އިންޑިއާގެ އަންހެނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ބިރުވެރި ކަމަކީ މަގުމަތިން ހިނގާފައި ދަނިކޮށް ބަޔަކު އައިސް އޭނާ ރޭޕް ކޮށްލަފާނެ ކަމުގެ ބިރެވެ. މިދިޔަ އަހަރުވެސް އިންޑިއާގައި އެވަރެޖް ގޮތެއްގައި ދުވާލަކަށް 90 ވަރަކަށް އަންހެނުން ރޭޕް ކޮށްލާފައި ވާއިރު، އިއްޔެވެސް ވަނީ މިފަދަ ހިތާމަވެރ ހާދިސާ އެއް ހިނގާފައެވެ.

އުމުރުން 23 އަހަރުގެ އެ އަންހެން މީހާ ރޭޕް ކޮށްލާފައި ވަނީ 5 މީހަކު ވެގެންނެވެ. އަދި ރޭޕް ކޮށްލުމަށްފަހު އެމީހުން ވަނީ އޭނާ އަންދާލަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވެ، އޭނާ މަރުވުމުގެ ކުރިން ވަނީ އެކަން ކުރި މީހުން ދެނެގަނެވޭނެ ބަޔާނެއް ދީފައެވެ. ނަމަވެސް މީހުންގެ ހިތްތަކަށް ބޮޑަށް އަސަރު ކުރީ އޭނާ މަރުވުމުގެ ކުރިން ބުނި ބަސްކޮޅެވެ.

"އަހަރެން ސަލާމަތް ކުރޭ. މަރުވާކަށް އަދި ބޭނުމެއް ނޫން. ބޭނުންވަނީ އެމީހުން ދަން ޖައްސާ މަންޒަރު ބަލަން" އެ އަންހެން މީހާގެ އެންމެ ފަހުގެ ބަސްކޮޅަށް ބުނެފައި ވެއެވެ.

އުއްތަރު ޕްރަދޭޝްގައި ހިނގި މި ހާދިސާ އަށް ފަހު އެ އަންހެން މީހާ ވަނީ ވަގުތުން ހެލިކޮޕްޓަރުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ގެނެވިފައެވެ. ނަމަވެސް އެ އަންހެން މީހާގެ ހަށިގަނޑުގެ 90 % އަނދާފައިވުމާއި ގުޅިގެން އޭނާ އަށް ޖެހުނު ކާޑިއެކް އެރެސްޓެއްގައި ވަނީ މަރުވެފައެވެ.

އެ އަންހެން މީހާގެ މަރުވުމުގެ ކުރިން ފުލުހުންނަށް ދިން ތަފްސީލް ބަޔާނުގެ ސަބަބުން މި ޖަރީމާ ހިންގުމުގައި ބައިވެރިވި 2 މީހަކު މިހައިތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އަދި ބާކީ ތިބި މީހުން ހައްޔަރު ކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ.

އޭނާ މަރުވުމުގެ ކުރިން ބުނި ފަހު ބަސްކޮޅު އިންޑިއާގެ ސިޔާސީ ވެރިންނާއި ހަމައަށްވެސް މިހާރު ވަނީ ފޯރާފައެވެ. އެ ގައުމުގެ ސިޔާސީ މަގާމުތަކުގައި ތިބި ބައެއް އަންހެން ކަނބަލުން ވަނީ މިކަން ކުށްވެރިކޮށް، އެ އަންހެން މީހާގެ ފަހުގެ އެދުމަށް އިޖާބަ ދޭން ޖެހޭ ކަމަށް ބުނެ، ރޭޕް ކުރާ މީހުން މަސް ދުވަސް ތެރޭ ދަން ޖައްސަން ގޮވާލާފައިކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގައިވެސް ރޭޕްގެ ކޭސްތައް އެންމެ ގިނައިން ހިނގަނީ އުއްތަރު ޕްރަދޭޝްގައެވެ. ނަމަވެސް ދިވެހިން އާއްމުކޮށް ގޮސް އުޅޭ ޓްރިވަންޑްރަމް، މައިސޫރު އަދި ބެންގަލޫރުގައިވެސް މިފަދަ ހާދިސާތައް ހިނގާކަމުން ހުރިހާ ދިވެހިންވެސް މިފަދަ ކަންކަމަށް ސަމާލުވުން މުހިއްމެވެ.