ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް އެމީހުންގެ ކައިވެންޏަށް އަހަރެއް ފުރުން، މިދިޔަ ހަފްތާގެ ތެރޭގައި ފާހަގަކުރި އިރު، އެމޭޒަން ޓީވީއާއި ގުޅިގެން އެމީހުންގެ އަމިއްލަ ސީރީޒް އެއް ހެދުމަށް ނިންމައިފިއެވެ.

މި ދެތަރިންގެ ޖޯޑަކީ ސެލެބްރިޓީ ޖޯޑުންގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް ޖޯޑެވެ. ޕްރިޔަންކާ ޗޯޕްރާ އަކީ ފިލްމު ކުޅުމުގެ ހުނަރުން އާއްމުންގެ މަޤްބޫލުކަން ހޯދައި، ބައިނަލްއަޤްވާމީ މަޝްހޫރުކަން ހޯދި މީހެކެވެ. އޭނާ އަކީ މިހާރު އިންޑިއާގެ އެންމެ އަގުބޮޑު، އެންމެ ނުފޫޒުގަދަ އެއް އަންހެން ތަރިއެވެ.

ނިކް ޖޮނަސް އަކީ އޭނާގެ ލަވަކިޔުމުގެ ހުނަރުގެ ސަބަބުން އާއްމުންގެ ތަރުހީބު ހޯދާފައިވާ މީހެކެވެ. އޭނާގެ ބޭބެއިންނާއެކު އުފައްދާފައިވާ 'ޖޯނަސް ބްރަދާސް' ގެ ލަވަތަކަކީ ދިވެހިންގެ މެދުގައިވެސް މަޤުބޫލު ލަވަތަކެކެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި އެމީހުންގެ ކައިވެންޏަކީ އިންޑިއާގެ ޘަގާފަތް ވަރަށް ބޮޑަށް އެކުލެވިފައިވާ، ވަރަށްވެސް ފުރިހަމަ ކައިވެންޏެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ނިކް އާއި ޕްރިޔަންކާގެ ޓީވީ ޝޯވ ޚާއްސަކުރެވިގެން ދާނީ ވެސް ބޮޑަށް އެމީހުން ކުރި ކައިވެންޏާއި ބެހޭގޮތުންނެވެ. އެމީހުންގެ ކައިވެނީގެ ތެރެއިން ބޭއްވި ތަފާތު އެކި ކަހަލަ ރަސްމީ ޙަރަކާތްތަކާއި، ކައިވެނީގެ ކުރިން ދެފަރާތުގެ އާއިލާގެ މެންބަރުން ގުޅިގެން ބޭއްވި ޕާޓީ ތަކަކީ މި ސީރީޒްގެ ތީމްގެ ގޮތުގައި ފެނިގެންދާނެ އެއްޗެހި ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މީގެ ތެރެއިންވެސް ކައިވެނީގެ ކުރިން ޕްރިޔަންކާގެ ސަންގީތު ފާހަގަކޮށްލެވެއެވެ.

އިންޑިއާ ޘަގާފަތުގައި ސަންގީތަކީ ކައިވެނީގެ ކުރިން ދެފަރާތުގެ އާއިލާގެ މީހުންނަށް ދަޢުވަތު ދީގެން ބާއްވާ އުފާފާޅުކުރުމުގެ ބޮޑު ޙަރަކާތަކަށް ކިޔާ އުޅޭ ނަމެކެވެ.

ޕްރިޔަންކާ ބުނީ އޭނާ އާއި ނިކް އާ ދެމީހުން މިދިޔަ ހަފްތާގައި އަނެއްކާވެސް އެމީހުންގެ ސަންގީތް ޕާޓީގެ ވީޑިއޯ ބަލައިފި ކަމަށާއި، އާއިލާގެ އެއްބައިވަންތަކަމާއި، އުފާވެރިކަމަކަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ. ސަންގީތަކީ ހަމައެކަނި ދެމީހުންގެ ގުޅުން ރަމްޒުކޮށްދޭ އެއްޗެއް ނޫންކަމަށާއި، އެއީ ދެފަރާތުގެ އާއިލާގެ ގުޅުން އުފައްދައި، އެއް އާއިލާ އަކަށް ހަދައިދޭ ރަމްޒެއް ކަމަށްވެސް ޕްރިޔަންކާ ބުންޏެވެ.

"މިއުޒިކްގެ މި ޒަމާންވީ ވައްޓަފާޅި މެއިންސްޓްރީމް އާއި ހަމަޔަށް މުޅިން އާ ގޮތަކަށް ގެނެސް، ދެ ލޯބިވެރިން އެމީހުންގެ ހިތްގައިމު ދަތުރު ފެށި ގޮތާ ބެހޭ ގޮތުން އެމޭޒަން އާއެކު ސީރީޒް އެއް ހެދުމަކީ އަހަރެމެން ވަރަށް ފަޙުރުވެރިވާ ކަމެއް،" އަމިއްލަ ޓީވީ ސީރީޒް އެއް ހަދަން ނިންމުމާ ބެހޭގޮތުން ޕްރިޔަންކާ ބުނީ މިހެންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ޝޯވގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ އަހަރުގެ ތެރޭގައެވެ.