ދެ މީހުންގެ ކައިވެންޏަށް 23 އަހަރު ފުރުނު ދުވަހު ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ދިނީ ބޮޑު ހަދިޔާއެކެވެ. މިއީ ލޯބީގެ މިސާލެއް ފަދަ ދެމަފިރިންނެވެ. ފިރިމީހާގެ ފަރާތުން އަނބިމީހާއަށް ދިނީ ފިރިމީހާގެ އެއް ކިޑްނީއެވެ.

ކެސާރް ކައްލޭ ނަމަކަށް ކިޔާ އެ ފިރިހެން މީހާ އޭނާގެ އަނބިމީހާ މޮނިކާއަށް ކިޑްނީ ހަދިޔާ ކުރިއިރު، މުޅިން ހިލޭ ޑަޔަލިސިސް ޓްރީޓްމެންޓްވެސް ހެދޭނެ ގޮތް ފިރިމީހާ ވަނީ ހަމަޖައްސާފައެވެ. މޮނިކާއަށް ޕޮލިސިސްޓިކް ކިޑްނީ ބަލި ޖެހިގެން އުޅޭތާ ގާތްގަނޑަކަށް 10 އަހަރުވީއެވެ.

ފަސް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ދެމަފިރިން ހޮލީވުޑްގެ މެމޯރިއަލް ރީޖަނަލް ހޮސްޕިޓަލުގައިދިން ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮނިކާ ބުނީ، ކިޑްނީ ޓްރާންސްޕްލާންޓަށްފަހު އޭނާގެ ދިރިއުޅުމަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ. އޭނާ ބުނީ، އެކަމެއް ވެދާނެ ކަަމަށް ހިތާ ފުރަތަމަ ހުރީ ވަރަށް ބިރުން ކަމަށެވެ.

މޮނިކާ ބުނީ، އޭނާ އުޅުނު ހާލުގައި އެހެން މީހުންވެސް އުޅޭނެ ކަމަށެވެ. އެ މީހުންނަށް ބުނެލަން ބޭނުންވަނީ "އެފަދަ ބައްޔާއި ހަނގުރާމަކޮށް ގަދަވާށޭ. ކޮންމެ ކަމެއްވެސް ރަނގަޅުވާނެއޭ" މޮނިކާ ބުންޏެވެ.

ކެސާރް އާއި މޮނިކާގެ ކްރޮސް މެޗް ދިމާވާކަން އެނގުނީ މިދިޔަ އޮކްޓޯބަރ މަސް ތެރޭގައެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް ބުނީ، ދެމަފިރިއެއްގެ މިގޮތަށް މެޗް ދިމާވުން އެއީ ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެއް ކަމަށެވެ.

ކެސާރް އާއި މޮނިކާ އުއްމީދު ކުރަނީ އެމީހުންގެ ވާހަކައިން ހިތްވަރު ލިބިގަނެގެން ކުރިއަށް އޮތްތަނުގައި ކިޑްނީ ހަދިޔާ ކުރާ މީހުންގެ އަދަދު ގިނަވާނެ ކަމަށެވެ.