ތައިލެންޑުގައި މަރުވެފައި އޮތް ފުއްލާ އެއްގެ ބަނޑުތެރެއިން 6 ކިލޯގެ ޕްލާސްޓިކް ނަގައިފިއެވެ.

މި ފުއްލާ މަރުވެފައި އޮއްވާ ފެނުނީ އެ ގައުމުގެ ވެރިރަށް ބެންގްކޮކް އާއި 390 މޭލު ދުރުގައި އޮންނަ ނާން ޕްރޮވިންސުގެ ނެޝަނަލް ޕާކު ތެރެއިންނެވެ.

މި ފުއްލާ މަރުވެފައި އޮތުމުން ޕާކުގެ މީހުން ވަނީ ފުއްލާ މަރުވި ސަބަބެއް ހޯދުމަށްޓަކައި އޮޓޮޕްސީ އަށް ހަދާފައެވެ. އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުން އެ ފުއްލާގެ ބަނޑު ތެރޭގައި ވަނީ އާދަޔާ ޙިލާފަށް ޕްލާސްޓިކް ގިނަވެފައެވެ. އެއީ އޭތި މަރުވުމުގެ މައިގަނޑު ސަބަބުކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ބަރުދަނުގައި 200ކިލޯ ހުރި މި ފުއްލާ ޕްލާސްޓިކް ކައިގެން މަރުވުމާއި ގުޅިގެން ތިމާވެެއްޓާއި ޖަނަވާރުންގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން އަންނަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ.

ތައިލޭންޑަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ޕްލާސްޓިކް ބޭނުން ކުރާ އެއް ގައުމެވެ. ދިރާސާތައް ދައްކާގޮތުން އެ ގައުމުގެ ކޮންމެ މީހަކުވެސް އަހަރެއްްގެ މައްޗައް އެކިއެކި ބޭނުންތަކަށް 3،000 ޕްލާސް ކޮތަޅު ބޭނުންކުރެއެވެ.

ތައިލޭންޑަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން 6 ވަނައަށް އެންމެ ގިނައިން ޕްލާސްޓިކް ކަނޑަށް އަޅާ ގައުމުކަންވެސް ފާޙަގަކޮށްލެވެއެވެ. ރާއްޖޭގައިވެސް ޕްލާސްޓިކް ކޮތަޅާއި އެޒާތުގެ އެކިއެކި އެއްޗެހީގެ ސަބަބުން ކަނޑުގައި ދިރިއުޅޭ ތަފާތު އެއްޗެހީގެ ފުރާނަ އަށް ނުރައްކާވެ، ރާއްޖޭގެ ގުދުރަތީ ރީތި ފަރުތަކާއި ފަޅުކަމުގެ ރީތިކަން ގެއްލުމަށް މަގުފަހިވެއެވެ.