ޕެރޫއަށް ނިސްބަތްވާ މީހަކު ޖިންސީ މައްސަލައަކާއި ވައްކަމުގެ މައްސަލައެއްގައި ޖަލަށްލި ނަމަވެސް އޭނާ މި ވަނީ އެ ޖަލު ޙުކުމުން ސަލާމަތްވެފައެވެ. ޕެރޫއަށް ނިސްބަތްވާ އެލެކްސެންޑްރާ ޖެފާރސަން ޑެލްގާޑޯ ޖަލުން ސަލާމަތްވީ ގަބޫލުކުރަންވެސް ދަތި ގޮތަކަށެެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ޑެލްގާޑޯ އެއްމާބަނޑު ބޭބެ އޭނާ ޖަލުގައި އޮއްވާ އޭނާ ކައިރިއަށް އައީ ކާއެއްޗަކާއި ސިޓީއެއް ހިފައިގެންނެވެ. ގިިއަންކަރްލޯ އެ ޖަލު ގޮޅި ކައިރިއަށް ދިޔުމުން، ޑެލްގާޑޯ ވަނީ ގިއަންކަރްލޯއަށް ސޯޑާ ދީ އޭނާ ހޭނައްތާލާފައެވެ.

އޭނާއަށް ހޭއެރިއިރު، ކަމަކު ދާކަށް ނެތެވެ. ގާޑުން ތިބީ އޭނާ ވަށާލާފައެވެ. އޭނާ ވީގޮތް ކިޔާދިނެވެ. ގާޑުން ފުރަތަމަ ގަބޫލުވެސް ނުކުރިއެވެ. ފަހަުން ގާޑުންނަށް އެކަން އެނގިގެން ދިޔައީ ފިންގާ ޕްރިންޓް ދިމާނުވުމުންެނެވެ. އެހެންވި ނަމަވެސް، އޭނާ ހުރީ ހައްޔަރުކޮށްފައެވެ. އެއީ އޭނާގެ ބޭބެ ސަލާމަތްވިގޮތް ތަހުގީގު ކުރުމަށް ކަމަށް ވެއެވެ.

ޑެލްގާޑޯ އެތަނުން ސަލާމަތްވި ގޮތް ފެންނަ ވީޑިޔޯއިން ފެންނަނީ، އޭނާ ޖަލު ގޮޅީގެ ދޮރަށް ގޮތެއް ހަދާލުމަށްފަހު ނުކުމެގެން ޗެކް ކުރާ ހަ ޕޮއިންޓްވެސް ހުރަސްކޮށް ބޭރަށް ނުކުތް މަންޒަރެެވެ. އެއްވެސް މީހަކު ޑެލްގާޑޯ ޗެކްވެސްކޮށްފައެއް ނުވެއެވެ.

އެކަން ހިނގިތާ ހަފްތާއެއްހާ ދުވަސް ފަހުން ޑެލްގާޑޯ ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ބުނީ، އޭނާ ޖަލު ގޮޅިން ފިލައިގެން ނުކުތީ މަންމަ ދެކޭ ހިތުން ކެތްމަދުވެގެން ކަމަށެވެ.

މިހާރު އޭނާ ދަނީ 16 އަހަަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އޭގެ އިތުރުން އޭނާ ޖަލުން ފިލި މައްސަލާގާއި އިތުރު ދުވަސްތަކެއް ޖަލުގައި ހޭދަކުރަން ޖެހޭނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު