ދުނިޔޭގެ އެންމެ ގިނަ ބަޔަކު ރީތި ފޮޓޯތައް ހިއްސާކުރަން ބޭނުންކުރާ ވެބްސައިޓް، އިންސްޓަގްރާމްގައި މިއަހަރުގެ އެންމެ އަގުބޮޑު ތަރިއަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހު ރޮނާލްޑޯ އިޓަލީގެ ޗެމްޕިއަން، ޔުވެންޓަސް އާއި ގުޅުނީ ކުރިން އޭނާއަށް ހަފްތާގެ އުޖޫރަގެ ގޮތުގައި ލިބޭ އާމްދަނީ އަށްވުރެވެސް ކުޑަ އާމްދަނީއަކަށެވެ. އެކަމަކު، މިހުރިހާ ކަމަކާ އެކުވެސް، ރޮނާލްޑޯ ވެފައިވަނީ އަދިވެސް ދުނިޔޭގައި އެންމެ ގިނަ އާމްދަނީ ލިބޭ އެއް ކުޅުންތެރިޔާ އަށެވެ. އޭނާ އަށް އަހަރެއްގެ މައްޗަށް ފުޓްބޯޅަ ކުޅެގެން އެކަނިވެސް 34 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

އެމެރިކާގެ 'ބަޒް ބިންގޯ' އިން އެކުލަަވާލި މިއަހަރުގެ އެންމެ އަގުބޮޑު 10 އިންސްޓަގްރާމް ތަރިންގެ ލިސްޓުގެ އެއްވަނައިގައިވެސް އޮތީ ޕޯޗުގަލްގެ ތަރި، ރޮނާލްޑޯ އެވެ. އޭނާގެ އިންސްޓަގްރާމް އެކައުންޓުން ސްޕޮންސަރުންގެ އިޝްތިހާރުތައް ހިއްސާކޮށްގެން އެކަނިވެސް މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 47.8 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ އަސްލު ފުޓްބޯޅަ ކުޅެގެން ހޯދާ އާމްދަނީ އަށްވުރެ ވެސް އިތުރު އަދަދެކެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާ އަށް އުފަން، ބާސެލޯނާގެ ފަޚުރު، ލިއޮނެލް މެސީ އެވެ. މެސީ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ސްޕޮންސަރުންގެ ޕޯސްޓުތައް ހިއްސާކޮށްގެން މިއަހަރު އާމްދަނީގެ ގޮތުގައި ހޯދާފައިވަނީ ރޮނާލްޑޯ ހޯދި އަދަދުގެ ދެބައި ކުޅަ އެއްބަޔަށްވުރެ ވެސް މަދު އަދަދެކެވެ. އެއީ 23.3 މިލިއަން ޑޮލަރެވެ.

ދުނިޔޭގެ މަޝްހޫރު ހުރިހާ ތަރިންނެއް ކަހަލަ ގޮތަކަށް ބޭނުންކުރާ އިންސްޓަގްރާމް ގައި މޮޑެލުންނާއި ފިލްމު ކުޅޭ މީހުންވެސް މި ލިސްޓުގައި އަންނަން ޖެހެނީ މި ދެ ކުޅުންތެރިންގެ ފަހަތުންނެވެ. އެގޮތުން މި ލިސްޓުގެ ތިންވަނައިގައި އޮތީ އެމެރިކާގެ ކާޑޭޝިއަން އާއިލާގެ ދައްތައިންގެ ތެރެއިން ގިނަ ބަޔަކު ސަޕޯޓްކުރާ އެއް ތަރި، އަދި މަޝްހޫރު މޮޑެލް، ކެންޑަލް ޖެނާ އެވެ. ކެންޑަލްގެ ސްޕޮންސަރ ޕޯސްޓުތަކުން އޭނާ އަށް ގާތްގަނޑަކަށް 16 މިލިއަން ޑޮލަރު މިއަހަރުގެ ތެރޭގައި ލިބިފައިވެއެވެ.

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ، ޑޭވިޑް ބެކަމް އުޅެނީ މި ލިސްޓުގެ 4 ވަނައިގައެވެ. ބެކަމް އަށް މިއަހަރު އިންސްޓަގްރާމް މެދުވެރިކޮށް 10.7 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޒުވާން ލަވަކިޔުންތެރިޔާ، ސެލީނާ ގޮމޭޒް އަށް ވަނީ 8 މިލިއަން ޑޮލަރު އޭނާގެ ޕޯސްޓުތަކުގައި ސްޕޮންސަރ ކޮށްދީގެން ލިބިފައެވެ.

މިހާރު ދުނިޔޭގެ އެންމެ ގިނަ ބައެއްގެ މެދުގައި އެންމެ މަޤުބޫލް މޮޑެލް، ކައިލީ ޖެނާ، މި ރޭހުގައި އުޅެނީ އޭނާގެ ދައްތައަށް ވުރެ ކުޑަތަންކޮޅެއް ފަހަތުގައެވެ. އެންމެ ޒުވާން އިރު ބިލިއަނަރަކަށް ވުމުގެ ޝަރަފްވެސް ހޯދާފައިވާ ކައިލީ އުޅެނީ މި ލިސްޓުގެ 8 ވަނައިގައެވެ. ކައިލީ އޭނާގެ ޕޯސްޓުތަކުގައި ސްޕޮންސަރުންނަށް ފުރުސަތު ދީގެން މިއަހަރު ވަނީ 3.8 މިލިއަން ޑޮލަރު ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ސަލީމްބެ

  ސާބަހޭ އަހަރުމެންގެ ރޮނާލްޑޯ ބުރޯ
  ތިގޮތުގައި ހިފަހައްޓާލާތި
  އަންނަ އަހަރުގަ ތިޔައްތުރެއް ގިނައިން ފައިސާ ލިބޭތޯ ބަލާތި!

  29
  10
 2. ތުއްތު

  ރޮނާލްޑޯ މައި ލަވް