އޮފީހަށް ދާން ގަޑިއަކަށް ނުއެއް ހޭލެވެއެވެ. އޮފީހަށް ގޮސްވެސް އިންނަނީ ނިދާފައެވެ. ރައްޓެއްސަކާ އެކު ބޭރަށް ދިޔަޔަސް ހުންނާނީ މަތިމަރުވެެފައި ހުންނަ ކަހަލަ ގޮތަކަށެވެ. މިދައްކަނީ މިހާރުގެ ބައެއް މީހުންގެ ވާހަކައެވެ. އަބަދު ނިދި އަންނަ މީހުންގެ ވާހަކައެވެ.

އަބަދު ނިދި އައުމަކީވެސް ހަގީގަތުގައި ބައްޔެކެވެ. އެ ބަލީގެ ނަމަކީ ""ނާކޮލެޕްސީ" އެވެ. ނާކޮލެޕްސީއަކީ މީހާގެ ގާތަށް އަބަދު ނިދި އަންނަ ބައްޔެކެވެ. މި ބައްޔަކީ އުފެދުމުގައިވެސް ބައެއް މީހުންގެ ގައިގައި ހުންނަ ބައްޔެކެވެ. އެކި މީހުންގެ ގައިގައި މި ބަލި ހުންނަނީ އެކި ވަރަށެވެ. ބޮޑަށް މި ބަލި ހުންނަ މީހުންގެ ގާތަށް ގިނައިން ނިދި އަންނަނާނެއެވެ. އަދި މި ބަލި ހުންނަ މިންވަރަށް ބަލާ، ބަލީގެ ސަބަބުން ނިދި އަންނަ ވަރު މަދުވެސް ވެއެވެ.

ނާކޮލެޕްސީގެ ސަބަބުން ދިމާވާ ހަމައެކަނި ކަމަކީ ގިނައިން ނިދި އައުމެއް ނޫނެވެ. އެ ބަލީގެ ސަބަބުން "ސްލީޕް ޕެރަލައިޒް" ވެސް ވެއެވެ. އަދި އޭގެ އިތުރުން ނިދީގައި އޮވެ މީހާ ހާސްވުމާއި، ނިދީގައި އޮވެ ވާހަކަދެއްކުން އަދި ނިދީތެރޭގައި އެކި އެކި އަޑުތައް ލައްވާ ހަރަކާތްކުރުމަކީވެސް މި ބަލީގެ ސަބަބުން މެދުވެރިވާ ބައެއް ކަންކަމެވެ.

ނާކޮލެޕްސީއަކީ ނާރު ތަކަށް އަންނަ ބަދަލަކާއި ގުޅިގެން ދިމާވާ ބައްޔަކަށް ވުމާއެކު، މި ބައްޔަށް އޮތް ހަމައެކަނި ފަރުވާއަކީ ބޭސް ބޭނުންކުރުމާއި، ކަސްރަތު ކުރުން އަދި އެކި ޒާތްޒާތުގެ ތެރަޕީ ނެގުމެވެ. ބޭސްކައި ކަސްރަތު ކުރުމުގެ ސަބަބުން މި ބަލި ދިމާވުމަށް މެދުވެރިވާ ނާރުތަކަށް ދޫކަމެއް ލިބި، މި ބަލިން މިހާ ސަލާމަތްކޮށްދެއެވެ.