އެމެރިކާގެ ނިއުޖާޒީގައި އަޅާފައިވާ ހަ ކޮޓަރީގެ ގެއެއް، ބޭނުންވާ ކޮންމެ މީހަކަށް ހިލޭ ދިނުމަށް އެގޭގެ ވެރިން ނިންމައިފިއެވެ.

އާއިލާއެއް ދިރިއުޅުމަށް ބޭނުންކޮށް، ފަހުން ކްލާސްތަކެއް ހިންގަމުން ދިޔަ ތިން ބުރީގެ މި ގެޔަކީ 3300 އަކަފޫޓު ބިމެއްގައި އަޅާފައިވާ ބޮޑު ގެއެކެވެ. ރޫޅާލެވޭ ގޮތަށް ހަދާފައިވާ މިގެ ވިއްކާލަން ގޭގެ ވެރިން ނިންމާފައި ވަނީ، ގޭގައި ބޭނުންކޮށްފައި ހުރި ހުރިހާ ސާމާނަކާއި އެންމެހާ އާލާތްތަކާއިވެސް އެކީއެވެ.

ހަ ކޮޓަރި ހިމެނޭ މި ގޭގައި ތިން ފާހަނަ އާއި ސިޓިންރޫމެއްގެ އިތުރުން ބަދިގެއާއި ބެލްކަނި އަދި ސްޓޯރ ރޫމެއް ހުރެއެވެ.

ހިލޭ މި ގެ، ބޭނުންވާ ކޮންމެ މީހަކަށް ދިނުމަށް ގޭގެ ވެރިން ނިންމީ އެ ގެ ހުރި ބިމުގައި އެހެން ގެއެއް އެޅުމަށެވެ. އެހެންކަމުން ގެ ބޭނުންވާ މީހުން ޖެހޭނީ ގެ ރޫޅާލައިގެން ގޮސް އެހެން ތަނަކަށް އެ ގެ ބަދަލުކުރާށެވެ. މިގެ ހުރިތަނުން ނެގުމަށްފަހު އެހެން ތަނަކަށް ބަދަލުކުރާ ނަމަ ގާތްގަނޑަކަށް 15000 އާއި ދެލައްކަ އެމެރިކާ ޑޮލަރާއި ދެމެދުގެ ޚަރަދެއް ކުރަން ޖެހޭނެ ކަމަށް ބެލެވެއެވެ.

މި ގޭގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި އަންނަ ޖެނުއަރީ އާއި ހަމައަށް، މި ގެ ބޭނުންވާ ފަރާތްތަކަށް ފުރުސަތު އެބަ އޮތެވެ. މި ގެޔަކީ 1910 ވަނަ އަހަރު އަޅާފައިވާ ގެއެއް ކަމަށް ވެއެވެ. ނަމަވެސް އޭގެފަހުން ގިނަ މަރާމާތުތައް ކޮށް، ގޭގެ ގިނަ ބައިތައް އާކޮށްފައިވާ ކަމަށް ވެރިފަރާތުން ބުނެފައި ވެއެވެ.

ނިއުޖާޒީގައި 2017 ވަނަ އަހަރު ދިހަ ޑޮލަރަށްވެސް ގެއެއް ވިއްކާލުމަށް ހުޅުވާލާފައި ވެއެވެ. 4000 އަކަފޫޓުގެ ބިމެއްގައި އަޅާފައިވާ އެގެ ބޭނުންވާ ފަރާތެއް ނުލިބުމުން، ފަހުން ގޭގެ ވެރިފަރާތުން ވަނީ އެގެ ތަޅާލާފައެވެ.