މައިންނަކީ ދަރިންނަށް އެންމެ ހެޔޮ މީހުންނެވެ. ނަމަވެސް ހުރިހާ ފަހަރެއްގައި މައިންނަކީ އެންމެ ހެޔޮ މީހުން ކަމަކަށް ނުވެއެވެ. އެކަމުގެ ހެއްކަކަށް މި ހާދިސާ ވެސް ފުދެއެވެ.

އެމެރިކާގެ ޕެންސިލްވޭނިއާގެ އުމުރުން 36 އަހަރުގެ އަންހެނެއް ކަމަށްވާ ލީސާ ރަޗެލް މިވަނީ އޭނާގެ ދެ ދަރިން ދަން ޖައްސައިގެން މަރާލާފައެވެ. އަދި ދެ ދަރިން މަރާލުމަށް ފަހު އެކަން އޮޅުވާލަން ވެސް ލީސަ ވަނީ މަސައްކަތް ކޮށްފައެވެ.

ފުލުހުން ބުނާ ގޮތުގައި ލީސާ އޭނާގެ ދެ ދަރިން ދަން ޖެއްސުމަށް ފަހު ދެ ދަރިން މަރުވާނެ ކަން ކަށަވަރު ވުމުން ވަނީ 911 އަށް ގުޅައި ދަރިންތައް ދަން ޖެހިފައި ތިބިކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. ސިއްހީ އެހީތެރިން ލީސާގެ ގެއަށް ދިޔައިރު ދެ ކުދިން ވަނީ ހޭނެތިފައެވެ. އެ ކުދިންނަށް ފަރުވާދޭން ފެށިތަނުން ދެކުދިން ވަނީ މަރުވެފައެވެ.

މަރާލާފައި ވަނީ 8 އަހަރުގެ ފިރިހެން ކުއްޖަކާއި 4 އަހަރުގެ އަންހެން ކުއްޖެކެވެ.

ލީސާ ވަނީ އެކުދިން އަމިއްލައަށް މަރުވެފައި ވަނީ ސްކޫލްގައި ގަނާގެ ޝިކާރައަކަށް ވުމުން ކަން ދެއްކުމަށް މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް ފުލުހުން ބުނީ ދެ ދަރިން މަރާލުމަށް ލީސާ ވިސްނައި، އެކަމަށް ބޭނުންވާ ބައެއް ތަކެތި ހަފްތާއެއް ކުރިން ފެށިގެން ހޯދަމުން ގެންދިޔަ ކަމުގެ ހެކި ފުލުހުންނަށް މިހާރު ވަނީ ލިބިފައެވެ.

ލީސާގެ މައްޗަށް އިއްޔެ ވަނީ ދެ ދަރިން މަރާލުމުގެ ދައުވާ އުފުލާފައެވެ. އަދި އިތުރު ބައެއް ދައުވާތައް ވެސް މިހަފްތާ ނިމުގެ ކުރިން އޭނާގެ މައްޗަށް އުފުލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖައުފަރު

    ދޮން މީހުން އުޅޭ ގޮތް

    3
    2