އިނގިރޭސިވިލާތުގައި، މަޝްހޫރު 'ރޮލެކްސް' ބްރޭންޑުގެ ގަޑިއެއްގެ ދަހިވެތިކަމުގައި އެންމެ 20 އަހަރުގެ ކޮލެޖު ދަރިވަރަކު ގަޔަށް ވަޅި ޖަހައި، އޭނާ މަރާލައިފިއެވެ.

އޮމާނަށް އުފަން، މުހައްމަދު އަބްދުﷲ އަލް އަރައިމީ ގަޔަށް ވަޅި ޖަހާފައިވަނީ އޭނާ އަތުކުރީ އަޅައިގެން ހުރި ގަޑި ފޭރެންވެގެން ބަޔަކު އުޅުމުން އެކަމާ ދެކޮޅު ހެދުމުގެ ތެރެއިން ކަމަށް އޭނާގެ ރަހުމަތްތެރިން ބުނެއެވެ. ހުކުރު ދުވަހުގެ މެންދަމު ވަގުތެއްގައި ހިނގި މި ހާދިސާގައި، މުހައްމަދަށް ހަމަލާދީފައިވަނީ އޭނާ ލަންޑަނުގެ ނައިޓްސްބްރިޖް ސަރަޙައްދުގައި ހުންނަ ލަގްޒަރީ ސްޓޯރެއް ކައިރިން އިތުރު ރައްޓެއްސަކާއެކު ހިނގާފައި ދަނިކޮށެވެ.

އެ ހަމަލާ އޭނާ އަށް ދީފައިވަނީ މޫނު ނިވާކުރާ މާސްކު އަޅައިގެން ތިބި ގޭންގެއްގެ ބައެކެވެ. އެ ހަމަލާގެ ސަބަބުން މުހައްމަދުގެ ރަހުމަތްތެރިޔާ ވެސް ޒަޚަމްވެފައިވެއެވެ. ނަމަވެސް، 20 އަހަރުގެ އެ ޒުވާނާ އަށް ފުރާނަޔަށް ނުރައްކާވާ ވަރުގެ ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފައެވެ. މުހައްމަދުގެ ރަޙުމަތްތެރިޔާ ވަނީ އެ ހާދިސާ ހިނގީ ރޮލްކްސް ގަޑީގެ ދަހިވެތިކަމުގައި އެ ގަޑި، މުހައްމަދުގެ އަތުން ފޭރެން އުޅުމުގެ ތެރޭގައި ކަން ކަށަވަރުކޮށްދީފައެވެ.

"އެމީހުންގެ ތެރެއިން އެކަކު އައިސް މުހައްމަދުގެ އަގުބޮޑު ގަޑި، ހީވާގޮތުގައި ރޮލެކްސް ގަޑިއެއް ޖަހައިގަންނަން އުޅުމުން، މުހައްމަދު އެކަމާ ދެކޮޅު ހަދައި، އެމީހުންނާ ކުރިމަތިލި. އެ ހިސާބުން އެމީހުން އޭނާގެ ގަޔަށް ވަޅި ޖެހި. އޭނާގެ ރަޙުމަތްތެރިޔާ ގަޔަށްވެސް އެމީހުން ވަޅި ޖެހި. މިއީ ލަންޑަނުގެ މެދުތެރޭގައި، މުޅި ދުނިޔޭގެ އެންމެންނަށްވެސް އެނގޭ ސްޓޯރެއް ކުރިމަތީގައި ހިނގި ކަމެއް. އަހަރެން ދެރަވެ، ހިތާމަކުރަން." މުހައްމަދުގެ ރައްޓެއްސަކު ކިޔާދިނެވެ.

ހަމަލާދީ، މަރާލިއިރު، މުހައްމަދު އައީ ޕޮލިޓިކްސް އާއި އިކޮނޮމިކްސްގެ ދާއިރާއިން ކިޔަވަމުންނެވެ. އޭނާގެ މަރާ ގުޅިގެން ހެދި ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ އޭނާ މަރުވީ ވަޅީގެ ހަމަލާގެ ސަބަބުން ކަން ޔަޤީންވެފައެވެ. އިނގިރޭސި މެޓްރޯ ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު