ ރޯދަ ވިއްލަން 45 މިނެޓްއަށް ވެފައި ހުއްޓައެވެ. އަދި ބަންގި ގޮވުމުގެ 5 މިނެޓް ކުރިން ކަސްރަތު ކުރުން ހުއްޓާލަންވާނެއެވެ.

މަތީގައި ބުނެވެދިޔަ ގޮތަށް ކަންތައްކޮށްފިނަމަ ރޯދަމަސް ނިމުމުގެ ކުރިން ނަތީޖާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލިޔުމެއް ލިޔާއިރު ތަންކޮޅެއް ފައިދާހުރި މަޢުލޫމާތު ހިމަނަމާ..ހަމަ ހުރެލާފަ ލިޔުމެއް ލިޔެލިއަކަސް ކިޔުންތެރިން ބަލައެއް ނުގަންނާނެ..ހަމަބ ބުނެލީ ދޮންކަލޯ..