އިނގިރޭސި ވިލާތުގެ މީހުންނަކ ކަޅުސައި ބުއިމަށް ލޯބިކުރާ ބައެއްކަން ދުނިޔޭގެ އެންމެނަށްވެސް އެނގެއެވެ. އިނގިރޭސިން ރާއްޖެ އައިސް ކަޅު ސައި ބޯން ފެށުމުން އެކަން ދިވެހިންގެ ފަރާތުންވެސް މިިހާރު ވަރަށް ގިނައިން ފެންނަމުންދެއެވެ. މި ދައްކަނީ ގަވާއިދުން ކަޅުސައި ބޯ މީހުންނެވެ. އެ ނުބޮއިފިނަމަ ހަމަޖެހިލައިގެން ނުތިބެވޭ މީހުންގެ ވާހަކައެވެ. ކޮންމެއަކަސް، އެ ނުފޫޒު މިހާރު ވަނީ އިނގިރޭސިން ގެންގުޅޭ ޖަނަވާރުތަކަށްވެސް ފޯރަން ފަށާފައެވެ.

ފޮޓޯ އިން އެ ފެންނަނީ ޖޭކް ނަމަކަށް ކިޔާ ފުލުސް އަހެކެވެ. މީގެ 15 އަހަރު ކުރިން މާސީސައިޑް ފުލުހުންގެ ޙިދުމަތާއި ގުޅުނު ޖޭކް މިހާރު ކޮންމެ ދުވަހަކު ތެދުވަނީވެސް ބޮޑު ކަޅުސައި ތައްޓެއް ދިނުމުންނެވެ. އޭނާ ކަޅު ސަޔަށް ލޯބި ޖެހުނީ ފުލުސް އޮފިސަރަކު އޭނާ އަށް ކަޅުސައިގެ ރަހަ ދައްކައިލި ހިސާބުންނެވެ.

މިހާރު އެ ފުލުހުން ކަޅުސައި ބޯން ބްރޭކުތައް ނަގާ ގަޑީގައި ޖޭކްވެސް ބައިވެރި ކުރުވައެވެ. ނަމަވެސް ޖޭކް އަށް ކަޅުސައި ދޭންވެސް ޖެހެނީ ވަކި ގޮތަކަށެވެ. ކަޅުސައި ތެރެއަށް ވަކި ވަރަކަށް ކިރު އަޅަން ޖެހޭއިރު، އެއް ސަމްސާ ހަކުރު އަޅާފައި ދިނުމުންވެސް ޖޭކް ސައިތަށި ބޮއެވެ. ނަމަވެސް އޭނާ ބޮޑަށް އުފާ ވަނީ ދެ ސަމްސާ ހަކުރު އެޅުމުންނެވެ. މީގެ އިތުރުން ކުޑަ ހިހޫ ފެންކޮޅެއްވެސް އޭނާގެ ސައިތަށި ތެރެއަށް އަޅަންޖެހެއެވެ. އެހެންނޫނީ އޭނާ އިންނަތަނުން ގުޑާވެސް ނުލާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިކަން ގިނައިން ހިނގަނީ ޖޭކް ހެނދުނު ތެދުވާ ގަޑީގައެވެ.

"ޖޭކް އަށް ފެންނަ ހިސާބުގައި ކަޅުސައި ތައްޓެއް ހިފައިގެން ހުރިއްޔާ 100% ގެރެންޓީ، އޭނަ އައިސް ތަށިން ބޯން ފަށާނެ" މާސީސައިޑްގެ ފުލުހަކު ބުނެފައިވެއެވެ.

ޖޭކް ކަޅުސަޔަށް ޖެހިފައިވާ އާދަޔާ ޙިލާފް ލޯބީގެ ސަބަބުން ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ވަނީ އޭނާ އަށް ހުއްޓިފައިކަން ފާހަގަކޮށްލެވެއެވެ.