ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ކަމަށްވާ ޕަބްލޯ އެސްކޮބާ މަރުވެ ދިޔަތާ އެތައް އަހަރެއް ވީއިރުވެސް އޭނާގެ ވާހަކަތަކަށް ނިމުމެއް ނާދެއެވެ. މިހާރު އަނެއްކާވެސް މިވަނީ އެސްކޮބާގެ ނަން މީޑިއާތަކުގެ ސުރުހީން ޖާގަ ހޯދާފައެވެ.

އެއީ އެސްކޮބާގެ ބޭބެ ރޮބަޓް އެސްކޮބާ ބާޒާރަށް ނެރެން ތައްޔާރުވާ ފޯނެއްގެ ސަބަބުންނެވެ. މަޅާލެވޭ ފޯނުތަކަށް ދުނިޔޭގެ ފޯނު އުފައްދާ ބޮޑެތި ކުންފުނިތަކުން ވެސް އަމާޒު ހިފާފައި ވަނިކޮށް އެސްކޮބާގެ ބޭބެ ވެސް ބާޒާރަށް ނެރެނީ މަޅާލެވޭ ފޯނެކެވެ. މި ފޯނަށް ދީފައިވާ ނަމަކީ "އެސްކޮބާ ފޯލްޑް-1" އެވެ.

ރޮބަޓް އެސްކޮބާ ބުނާ ގޮތުގައި މިއީ މަޝްހޫރު އައިފޯނަށް ވުރެ ވެސް މޮޅު ފޯނަކަށް ވާނެއެވެ. މިއީ އައިފޯނަށް ދުނިޔޭގައި ލިބިފައިވާ މަގާމު އަތިލާނެ ފޯނެއް ކަމަށް އޭނާ "ޑިޖިޓަލް ޓްރެންޑް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވެއެވެ. މި ފޯނު ވިއްކުމަށް ހަމަޖެހިފައި ވަނީ 349 އެމެރިކާ ޑޮލަރަށެވެ.

ރޮބަޓް ބުނާ ގޮތުގައި ސަމްސަންގް އާއި އެޕަލްގެ އަގުބޮޑު ފޯނުތައް ގަންނަ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފޯނު ތަޅައިގެން ދިއުމުގެ މައްސަލައެވެ. ނަމަވެސް އޭނާގެ ކުންފުނިން އުފައްދާ ފޯނަކީ ތަޅައިގެން ދާނެ ފޯނެއް ނޫން ކަމަށް އޭނާ ބުނެއެވެ.

"އަހަރެމެން ފޯނު އުފައްދާފައި ވާނީ ހާއްސަ ޕްލާސްޓިކެއް ބޭނުން ކޮށްގެން. އެހެންކަމުން މި ފޯނު ވެއްޓި ޑިސްޕްލޭ ތަޅައިގެން ދިއުން ފަދަ މައްސަލައެއް ދިމައެއް ނުވާނެ." ރޮބަޓް ބުންޏެވެ.

މީގެ އިތުރުން މި ފޯނުގައި ހާއްސަ ސަލާމަތީ ފިޔަވަޅުތަކެއް ވެސް އަޅާފައި ހުންނާނެ ކަމަށް ރޮބަޓް ބުނެއެވެ.

މިފޯނު ބާޒާރަށް ނެރެން ތައްޔާރުވަމުން ދިޔަ ނަމަވެސް ފޯނު ބާޒާރަށް ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު