2015ވަނަ އަހަރު އިނގިރޭސިވިލާތުގެ ދެ ޒުވާނަކު އެކްސިޑެންޓުވި ހާދިސާ އަށް ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. އެއީ އެމީހުން އެ ކާރު އެކްސިޑެންޓުވި މަންޒަރު ކާރުގެ ތެރެއިން ފެންނަ ވީޑިއޯ އެއް އާއްމުވުމާއި ގުޅިގެންނެވެ. މި ވީޑިއޯ އާއްމުކޮށްފައި ވަނީ ޒުވާނުންގެ އާއިލާ އިން މިފަދަ ހާދިސާތައް މަދުކޮށ،ް މީހުން ހޭލުތެރިކުރުވުމަށް މި ވީޑިއޯ އާއްމު ކުރުމުގެ ހުއްދަ ދިނުމުންނެވެ.

އުމުރުން 20 އަހަރުގެ ކައިލް ކޭފޯޑް އާއި 21 އަހަރުގެ މައިކަލް އޮވެން އެއް ރެއެއްގެ ދަންވަރު ދުއްވަމުން ގެންދިޔައީ ތަފާތު ވައްތަރުގެ މަސްތުވާތަކެތި ބޭނުންކޮށްގެންނެވެ. އޭގެ ތެރޭގައި އެކިއެކި ބޭސްގުޅަތައްވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަމާސާ ކޮށް މަޖާ ކުރަމުން އެ ޒުވާނުން ދުއްވަމުން ދިޔައީ ގަޑިއަކު 90 މޭލު ބާރުމިނުގައެވެ. މިވަރަށް ކާރުގެ ދުވެލި ބާރު ކުރުމުގެ ކުރިން އެމީހުން ވާނީ ކާރު ބާރަށް ދާތަން ފޯނުން ވީޑިއޯވެސް ކޮށްފައެވެ. ނަމަވެސް އެހައި ބާރަށް ދަމުން ކުއްލިއަކަށް ޓްރެފިކުގައި ޖެހުމުންވެސް ކާރު މަޑު ނުކޮށް ދާތީ އެތަނުން އެއް ޒުވާނަކު ވަނީ ކާރު މަޑު ކުރުމަށް ބުނެފައެވެ.

އޭރު ވަގުތު ވަނީ ފާއިތުވެފައެވެ. ކާރު ދިޔަލެއް ބާރުކަމުން ކޮންޓްރޯލުން ނައްޓައިގެން ގޮސް އެރީ ފައްޅި އެއްގެ ފާރަށެވެ. ކާރު އެކްސިޑެންޓުވުމުން މަގުމަތިން ދިޔަ އަންހެނަކު އެޒުވާނުން ކައިރިއަށް އައިސް އެމްބިއުލޭންސް އެއް އަންނަ ކަމަށާއި ހިތްވަރު ކުރުމަށް ބުނާ އަޑު އިވެއެވެ. ނަމަވެސް، އޭރު ދެ ޒުވާނުންވެސް ވަނީ މަރުވެފައެވެ.

މި ކުދިންގެ މައިންބަފައިން މި ވީޑިއޯ އާއްމު ކުރުމަށް ފަހުގައި ބުނެފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އަދި އެ ބޭނުން ކޮށްގެން ކާރު ދުއްވުމަކީ އެއަށް ވުރެން ބޮޑަށް ނުރައްކާ ހުރި ކަމެއް ކަމަށެވެ.