ޗައިނާގެ މަޝްހޫރު މޮޑެލް އަދި އެކްޓަރ، ގޮޑްފްރޭ ގައޯ ކުއްލި ގޮތަކަށް ހިތް ހުއްޓިގެން މަރުވެއްޖެއެވެ.

ޓައިވާނަށް އުފަން ގޮޑްފްރޭ ކުއްލި ގޮތަކަށް މަރުވިއިރު އޭނާގެ އުމުރަކީ 35 އަހަރެވެ.

ނޫސްތައް ބުނާގޮތުގައި ގޮޑްފްރޭ މަރުވެފައި ވަނީ ޗައިނާގެ ވެރައިޓީ ސީރީޒްއެއް ކަމަށްވާ "ޗޭޒް މީ" ފިލްމްކުރަން ހުއްޓައި ރޭ ދަންވަރުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގި ވަގުތު މި ސީރީޒްގެ ބައެއް އެހެން މަޝްހޫރު ތަރިންވެސް އެވަގުތު އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

ގޮޑްފްރޭގެ އެންމެ ފަހުގެ ވަގުތުކޮޅު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެއިން ފެންނަނީ އޭނާގެ ހަރަކާތް ހުއްޓިފައި އޮންނަ މަންޒަރެވެ.

މި ހާދިސާ ހިނގި ވަގުތު އެ ތަނުގައި ހަރަކާތްތެރިވަމުން މީހަކު ނޫސްތަކުގައި ބުނެފައިވަނީ، އޭނާ ސީރީޒްގެ މަންޒަރެއް ނަގަމުން ދަނިކޮށް ހިތް ހުއްޓިގެން ވެއްޓުނީ ކަމަށެވެ. އޭގެ ފަހުން ހާލު ރަނގަޅުވުމަށްފަހު އަނެއްކާވެސް އިތުރަށް ހާލު ގޯސްވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ އޮފިޝަލް ބުނެފައި ވެއެވެ.

ނޫސްތައް ބުނާގޮތުގައި ގޮޑްފްރޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައެވެ. އޭނާ މަރުވީ ހިތް ހުއްޓިގެން ކަމަށް ހޮސްޕިޓަލުން ވެސް ބުނެފައި ވެއެވެ.

ގޮޑްފްރޭ ގިނަ ބައެއްގެ ތެރެއަށް މަޝްހޫރު ވެގެންދިޔައީ މޮޑެލްގެ ދާއިރާއިންނެވެ. އޭނާއަކީ ދުނިޔޭގެ ލަގްޒަރީ ބްރޭންޑް، ލުއިސް ވުއިޓަން އަށް އޭޝިއާއިން ނެގި އެންމެ ފުރަތަމަ ފިރިހެން މޮޑެލް އެވެ. އޭގެފަހުން ހޮލީވުޑްގެ ބައެއް ފިލްމުތަކުންނާއި ޗައިނާގެ ފިލްމުތަކުންވެސް ގޮޑްވަން ފެނިގެން ދިޔައެވެ.

ގޮޑްވަން ކުއްލި ގޮތަކަށް މަރުވެފައިވާއިރު، މީގެ ދެ ދުވަސް ކުރިން ކޮރެއާގެ މަޝްހޫރު ކޭޕޮޕް ތަރި، ގޫހާރާ ވެސް ވަނީ މިފަދަ ގޮތަކަށް މަރުވެފައެވެ. ގޫހާރާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާ މަރުވިއިރު އުމުރަކީ 28 އަހަރެވެ.