މަރުވި މިލިޔަނަރެއް، އޭނާގެ ބަލި އެނދުގައި އޮވެގެން ލިޔުނު ވަސިއްޔަތުން އޭނާގެ އަނބިމީހާ ބާކީކޮށްފިއެވެ.

މި ވަސިއްޔަތުގައި އޭނާގެ މިލްކިއްޔާތުގައި ހުރި ފައިސާ ދޭނެ ފަރާތެއް ކަނޑައަޅާފައިވާއިރު، އެތަކެތި އަނބިމީހާގެ ބަދަލުގައި ލިބެނީ އެހެން ދެ މީހަކަށެވެ.

ނޫސްތަކުން ބުނާ ގޮތުގައި އުމުރުން 94 އަހަރުގައި މަރުވި ވިންފޯޑް ހޮޖް ނަމަކަށް ކިޔާ މި މުއްސަނދިމީހާގެ މިލްކިއްޔާތުގައި 1.5 މިލިޔަން ޕައުންޑު ހުއްޓެވެ.

މި ދެމީހުން ކައިވެނިކޮށްގެން އުޅޭތާ 42 އަހަރުވީއިރު، މިގޮތަށް ކަންތައް ކޮށްފައިވަނީ ސީދާ ކީއްވެގެންކަން ބުނަން ނޭނގޭކަމަށް ނޫސްތަކުން ބުނެފައިވެއެވެ. އަދި، އާއިލީ ގުޅުމެއް ނޯންނަ އެހެން ދެ މީހަކަށް މުދާތައް ދިނުމަށް ވަސިއްޔަތްކުރީ ކީއްވެކަމެއް ނޭނގޭކަމަށްވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، މި ވަސިއްޔަތުގައި، މުދާތައް ވާރުތަކުރަން ލިޔުނު ދެ މީހުންނަކީ، ހޮޖުގެ ހަޔާތުގެ އެންމެ ފަހު ދެ އަހަރު ވަރަށް ހެޔޮ ދެ މީހުންކަމަށް ބުނެފައިވާކަމަށްވެއެވެ.

ހޮޖް އަދި އޭނާގެ އަންހެނުން ތޮމްސަންގެ ހަތަރު ދަރިންވެސް ތިބޭއިރު، މި ކުދިންނަށްވެސް މުއްސަނދިކަމުން ބައެއް ދީފައެއް ނުވެއެވެ. އެހެންކަމުން މި މައްސަލަ ކޯޓަށް ވައްދާފައިވެސްވެއެވެ.

މިކަމާ ގުޅިގެން ގޮތެއް ނިންމުމަށްފަހު ކޯޓުން ބުނެފައިވަނީ، ހޮޖުގެ ވަސިއްޔަތަށް ބަދަލު ގެންނަން ކޯޓުން ނިންމާފައިވާކަމަށެވެ. އެގޮތަށް ނިންމީ، ފިރިއެއްގެ ވާޖިބު އަދާކުރުމުގައި މިލިޔަނަރު ފަރުވާ ކުޑަކުރުމުންކަމަށްވެސް ބުނެފައިވެއެވެ. ވަސިއްޔަތަށް ބަދަލު ގެނައުމަށްފަހު ތޮމްސަން އަށް ވަނީ ކޮޓެޖުގެ ގޮތުގައި 225،000 ޕައުންޑު ލިބިފައެވެ. އަދި، މާލީ އެހީގެ ގޮތުގައި އޭނާއަށް 190،000 ޕައުންޑުވެސް ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު