ގާތް ރަހުމަތްތެރިކަމެއް ޤާއިމުކުރަން ކިތަންމެ ގިނަ އަހަރެއްވެސް ވެދާނެއެވެ. ނަމަވެސް އުފެދިފައި އޮންނަ ގާތް ކަމެއް ނެތިކޮށްލަން ނަގާނީ މަދު ސިކުންތު ކޮޅެކެވެ. މިކަމުގެ ހެއްކަކަށް، ދާދި ފަހުން އަވައްޓެރި އިންޑިއާގެ ނިއުދިއްލީގައި ދެ ރަހުމަތްތެރިންގެ ދެމެދުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާ ފުދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އުމުރުން 24 އަހަރުގެ އަންހެން ކުއްޖެއް ގަޔަށް އޭނާގެ ރަހުމަތްތެރި ރޫމްމޭޓެއް ވަނީ އެސިޑް ޖަހާފައެވެ. މި ހާދިސާ ހިނގުމުގެ ކުރިން، މި ދެ ރަހުމަތްތެރިން ވަނީ ޒުވާބު ކޮށްފައި ކަމަށާއި، އެސިޑްގެ ހަމަލާ އެ އަންހެން ކުއްޖާއަށް އަމާޒުވީ، އޭނާ އެހެން ވަޒީފާއަކަށް ބަދަލުވުމަށް ނިއުދިއްލީ ދޫކޮށް ދާ ވާހަކަ ބުނި ހިސާބުން ކަމުގައި ޚަބަރުތައް ބުނެއެވެ.

މި ދެ އަންހެން ކުދިންނަކީ އަބަދުވެސް ވަރަށް އެއްކޮށް އުޅޭ ގާތް ދެ ރަހުމަތްތެރިން ކަމަށާއި މި ފަދަ ކަމެއް ވާނޭ ކަމަށް އުންމީދުވެސް ނުކުރާ ކަމަށް މީޑިއާއަށް މައުލޫމާތު ދިން ފަރާތެއް ބުނެފައިވެއެވެ.

މި ހަމާލަގައި އެސިޑްގެ ސަބަބުން އެ އަންހެން ކުއްޖާގެ ކަރާއި އުޅަބޮށިން ބޮޑު ބައެއް ފިހިފައިވާއިރު، އިތުރުން ފަސް މީހަކަށް ވެސް ކުދިކުދި އެކި ކަހަލަ އަނިޔާ ވެފައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި އަނިޔާ ލިބުނު ހުރިހާ ފަރާތްތަކަށް މިހާރު ސިއްހީ ފަރުވާ ދެމުން ދާކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

އެސިޑް ޖެހުމުގެ ހާދިސާތަކަކީ އިންޑިއާގައި ވަރަށް އާއްމު ކަމެކެވެ. އެސިޑް ހަމަލާތަކަށް އިންސާފު ނުލިބިފައިވާ އެތައް ހާސް ބަޔަކު އިންޑިއާގައި އެބަތިއްބެވެ.