އަހަރެމެން ދިވެހިންގެ ތެރެއިން ގިނަ ޒުވާނުން ހަށިހެޔޮކޮށް، ދުޅަހެޔޮ ސިއްޙަތެއް ލިބިފައި ވާއިރުވެސް، ގިނަ ޒުވާނުން ތިބެނީ ވަޒީފާ އަކަށްވެސް ނުގޮހެވެ. ނަމަވެސް ފޮޓޯ އިން އެ ފެންނަ ޒުވާނަކީ ދެ އަތާއި ދެ ފައިވެސް ނެތް ހާލުގައި އެހައިމެ ބުރަ ވަޒީފާ އެއް އަދާ ކުރަމުން ކިޔަވަންވެސް ދާ މީހެކެވެ.

އިންޑިއާ އަށް ނިސްބަތްވާ އަޝީޝް އަކީ އުފަންވީ އިރުން ފެށިގެން ދެ އަތާއި ދެފައި ނެތް މީހެކެވެ. ނަމަވެސް އެ އާއިލާގައި މަސައްކަތް ކުރާނެ އިތުރު މީހަކު ނެތުމުން އަޝީޝް ވަނީ އެންމެ ކުޑައިރުން ފެށިގެން ކަންތައް ދަސް ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ.

ޕްރައިވެޓު ކުންފުންޏެއްގައި ކޮމްޕިއުޓާ އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އަޝީޝް އަށް މިހާރު ކޮމްޕިއުޓަރުން ޓައިޕްވެސް ކުރެއެވެ. ދުވާލު ގަޑީގައި ވަޒީފާ އަދާ ކުރުމަށް ފަހު އަޝީޝް އޭނާގެ ކިޔެވުމަށް އެއްވެސް ވަރަކަށް ފަރުވާކުޑައެއް ނުކުރެއެވެ.

އަޝީޝް މަސައްކަތް ކުރަނީ

"މިހާރު އަހަރެން ގްރޭޑް 10ގެ ޓެސްޓުތައް ނިންމައިފިން. ނަތީޖާ ވަރަށް ރަނގަޅު ވާނެ ކަމަށް މި ބަލަނީ. އަހަރެންގެ މުސާރަ އަކީ 10،000 ރުޕީސް. އޭގެން ބޮޑު ބައެއް ދަނީ ދަތުރުފަތުރަށް" އަޝީޝް ބުނެފައިވެއެވެ.

އަޝީޝް ދިރިއުޅެމުން އަންނަ ގެއާއި އޮފީހާއި ދެމެދު 15 ކިލޯމީޓަރު ހުރެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް އޭނާ އޮފީހަށް ގޮސް ހަދަނީ ސައިކަލެއްގައެވެ. ދެ އަތާއި ދެފައި ނެތް އިރުވެސް ސައިކަލު ދުއްވަން އަޝީޝް ދަސްކުރުމުން ގިނަ ބައެއްގެ ސަމާލުކަން އޭނާ އަށް ވަނީ ލިބިފައެވެ.

މިއީ ދަތި އުނދަގުލުގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ޒުވާނެއް ކަމުގައި ވާއިރު އަހަރެމެން ދިވެހިން މި ޒުވާނާ ނަމޫނާ އަކަށް ބަލަން ޖެހެއެވެ.