އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ އަންހެނަކަށްވުން ހެއްޔެވެ؟ މިއީ މި ދުނިޔޭގައި އޭނާއަށް ހުރި ގޮތް ހެއްޔެވެ؟ އެންމެ ކުޑަމިނުން އޭނާގެ މަަރަށް އިންސާފް ލިބޭނެ ބާއެވެ؟ މިއީ އެތައް ބައެއްގެ ހިތުގައި އުފެދިގެން ދާނެ ސުވާލުތަކެވެ.

މި އަހަރު ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު، އުމުރުން އެންމެ އަށް އަހަރުގެ އާސިފާ ގެއްލުނީ މެންދުރުގެ ވަގުތެއްގައި އެ މީހުން ދިރިއުޅެމުން އަންނަ އިންޑިއާގެ އަވަށެއްކަމަށްވާ ޖާއްމޫގެ ކަތޫއާގަ ސިޓީއިންނެވެ. އާސިފާ އެ ދުވަހު މެންދުރު ދިޔައީ ވަލު ތެރޭގައި ހުރި އެ މީހުންގެ އަސްތައް ބަލައެވެ. އެ އަސްތައް ގެއަށް އައެވެ. ނަމަވެސް އެ އަސްތައް ބަލައި ދިޔަ އާސިފާ އެނބުރި ގެއަށް ނާދެއެވެ. އެންމެ ފަހުން އެތައް ދުވަހެއް ފަހުން ގެއަށް ވައްދަން ޖެހުނީ އާސިފާގެ ފުރާނަނެތް ހަށިގަނޑެވެ.

އާސިފާ ގެއަށް ނައިސްގެން ހޯދަން ފެށީ އާއިލާ އާއި ބައެއް އަވައްޓެރިންނެވެ. ދެ ދުވަސްވަންދެން އާސިފާ ހޯދުމުގެ މަސައްކަތް މުޅި އެ އަވަށުގައި ކުރިއަށްދިޔައިރު، އެންމެ ފަހުން ނުފެނިގެން ޖެނުއަރީ 12 ވަނަ ދުވަހު ފުލުހަށް ހުށަހެޅިއެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މާބޮޑު އެއްބާރުލުމެއް އެކަމުުގައި ނުލިބުނެވެ. އާސިފާގެ ބައްޕަ އާ ހަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާގޮތުގައި، އެއް ފުލުސް އޮފިސަރަކު ވަނީ، އާސިފާ ލޯބިވެރިޔާއެކު "ފިލީ" ކަމަށް ބުނެފައެވެ.

މިފަދަ ގޮތަކަށް ވާހަކަދެެކެވެމުން ދަނިކޮށް އާސިފާ ފެނިފައި ވަނީ ހޯދާތާ ހަފްތާއެއްވީ ފަހުން ވަރަށް އިހާނެތި ގޮތަކަށް މަރާލަފައި އޮއްވާފައެވެ. އެ ކުޑަކުޑަ އަސިފާ މަރާލާފައި އޮއްވާ ފެނިފައި ވަނީ ޖަންގަލީ ތެެރެއިންނެވެ.

"އާސިފާއަށް ވަނީ ވަރަށް އަނިޔާކޮށްފައި. އޭނާގެ ދެފައި ވަނީ ބިންދާލާފައި،" އާސިފާގެ މަންމަ ނަސީމާ ބުންޏެވެ. ނަސީމާއަށް އޭނާގެ ދަރިފުޅު ފެނުމާއެކު ވަނީ ހޭނެތިގެން ވެއްޓިފައެވެ.

އާސިފާގެ މަރާލާފައި ވަނީ ދުވަސްތަކެއް ވަންދެން ރޭޕްކޮށްފައިކަމަށް ޗާޖް ޝީޓުގައި ވެއެވެ. އޭނާ މަރާލާފައި ވަނީ ބޮލުގައި ގަލަކުން ޖަހުމަށްފަހު ވަރަށް އަނިޔާކުރުމަށްފަހުއެވެ. އެކަމުުގެ ނިޝާންތައް އޭނާގެ ހަށިގަނޑު އެތައް ދުވަހެއް ފަހުން ފެނުނުއިރުވެސް ފެންނާން ހުއްޓެވެ. އަށް މީހަކު ވެގެން އެކި ދުވަސްމަތިން އާސިފާ ރޭޕްކުރިއިރު، އާސިފާ ރޭޮޕްކޮށް މަރާލި މީހުންގެ ތެރޭގައި ސަރުކާރުގެ އިސް މީހަކާއި، ހަތަރު ފުލުހުންވެސް ހިމެނެއެވެ.

އާސިފާ އަކީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ، އަސިފާގެ މަރަށްފަހު ހިންދޫންނާއި މުސްލިމުންނާއި ދެމެދުވެސް ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް ހިނގިއެވެ. އެއީ އަސިފާގެ ހަށިގަނޑުގެ ވަޅުލުމުގެ ކަންތަކުގައެވެ. އާސިފާގެ މަރުގެ ފަހަތުގައި ހިންދޫ ދީނަށް ތަބާވާ ބައެއްގެ އަތެއް ވާކަމަށް ތުހުމަތު ކުރެވުމުންނެވެ. އެންމެ ފަހުން އާސިފާ ވަޅުލާން ޖެހުނީ އެހެން އަވަށެއްގައެވެ.

އެ އާސިފާއަކީ ނަސީމާ ބަނޑުއަޅައި ވިހެއި ދަރިއެއް ނޫން ނަަމަވެސް އޭނާ އެ ދަރިފުޅު ދެކެ ލޯބިވަނީ މަޔެއް ފަދައިންނެވެ. އާސިފާއަކީ ނަސީމާގެ ދެ ދަރިން މީގެ އަހަރުތަކެއް ކުރިން މަރުވުމާއި ގުޅިގެން އެޑޮޕްޓް ކުރި ކުއްޖެކެވެެ.

އާސިފާގެ މަރަށް އިންސާފު ހޯދައިދިނުމަށް މުޒާހަރާތަކެއްވެސް އިންްޑިއާގެ އަވަށްްތަކުގައި ކުރިއަށް ދެއެވެ. އަދި މީސް މީޑިޔާގައިވެސް އެ ވާހަކަ ވަރަށް ގަޔަށް ދެކެވެމުން އަންނައިިރު، އާސިފާއަށް އިންސާފު ހޯދާދޭނެ ކަމަށް އިންޑިއާގެ ޔޫނިއަން މިނިސްޓަރު ވީކޭ ސިންގު ވަނީ ވަރަށް ފަހުން ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޜޭޕް

    މޯދީ ރޭޕް ގެ ބޮޑެއް ..... އެވަރު މީހުން މިރާއްޖޭގެ ޔެލޯ ކުދިން ބޭނުން ވަނީ

  2. މަކަރޭ
  3. އަޅުގަނޑު

    ޔާﷲ އާސިފާއައް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވަވާ އާއިލާއަށް ކެއްތެރިކަން ދެއްވަވާ އަދި ކުއްވެރިންނަށް ޢަޒާބު ދެއްވަވާފާނދޭވެ އާމީން