އިއްޔެ މީސް މީޑިޔާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ލ.ފޮނަދޫ މަތިން ގޮތްނޭނގޭ އަލިގަނޑެއްް ފެނުނު ފެނުނު ހަބަރަށެވެ. އެ ކުލަގަދަ އަލިގަނޑުގެ ފޮޓޯތައް މީސްމީޑިޔާގައި އާންމުވެގެން ދިޔުމާއެކު، ގިނަބަޔަކު ވަނީ އާޝޯހުވެފައެވެ.

މި އަލިގަނޑުގެ ހަގީގަތް މިހާރު މިވަނީ ޕްރޮފެސާ އުގައިލް ކިޔާދީފައެވެ. ޕްރޮފެސާ އުގައިލް، އެ އަލިގަނޑުގެ ހަގީގަތް ހާމަކޮށްދިނުމަށް ކޮށްފައިވާ ޓްވީތެއްގައި ބުނެފައިވަނީ އެއީ ރެއިންބޯ އިފެކްޓެއް ކަމަށެވެ. އަދި އެއީ "ކޮންޓްރެއިލްސް" ކަމަށްވެސް އުގައިލްގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އުގައިލްގެ ޕޯސްޓުގައި ބުނެފައިވަނީ، ބެލެވޭގޮތުގައި ކޮންޓްރެއިލްސް އުފެދެނީ ވިއްސާރަ ވިލާގަނޑާއި މަތިންދާބޯޓުގެ ދުމާއި އެއްވެގެން ކަމަށެވެ. އަދި އެއީ ވާރޭ ހުންނަ ވިލާގަނޑުތަކާއި، ފުލައިޓުގެ އިންޖީނުން ނިކުންނަ ދުމާއި އެއްވުމުން އުފެދޭ އެއްޗެއް ކަމަށްވެސް އުގައިލްގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.

ފޮނަދޫ މަތިން އެ ކުލަގަނޑު ފެނުމައެކު ބައެއް ފަރާތްތަކުން ވަނީ މީސްމީޑިޔާގައި އެއީ "ކްލައުޑް އިރިޑެެސެންސް" ކަމަށްވެސް ބުނެފައެވެ. "ކްލައުޑް އިރިޑެެސެންސް" އަކީ ވިއްސާރަ ދުވަސްތަކުގައި ވިއްސާރަ ދުނި އުފެދޭ ގޮތަށް އުފެދޭ އެއްޗެކެވެ. އެގޮތުން އުޑުމަތީގައި ހުންނަ ވިތާލަތުގައި ހުންނަ ފެން ތިކިތަކަށް އިރުގެ ދޯދިތައް އެޅުމުގެ ސަބަބުން، އެ ވިލާތަކުގެ ކުލަ ބަދަލުވެއެވެ. މީގެ އިތުރުން މިގޮތަށް ވިލާގަނޑުގެ ކުލަ ބަދަލުވުން "ކްލައުޑް ރެއިންބޯ" އޭވެސް ކިޔާ އުޅެއެވެ.

ފޮނަދޫ އިން "ވަގުތު" އަށް މަޢުލޫމާތު ދިން މީހަކު ބުނެފައިވަނީ މި އަލިގަނޑު ފެނިފައިވަނީ އިއްޔެ މެންދުރު ގާތްގަނޑަކަށް 12:00 ހާއިރު ކަމަށެވެ. އަދި މި އަލިގަނޑު ފެނިފައިވަނީ ރަށުގެ އިރު ދެކުނު ފަރާތުން ކަމަށްވެސް އެރަށުން މަޢުލޫމާތު ދިން މީހާ ބުނެފައިވެއެވެ. ލ.ފޮނަދޫގެ އިތުރުން ހަމަ އެ އަތޮޅުގެ ގަމަށްވެސް މި އަލިގަނޑު ފެނިފައިވާ ކަމަށް އެރަށުގެ ބައެއް މީހުންވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން 2016 ވަނަ އަހަރު އަދި 2015 ވަނަ އަހަރުގެ ތެރޭގައ ހދ ވައިކަރަދޫއިންވެސް ވަނީ މިކަހަލަ ވިލާގަނޑެއް ފެނިފައެވެ.

ވައިކަރަދޫއިން ފެނުނު ކޮންޓްރައިލް | ފޮޓޯ: މުހައްމަދު ހިލްމީ