އެމެރިކާަގެ އޮހާޔޯގައި ދާދި ފަހުން އުފަންވި ތުއްތު ކުއްޖެއްގެ އެންމެ ފުރަތަމަ ފޮޓޯ ޝޫޓު ނަގަން ފޮޓޯގްރަފަރެއް ގޮސް ނެގި ފޮޓޯތަކަށް މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ. އެއީ ސަބަބެއް ނެތިއެއްވެސް ނޫނެވެ.

އާއްމުކޮށް ކުޑަކުދިންގެ ފޮޓޯ ނަގާއިރު އެކުދިން ތިބޭނީ ނިދާފައެވެ. ނުވަތަ ހިނި އައިސްފައެވެ. އެކުދިން ރުޅި އައިސް މޫނު ހަދާފައި ވަރަށް ނުތިބެއެވެ. ޙާއްސަކޮށް އެހައި ކުޑައިރުގައެވެ. ފޮޓޯ އިން އެ ފެންނަ ލޫނާގެ އެ ފޮޓޯތައް ނަގާފައި ވަނީ އެ ކުއްޖާގެ އުމުރުން އެންމެ ދެ ހަފްތާގައެވެ.

ލޫނާގެ ފޮޓޯ ނަގަން ދިޔަ ފޮޓޯގްރަފަރު ބުނެފައި ވަނީ އެ ޝޫޓު ދިޔައީ އޭނާ ހީކުރި ގޮތަށް ނޫން ކަމަށާއި އެހެން ނަމަވެސް އެ ފޮޓޯތައް ވަރަށް ލޯބި ކަމަށެވެ.

މި ކުއްޖާގެ ފޮޓޯތައް މުޅި މީސް މީޑިއާގައި ދައުރުވަމުން އަންނައިރު، ގޫގުލް ސާޗުގައި "ގްރަމްޕީ ބޭބީ" އޭ ޖަހައިލުމުން އެންމެ ފުރަތަމަވެސް ފެންނާނީ ލޫނާގެ ފޮޓޯތައްކަން ފާހަގަކޮށްލެވެއެވެ.

މުޅި މީސް މީޑިއާގައި މި ފޮޓޯތައް ދައުރުވަމުން އަންނައިރުގައި ގިނަ ބަޔަކު ބުނަމުން އަންނަނީ ލޫނާ އެ ފޮޓޯގްރަފަރު ދެކެ އެހާ ގަޔާ ނުވަނީ ކަމަށާއި އެހެން ރުޅިއައިސްފައި އޮންނަ ސަބަބާކީ އެއީ ކަމަށެވެ. ލޫނާގެ ފުރަތަމަ ފޮޓޯ ސެޝަނައް ފަހު ދެން އެ ފޮޓޯގްރަފު ނެގި ފޮޓޯތަކުގައިވެސް ލޫނާ ހުރީ އޭނާ އާއި ދިމާލަށް ރުޅިއައިސްފައި ހުރި ވައްތަރަށް ބަލަހައްޓައިގެންނެވެ.