އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި، އަދި މޮޑެލް، ކިމް ކާޑޭޝިއަން ދާދި ފަހުން ކުޅުނު 'އޫބާ އީޓްސް' ގެ އިޝްތިހާރު އޭނާ ކުޅުމަށް ނެގި ފީ އާއްމުވެއްޖެއެވެ. ކިމް މިހާރު އިޝްތިހާރެއްވެސް ކުޅެދެނީ މިލިއަނުން ޑޮލަރު ނަގައިފައެވެ.

އޫބާ އީޓްސް އަކީ މަޝްހޫރު ޓެކްސީ ޙިދުމަތް، އޫބާ އިން އެމީހުންގެ ޙިދުމަތްތައް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ލޯންޗުކޮށްފައިވާ ޙިދުމަތެކެވެ. މިދިޔަ މަހު ނެރުނު އިޝްތިހާރަކީ ކިމް ކާޑޭޝިއަން އޫބާ އޫބާ އީޓްސްގެ އިޝްތިހާރަކުން ފެނުނު ފުރަތަމަ ފަހަރެވެ. ކިމް އާ އެއްކޮށް އެ އިޝްތިހާރުގައި ދެން ފެނިގެން ދިޔައީ އޮސްޓްރޭލިއާގެ ކޮމޭޑިއަން އެއް ކަމަށްވާ ޝެރޯން ސްޓްރެޒިލްސްކީ އެވެ.

އެ އިޝްތިހާރުގައި ކިމް ލައިގެން ހުންނަނީ ނެޓްބޯޅަ ބިބެކެވެ. ދެމީހުން ސޯފާއެއްގައި ތިބެގެން ރޭގަނޑުގެ ކެއުމަށް އޯޑަރު ކޮށްލަން ބޭނުންވަނީ ކޯއްޗެއް ކަމާ މެދު ވާހަކަ ދެއްކުމަށްފަހު އެމީހުން އޫބާ އީޓްސް އިން ބޭނުންވާ ކެއުމަށް އޯޑަރު ކޮށްލައެވެ. އިރުކޮޅެއް ފަހުން، އެމީހުން އޯޑަރު ކުރި އޫބާ އީޓްސް ޕެކޭޖް އެމީހުން އުޅޭ ގެއަށް ޑެލިވަރީ ކޮށްދީފައިވާ ތަން އިޝްތިހާރުން ދައްކައެވެ.

ދެ މީހުން އޯޑަރު ކުރި ކެއުން ވަރަށް އަވަހަށް ލިބުމުން، ސްޓްރެޒިލްސްކީ "ނައިސް" (ސަޅި) އޭ ބުންޏެވެ. ކިމް ވެސް ފަހަތުން ހަމަ އެގޮތަށް ބުންޏެވެ. ނަމަވެސް، އެއީ އޮސްޓްރޭލިއާގެ ތަރި، ސްޓްރެޒިލްސްކީ އެ ބަސް ބޭނުންކުރި ގޮތަކަށް ނޫނެވެ. އެމެރިކާ މީހުން ވާހަކަ ދައްކާ ވައްޓަފާޅިއަށެވެ. ދެމީހުން އިރުކޮޅަކަށް އެކަމާ ބެހޭގޮތުން މަޖާޒީ ގޮތެއްގައި ބަހުސް ކުރާ ތަން އެ ވީޑިއޯ އިން ދައްކައެވެ.

ބަލާ ބެލުމަށް މާ ތަފާތު އިޝްތިހާރެއް ގޮތަކަށް ފާހަގަ ނުވި ނަމަވެސް، އިޝްތިހާރު އޫބާ އީޓްސް އިން އަމާޒުކޮށްފައިވާ އޮސްޓްރޭލިއާ މާކެޓުގައި އެ އިޝްތިހާރު ގިނަ ބަޔަކަށް ކަމުދިޔައެވެ. ބައެއް މީހުން ބުނާ ގޮތުން އެއީ މިހާތަނަށް އޫބާ ކުންފުނިން ހެދި އެންމެ މޮޅު އެއް އިޝްތިހާރެވެ. އެމެރިކާގެ 'އެން ޑަބްލިއު މެގަޒިން' ގެ ފަރާތުން މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުން ކިމް ކާޑޭޝިއަން މި އިޝްތިހާރު ކުޅެން ފީއެއްގެ ގޮތުގައި 2 މިލިއަން ޑޮލަރު ވަނީ ނަގާފައެވެ.

ބައިނަލްއަޤްވާމީ ދުނިޔޭގައި ކިމް ކާޑޭޝިއަންގެ މަޝްހޫރުކަމާއި، އޭނާގެ އެކްޓު ކުރުމުގެ ހުނަރާއި، އަދިވެސް ތަފާތު ސަބަބުތަކާ ހެދި ކިމްގެ އަގު މިހާރު އުޅެން ޖެހެނީ މިލިއަން ޑޮލަރުގައި ކަމަށް އެމެރިކާގެ މުނިފޫހިފިލުވާ ބައެއް މަޖައްލާތަކުންވެސް ވަނީ އެއްބަސްވެފައެވެ. ކިމް ކާޑޭޝިއަން އަކީ ތަފާތު އެކި ދާއިރާތަކަކުން، ހުރިހާ ތަނަކަށް މިހާރު ފަރިތަ، ބައިނަލްއަޤްވާމީ ތަރިއެކެވެ. އޭނާގެ މަޝްހޫރުކަމާ ބެހޭގޮތުން ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އަދި އިތުރު މިލިއަނެއް ދެނިކޮށް އެހެން ގޮތަކަށްވެސް އިސްތިހާރު ކުޅެދޭނެ! އެކޮއި ވަރަށް ފައްކާވާނެ!

    15
    2
  2. ހުދުހުދު

    މަހުޝަރު ދުވަހުން މަޝްހޫރު ކަމާއި މިލިޔަން ޑޮލަރުން ކުރާނީ ކޮން ފައިދާ އެއްތޯ؟

    32
    1