ޕާކިސްތާނުގެ ކަރާޗީގައި ހުންނަ ޒުލެއްގައި ސިންގާ އެއް އޭތި ބަލަހައްޓާ މީހާގެ އަތް ކާލާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.

ކަނޫ ޕްރިޑިއްޓާ ނަމަކަށް ކިޔާ އެ މީހާގެ އަތް އެ ސިންގާ ކާލާފައި ވަނީ އޭތި ކޮށި ތެރޭގައި އޮއްވާ އެއަށް ކާން ދޭން އުޅުމުގެ ތެރޭގައެވެ. މި ހާދިސާ ހިނގި ވަގުތު އެ މަންޒަރު ބަލަން ޒޫ ތެރޭގައި ގިނަ އަދަދެއްގެ އާއްމުންވެސް ތިއްބެވެ. ކަނޫ އެ ސިންގާ އަށް ކާން ދޭން އުޅުނީ އޭތި އޮތް ކޮށީގެ ބޭރުގައި ހުރެގެންނެވެ. ރޯ މަސްގަނޑެއް އެއަށް ދިއްކުރި ގަޑީގައި ސިންގާ ވަނީ ކަނޫގެ އަތުގައި ދަތް އަޅާފައެވެ. މަންޒަރު ދުށް މީހުން ބުނެފައިވާ ގޮތުގައި ކަނޫގެ ފުރާނަ ސަލާމަތްވީ އެ ކޮށީގެ ބޭރުގައި ހުރެ އޭނާ ކާން ދިނުމުން ކަމަށެވެ. އާއްމު ގޮތެއްގައި ސިންގާ ފަދަ ޖަނަވާރުތައް ގެންގުޅޭ މީހުން އެ އެއްޗެއްސެއް ކާން ދިނުމަށްޓަކައި ކޮށި ތެރެއަށްވެސް ވަންނާނެއެވެ.

މިކަން ހިނގި ވަގުތު އެތަނުގައި މީހުން ތިބި ނަމަވެސް އެމީހުން ތިބީ ބިރުން ހަދާނެ ގޮތެއް ނޭނގިފައެވެ. 40 ވަރަކަށް ސިކުންތު ވަންދެން ކަނޫ އެ ސިންގާގެ ކިބައިން ސަލާމަތްވުމަށް ވަނީ މަސައްކަތް ކޮށްފައެވެ. ރިޕޯޓުތައް ބުނާގޮތުން ކަނޫ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

ޒޫތަކުގައި ބަންދުކޮށްގެން ގެންގުޅޭ މިފަދަ މިނިކާ ޖަނަވާރުތައް ދޭތެރެ ދޭތެރެއިން އިންސާނުންނަށް ހަމަލާދެއެވެ. އަދި ބައެއް ފަހަރު އިންސާނުންގެ ފުރާނަވެސް މިފަދަ ހާދިސާތަކުގައި ގެއްލޭކަން ފާހަގަކޮށްލެވެއެވެ.