އިންޑިގޯ އެއާލައިންސްއިން ދަތުރުކުރަމުންދިޔަ ފަސެންޖަރެއްކަމުގައިވާ ސޯރަބް ރާއި ފްލައިޓުގެ ކްރޫއިން ގާތުގައި ފްލައިޓް ތެރޭގައި މަދިރި ގިނަވުމުގެ ޝަކުވާކުރުމުގެ ސަބަބުން ކްރޫއިން އޭނާގެ ލަފުގައި ހިފައި ދަމާ ފްލައިޓުން ބާލައިފިއެވެ.

ހިތުގެ އޮޕަރޭޝަންކުރާ ޑޮކްޓަރެއްކަމުގައިވާ ސޯރަބް ބުނީ އެ ހާދިސާ ހިނގައިދިޔައީ އިންޑިގޯ އެއާލައިންސްގެ ފްލައިޓެއްގައި އޭނާ އިންޑިޔާގެ ބެންގަލޯރއަށް ދަތުރުކުރަމުން ދަނިކޮށެވެ.

އިންޑިޔާގެ ނޫހަކާއި ވާހަކަދައްކަމުން ސޯރަބް ވަނީ އޭނާ ފްލައިޓުން ނެރެލީ މަދިރީގެ އުނދަގޫ ބޮޑުވުމުން އެކަމާއި ޝަކުވާކުރުމުންކަމަށް ކިޔައިދީފައެވެ. އަދި މަތިންދާބޯޓުން ގަދަކަމުން އޭނާ ނެރުމަށް ކުރި މަސައްކަތުގެ ތެރޭގައި މަތިންދާބޯޓުގެ ކްރޫއިން އޭނާއަށް އެކި ކަހަލަ އިންޒާރު ދިންކަމަށްވެސް ސޯރަބް ވަނީ ކިޔައިދީފައެވެ.

އިންޑިގޯ އެއާލައިންސްއިން ވަނީ އެ އެއާލައިންގެ ފްލައިޓެއްގައި ދަތުރުކުރަމުންދިޔަ ފަސެންޖަރަކު ބާރުގެ ބޭނުންކޮށްގެން މަތިންދާބޯޓުން ނެރެފައިވާކަމަށާއި އަދި އެހެން އަމަލުކުރަންޖެހުނީ އެ ފަސެންޖަރުގެ އަމަލުތައް ނުރައްކާތެރި ގޮތަކަށް ހުރެ އޭނާގެ ފަރާތުން އިންޒާރުގެ ބަސްތަކެއްވެސް ލިބުމުންކަމަށް ބުނެފައެވެ.

އޭނާގެ ސަބަބުން މަތިންދާބޯޓުގައި ދެން ތިބި ފަސެންޖަރުންނަށްވެސް އުނދަގޫވެގެންދިޔަކަމަށް އެ އެއާލައިންއިން ހާދިސާއާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އޭގެ އިތުރުންވެސް އެ ފަސެންޖަރު އަޑުއުފުލައި މަތިންދާބޯޓަށް ގެއްލުންދިނުމަށް އެހެން ފަސެންޖަރުންނަށްވެސް ގޮވާލިކަމަށާއި އަދި މަތިންދާބޯޓު 'ހައިޖެކް' ކުރުމުގެ ވާހަކަތަކެއްވެސް ދެއްކިކަމަށް އެ ބަޔާނުގައި އެއާލައިނުން ވަނީ ބުނެފައެވެ.

މަތިންދާބޯޓުގައި ތިބި އެހެން ފަސެންޖަރުން ވަނީ މަތިންދާބޯޓުގައި މަދިރި ގިނަ އަދަދަކަށް އުޅުނުކަމަށާއި އަދި އެކަމާއި ޝަކުވާކުރުމުން އެއްވެސް އެހީއެއް ކެބިން ކްރޫއިންގެ ފަރާތުން ނުލިބޭކަމަށް ބުނެ ކެބިން ކްރޫއިން ސޯރަބް ގާތުގައި އެހެން ފްލައިޓެއްގައި ދަތުރުކުރުމަށް ބުނިކަމަށް ހާމަކޮށްފައެވެ.

އިންޑިޔާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ މައްސަލަ ތަހުގީގުކުރަމުންދާއިރު އެ ހާދިސާގައި ހަގީގަތަށް ވާހަކަދައްކަނީ ކޮން ފަރާތަކުންކަމެއް އަދި ވަނީ ނުހޯދިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނައީސް އަޙްމަދު

    މަދިރިވެސް ގަދަނު؟ ފްރީ ކޮށްވިއްޔާ އެއް ޤަވްމުން އަނެއް ޤަވްމަށް މަތިންދާބޯޓުގައި އެ ދަތުރުކޮށްލަނީ!