އެމެރިކާ އަށް ނިސަތްވާ ރިޗޮމޮންޑް މެތިއު އާއި ލައުރެން އުރޭ ކައިވެނި ކުރީ މިދިޔަ މަހު އެވެ. ދެމަފިރިން ކައިވެނި ކުރުމުގެ ކުރިން ވެސް ރާވައިގެން ތިބީ އެމީހުންގެ ހަނީމޫން ނިއުޒިލެންޑްގައި ހޭދަކުރާށެވެ.

އެހެންކަމުން ކައިވެންޏަށް ފަހު "ރޯޔަލް ކެރީބިއަން" ކްރޫޒް ޝިޕްގައި ދެމަފިރިން އެމެރިކާ އިން ނިއުޒިލެންޑަށް ދަތުރުކޮށް ނިއުޒިލެންޑްގެ ވައިޓް އައިލެންޑަށް ދިޔައެވެ. ނަމަވެސް އިއްޔެ ވައިޓް އައިލެންޑްގެ އަލިފާން ފަރުބަދައެއް ކުއްލިއަކަށް ގޮވި ހާދިސާ އާއި އެކު ދެމަފިރިންގެ ހަނީމޫނަށް ވަނީ ހިޔަނިއެޅިފައެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އަލިފާން ފަރުބަދަ ގޮވި ހާދިސާގައި މެތިއުގެ ހަށިގަނޑުގެ 80 އިންސައްތަ ވަނީ ފިހިފައެވެ. ލައުރެންގެ ހަށިގަނޑުގެ 20 އިންސައްތަ ފިހިފައި ވާއިރު އޭނާގެ އޮޕަރޭޝަނެއް ކުރަން ހޮސްޕިޓަލުން ދަނީ ތައްޔާރު ވަމުންނެވެ.

މެތިއުގެ މަންމަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ދެމަފިރިން ސަލާމަތްވީ މަރުގެ އެތިފަހަރަކުން ކަމަށާއި، ފުރާނަ ސަލާމަތް ވުމުން ކޮންމެވެސް ވަރެއްގެ ހިތްހަމެޖެހުމެއް އާއިލާ އަށް ލިބިފައިވާ ކަމަށެވެ.

"މިފަދަ ހާދިސާއެއްގައި ފުރާނަ ސަލާމަތް ވުމަކީ ވެސް ވަރަށް ނާދިރުކަމެއް. އަހަރެމެން އުފާކުރަން މެތިއުގެ ދެމަފިރިން މަރުނުވެ ސަލާމަތް ވުމުން." މެތިއުގެ މަންމަ ބުންޏެވެ.

އަލިފާން ފަރުބަދަ ގޮވި ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި އިތުރު 27 މީހަކު ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އަލިފާން ފަރުބަދަ ގޮވާފައި ވަނީ އެފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު ސައިންސްވެރިން ދެމުން ދަނިކޮށެވެ. ސައިންސްވެރިންގެ އިންޒާރަށް ބެލުމެއް ނެތި، އެސަރަހައްދަށް މީހުން ދިއުމުގެ ފުރުސަތު ދީފައި އޮތް މައްސަލަ ތަހްޤީޤު ކުރަން ގިނަ ބަޔަކު މިހާރު އަންނަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު