ކައިވެނިކޮށްގެން އުޅޭ އަނބިމީހާ މާބޮޑަށް ބުޅާދެކެ ލޯބިވާތީ ފިރިހެނަކު އެކަމާއި ނުރުހުންވެ، ކައިވެނީގެ ހަޔާތް ނިމުމަކަށް ގެންގޮސްފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އަނގާރަ ދުވަހުއެވެ. ޕާކިސްތާނުގެ ބައެއް ނޫސްތަކުން އެކަމާއި ހަވާލާދީ ބުނެފައިވަނީ އެދެމީހުން ވަރިކުރަން ޖެހުނީ އެ އަންހެންމީހާ މަބޮޑަށް ބުޅާދެކެ ލޯބިވާތީއެވެ. އެގޮތުން އޭނާގެ ގޭގައި އާއި، ކޮޓަރި ތެރޭގައި ވެސް ބުޅާ ގެންގުޅޭ ކަމަށް ވެއެވެ. އެ އަންހެން މީހާގެ ފިރިމީހާ އޭނާ އާއި މެދު ނުރުހުންވީ، އަނބިމީހާގެ ފަރާތުން ލިބެންޖެހޭ އަޅާލުން މިކަމުގެ ސަބަބުން ކުޑަވުމުންނެވެ.

ނޫސްތަކުން ބުނެފައިވަނީ، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން، ބުޅަލާއި ދުރުވާން އެ އަންހެންމީހާއަށް އޭނާގެ ފިރިމީހާ ވަނީ އަންގާފައެވެ. އެހެންނަމަވެސް ވަރިކުރުމާއި ހަމައަށްވެސް އޭނާ ފިރމީހާގެ ބަސް ޤަބޫލެއް ނުކުރެއެވެ.

އެ ފިރިހެން މީހާ ބުނެފައި ވަނީ، އަނބިމީހާ ވަރިކުރީ އެހެން އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށާއި، އަދިވެސް ބުޅަލާއި ދުރުވެއްޖެނަމަ އަލުން ކައިވެނި ރުޖޫއަކުރާން ތައްޔާރަށް ހުރި ކަމަށެވެ.

އެހެންނަމަވެސް އެ އަންހެންމީހާ ވަނީ ކައިވެނި ރޫޅުނަސް ބުޅަލާއި ދުރު ނުވެވޭނެ ކަމަށް ބުނެފައެވެ. އަދި ބުޅަލަކީ އޭނާ ވަރަށް ލޯބިވާ އެއްޗެއް ކަމަށާއި، ބުޅާދެކެ ފޫހިވާ މީހަކާއި އެކު އުޅެން ބޭނުންނުވާ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު