ޓިކްޓޮކް އަކީ މިހާރު ދުނިޔޭގެ އެންމެ ގިނަބަޔަކު މުނިފޫހިފިލުވުމުގެ ގޮތުން ބޭނުން ކުރަމުން އަންނަ އެއް އެޕެވެ. ގިނަ ބަޔަކު މި އެޕް ބޭނުން ކުރުމަށް ލޯބި ކުރި ނަމަވެސް، ޗައިނާގެ މި ކުންފުނިން ދަނީ އެމީހުން ބޭނުން ނުވާ ވީޑިއޯތައް އޭގެން ރިމޫވް ކުރަމުންނެވެ.

ދާދި ފަހުން އެމެރިކާ އަށް ނިސްބަތްވާ 17 އަހަރުގެ ފެރޯޒް އަޒީޒް ނަމަކަށް ކިޔާ ކުއްޖަކު ވަނީ ޗައިނާ އިން އެ ގައުމުގައި ދިރިއުޅޭ މަދު މުސްލިމުންނާއި މެދު ކަންތައް ކުރާގޮތް ދޭހަވާހެން ވީޑިއޯ އެއް ލާފައެވެ. މިއާއިއެކު އެ ކުއްޖާ އަށް އޭނާގެ އެކައުންޓު ބޭނުން ކުރަން ޓިކްޓޮކް އިން ވަނީ ހުރަސްއަޅައި، އޭނާގެ އެކައުންޓު ލޮކް ކޮށްފައެވެ.

މިކަން ކުރުމަށް ފަހު އެ ކުންފުނިން ބުނެފައި ވަނީ އެ ކުއްޖާގެ އެކައުންޓު ލޮކް ކުރީ ޓެރަރިސްޓުންގެ ވީޑިއޯތައް ޕޯސްޓު ކުރާ އެހެން އެކައުންޓަކާއި އަޒީޒްގެ އެކައުންޓާއި ގުޅިފައިވާތީ ކަމަށެވެ. ނަމަވެސް އަޒީޒްގެ އެކައުންޓުގައި އެފަދަ އެއްވެސް އެއްޗެއް ނެތްއިރު، ޓިކްޓޮކް އިން މިކަން ކޮށްފައި ވަނީ އަޒީޒްގެ އެކައުންޓު ބަންދު ކުރުމުގެ އުޒުރެއްގެ ގޮތުގައެވެ.

ޗައިނާގެ ބައިޓްޑާންސް ނަމަކަށް ކިޔާ ކުންފުންޏަކުން ހިންގަމުން އަންނަ ޓިކްޓޮކް އަށް ފޭސްބުކްގެ ބާނީ މާކް ޒުކަބާގްވެސް ވަނީ ފާޑުކިޔައި، ޗައިނާ ސަރުކާރުން ބޭނުންވާ ވީޑިއޯތައް ނަގަމުން އަންނަކަމަށް ތުހުމަތު ކޮށްފައެވެ. ޗައިނާގެ ސަރުކާރުން އެމީހުންގެ ރައްޔިތުން ގެންގުޅެނީ ވަކި ފިކުރެއްގެ މަތީގައެވެ.

ޓިކްޓޮކް ބޭނުން ކުރާ މީހުން މިހާރު އެމެރިކާގައިވެސް ވަރަށް ގިނައިރު، އެމެރިކާ ސަރުކާރުން ވަނީ ޓިކްޓޮކް އިން އެމީހުން ބޭނުންވާ ވީޑިއޯތައް ނަގާނެތީ އެކަަމާއި މެދު ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ތަހުގީގުކުރަންވެސް ފަށައިފައެވެ.

ޗައިނާ ސަރުކާރުން ވަނީ އެ ގައުމުގައި ދިރިއުޅޭ އެތައް މިލިއަން މުސްލިމުންގެ ބިންތަކާއި ޒަމާންވީ ސަހަރާތައްވެސް ސަރުކާރުގެ ބޭނުމަށް ނަގާފައެވެ. އަދި އެމީހުން އެކަހެރިކޮށް، ދަނީ ޗައިނާގެ ސަރުކާރުގެ ކޮމިއުނިސްޓު ވިސްނުމަށް ތާއިދު ކުރާ ބައެއް ކަމުގައި ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މީޑީއާގެ ސަމާލުކަން އަޒީޒްގެ އެކައުންޓަށް ލިބި، މީހުންގެ ފާޑުކިޔުން އަމާޒުވުމާއި އެކު ޓިކްޓޮކް އިން ވަނީ އަޒީޒްގެ އެކައުންޓު އަނބުރާ އޭނާ އަށް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާލޭބުރިޖު

    ޗައިނާގެ ކޮމިޔުނިސްުޓުން ނަށް މިހާރު އެނގިފަވާނީ ކޮންމެ ދިމާލަކުންވެސް އިސްލާމް ދީނުގެ އަސަރުތައް ފާޅުވަމުން ދާކަން، އެކަމާއިހެދި އިސްލާމް ދީން އެހެން އިންސާނުންނަށް ވެސް އެނގި އިސްލާމް ދީނާށް ސައުވެރިވާތިވެ ކޮމިއުނިސްޓުން ޖެހިލުންވަނީ..

  2. އަލި

    ރަނގަޅު އެބައެއް އުލޭ ތަނެއްގައި އެހެން ދީން ފެތުރިގެން ނުވާނެ