ދުނިޔޭގައި އަބަދުވެސް ތަފާތު ކަންކަމުން މީހުން މަޝްހޫރުކަން ހޯދައެވެ. މީސް މީޑިއާއަކީ މިހާރު އެކަމަށް އެންމެ އާންމު ވަސީލަތެވެ. އެއީ އެންމެ ގިނަ މީހުން ބޭނުންކުރާ ޕްލެޓްފޯމަށްވާ އިރު، އެންމެ އަވަހަށް މީހުންގެ "އެޓެންޝަން" ދަމައިގަނެވޭނެ ޕްލެޓްފޯމަކީވެސް އެއީއެވެ.

ޒަމާން ބަދަލުވެގެންދާ ހިނދު، ޒީނަތްތެރިވުމާއި ގުޅުންހުރި ކަންކަމަށް ވެސް އެހާމެ ބަދަލު އާދެއެވެ. މިގޮތުން މޭކަޕް ކުރުމުން ފަށައިގެން ލާ އަންނައުނަށް ދާދެން ތަފާތު އެކި، އާދަޔާއި ޚިލާފު ބަދަލުތައް ފެންނަމުން ދެއެވެ. މިކަންކަން މަޤުބޫލުވެ، ގިނަ ބަޔަކަށް ކަމުދާ ޓްރެންޑަކަށް ވެގެންދިއުމަށް ވަގުތެއް ނުނަގާނެއެވެ. މިއީވެސް ޒުވާން އަންހެނުންނަށް މިގޮތުން މިހާރު މާ ކަމުދާ ޓްރެންޑެއްގެ ވާހަކައެވެ.

"އޮކްޓޮޕަސް ލިޕް" ނުވަތަ "ޑެވިލްސް ލިޕް"ގެ ނަމުން މިހާރު ޓްރެންޑުވެފައިވާ މި ކަމަކީ ސިފަ ބަދަލު ކުރުމުގައި އަންހެނުން ބޭނުންކުރަމުންދާ ސްޓައިލެކެވެ. މިގޮތުން ތުންފަތަށް ބަދަލު ގެނެސް ތުންފަތުގެ ބައްޓަމަށް ބަދަލު ކުރުމުގެ މި ޓްރެންޑް ގިނަ ބަޔަކަށް ކަމުދާތީ އެފަރާތްތަކުން މިހާރު ދަނީ މިކަން ކުރަމުންނެވެ.

އެންމެ ފުރަތަމަ "އޮކްޓޮޕަސް ލިޕް" މަޝްހޫރުވެގެން ދިޔައީ ރަޝިޔާގެ ޒުވާން އަންހެނުންގެ މެދުގައެވެ. އެއަށްފަހު މިހާރު އެމެރިކާ އާއި އިނގިރޭސިވިލާތުގައި ވެސް މިކަން ވަނީ އާންމު ކަމަކަށް ވެފައެވެ.

ހަށިގަނޑުގެ ގުނަވަނަކަށް މިފަދަ ބަދަލެއް ގެނައުމަކީ އެކަމުން ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ކުރިންވެސް ޤަބޫލު ކުރެވިފައިވާއިރު، "އޮކްޓޮޕަސް ލިޕް" އެއްގެ ބޭނުމުގައި ބޭނުންކުރަމުންދާ "ލިޕް ފިލަރ" އަކީ އެކަމުން ހީވެސް ނުކުރާ ފަދަ ނަތީޖާއެއް ނިކުމެދާނެ ކަމެއް ކަމަށް ސިއްހީ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

އެފަރާތްތަކުން ބުނާ ގޮތުގައި މިކަމުން ގެއްލުން ލިބެނީ ތުންފަތުގެ ހަންގަނޑު ތެރެޔަށް ފޮނުވާލާ މާއްދާއެއްގެ ސަބަބުން ނެވެ. މި މާއްދާ ތުންފަތުގެ ހަންގަނޑަށް އިންޖެކްޓު ކުރާ ކުރުމުގައި ލޭހޮޅިއަކަށް އޭގެ އަސަރު ކޮށްފިނަމަ އެކަން ވެގެންދާނީ ފުރާނައަށްވެސް ނުރައްކާ ވާވަރުގެ މައްސަލައަކަށް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ގިނަ ބަޔަކަށް މިހާރު މި ޓްރެންޑް ކަމުގޮސްގެން ތުންފަތަށް ބަދަލު ގެންނަމުން ދިޔަނަމަވެސް މިކަމަކީ ކިހައި ނުރައްކާތެރި ކަމެއްކަން ހާމަކުރުމަށް ސިއްހީ ތަޖުރިބާކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވަގުތީ އުފަލަކަށްޓަކައި ފުރާނަ ނުރައްކަލަށް ހުށަހަޅައި ދާއިމަށް ހިތާމަކުރަންޖެހޭ ހާލަތަކަށް ދިއުމުގެ ކުރިން މިކަމާއި ވިސްނުމަށް އެފަރާތްތަކުން އެދެއެވެ.

މީގެ ކުރިން ލޮލުގެ ކަޅިއަށް ބަދަލު ގެނައުމަށް ވެސް ބައެއް މީހުން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. މިގޮތުން ލޮލުގެ ތެރެއަށް އިންޖެކްޓުކުރާ މާއްދާއެއްގެ ސަބަބުން، އަބަދަށްޓަކައި ލޮލުގެ ފެނުން ގެއްލި ނުކުޅެދިފައިވާ މީހުން އޭގެތެރޭގައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ހީވަނީ ބަލިމަޑު ކަމެއްގެ އަލާމާތެއްހެން

    47
    1
  2. ފުއްޕި

    ވަރަށް ހަޑި ޗީ

    54
    2
  3. ޓޭކު

    ޏޮން އޮފް ޔުއަރު ބިޒުނެސް އިޓުސް ދެއަރު ބޮޑީ

    2
    43