ގިނަ ކާސްޓުން ތަކަކާއި އެކު، އެސް ޕްރޮޑަކްޝަނުން ތައްޔާރު ކުރާ ފީޗާރ ފިލްމު، "ލޯބި ވެވިއްޖެ" ލޯންޗު ކޮށްފިއެވެ.

މި ފިލްމު ލޯންޗު ކުރުމުގެ ރަސްމިއްޔާތު އޮތީ މިރޭ 21:00 ގައި ޓިއުލިޕް ރެސްޓޯރެންޓް ގައެވެ.

މި ފިލްމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން، ފިލްމުގެ ޑައިރެކްޓަރ، ޢަލީ ސީޒަން ވިދާޅުވީ، ފިލްމުގެ ޝޫޓިން މިމަހުގެ 23 ވަނަ ދުވަހު، ގދ.ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، ލަންކާގައިވެސް ފިލްމުގެ ދެބައިކޮށްފައި އެއްބައި މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއީ އެސްޕްރޮޑަކްޝަންގެ ފަރާތުން މި ފެށޭ އަހަރު ހަދާ އެންމެ ބޮޑު ފިލްމު. މަލްޓި ކާސްޓް ފިލްމެއް މިއީ. ރާއްޖޭގެ މަޝްހޫރު ތަރިން މި ފިލްމުން ފެނިގެން ދާނެ. އޭގެ ތެރޭގަ ހަމަ ފާހަގަކޮށްލަން، އައްޒަ، ދޮން އައްޔަ މެން ފަދަ ސްޓާރުން." ސީޒަން ވިދާޅުވިއެވެ.

މީގެ އިތުރުން، ސީޒަން ވިދާޅުވީ، މި ފިލްމަކީ ފުދޭވަރެއްގެ ބަޖެޓެއް ބޭނުންކޮށްގެން ހަދާ ފިލްމެއް ކަމަށާއި، އަންނަ އަހަރުގެ ރޯދަ މަހުގެ ފަހުން މި ފިލްމު އެޅުވޭ ވަރު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސީޒަން ކުޅެފައިވާ މަގުބޫލު ފިިލްމުތަކަށް ބަލައިލާއިރު، ހިތް ޔާރާ ދީފާ، ކަރުނަވީ ބޭވަފާ، ޖިންނި، ހަނދުކޭތަ، މިހަށިން ފުރާނަ ދަންދެން، ދިންވޭނުގެ ހިތާމާގައި، މާފެއް ނެތް، އަދި ނޯޓީ ފޯޓީ ފަދަ ފިލްމުތައް ހިމެނެއެވެ.

"ލޯބި ވެވިއްޖެ" މި ފިލްމުގެ ދެ ޕްރޮޑިއުސަރުންނަކީ، ޝާނާޒް އަދި ޢަލީ ޝާނީޒް އެވެ. ކޭޓްރިން ޕާރޓްނަރަކީ ޓިއުލިޕް އެވެ. އެކަމަޑޭޝަން ޕާރޓްނާރއަކީ، ހޮޓެލް ޔޫ މެޓް އެވެ. ޕްރިންޓިން ޕާރޓްނަރ އަކީ، ޕްރިންޓް ލެބް އެވެ.