ފޯނު ކުންފުންޏަށް ޝަކުވާ ކުރުމުގެ ގޮތުން 24،000 ފަހަރު ގުޅި އުމުރުން ދުވަސްވީ މީހަކު ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އިން ހައްޔަރުކޮށްފިއެވެ.

އުމުރުން 71 އަހަރުގެ އަކިޓޯޝީ އޮކަމޮޓޯ ޖަޕާނުގެ ފޯނު ކުންފުންޏެއް ކަމުގައިވާ ކޭޑީޑީއައި އަށް އެތައް ހާސް ފަހަރެއްގެ މަތިން ގުޅާފައި ވަނީ އެ ކުންފުނިން އޭނާ އާއި އެކު ހަދާފައިވާ ކޮންޓްރެކްޓާއި ޙިލާފްވި ކަމަށް ބުނެއެވެ.

8 ދުވަސް ތެރޭގައި އަކިޓޯޝީ 24،000 ފަހަރު އެ ކުންފުންޏަށް އޭނާގެ އަމިއްލަ ނަމްބަރުން ގުޅާފައި ވާއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން އޭނާ ވަނީ އާއްމު ތަންތަނުގައި ހުރި ފޯނުތައް ބޭނުން ކޮށްގެންވެސް އެ ކުންފުނީގެ ކަސްޓަމާ ސާވިސް މުވައްޒަފުން ކައިރީ އޭނާގެ ޝަކުވާ ކޮށްފައެވެ.

"އަކިޓޯޝީ ވަނީ އެ ކުންފުނިން ކޮންޓްރެކްޓާއި ޙިލާފުވުމުން އެތަނުގެ މުވައްޒަފުންތައް އޭނާ ކައިރިއަށް އައިސް މާފަށް އެދެން ޖެހޭނެ ކަމަށް ބުނެފަ. މީގެ އިތުރުންވެސް އޭނާ ކުރި ކަމަކީ އެ ކުންފުންޏަށް ގުޅާފައި އެމީހުން ފޯނު ނެގުމުން ވަގުތުން ކަނޑާލަނީ. އަނެއްކާވެސް ހަމަ އެގޮތަށް ކަންތައް ކުރަނީ" ޖަޕާނުގެ ފުލުހެއް މި މައްސަލަ އާއި ބެހޭގޮތުން މައުލޫމާތު ދެމުން ބުނެފައިވެއެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން ޕެންޝަންވެސް ލިބެމުން އަންނަ މި މީހާ ހައްޔަރު ކޮށްފައި ވަނީ އޮޅުވާލައިގެން ބައެއްގެ ވިޔަފާރި އަށް ހުރަސްއަޅަން މަސައްކަތް ކުރި ކަމުގެ ކުށުގެ ތުހުމަތުގައެވެ.

ދުނިޔޭގައި ޓެކްނޮލެޖީގެ ގޮތުން އެންމެ ކުރީގައި އުޅޭ ޖަޕާނުގައި އުމުރުން ދުވަސްވީ މީހުންގެ ސަބަބުން ބޮޑެތި މައްސަލަތަކެއް މުޖުތަމައުގައި ޖެހެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި އެފަދަ މީހުން ދުއްވާ ކާރުތައް ގިނަ އަދަދަކަށް އެކްސިޑެންޓުވެ، އެހެން މީހުންނަށް ގެއްލުންވުމާއި، އާއްމު ތަންތަނުގައި ޒުވާނުންނާއި ދެބަސްވެ އަރާރުންވުން ހިމެނެއެވެ.