އިންޑިއާގައި 2 އާއިލާއަށް ނިސްބަތްވާ 9 މީހަކު އަމިއްލަޔަށް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އަވަށެއް ކަމަށްވާ ވިއްލުޕޫރަމް އަދި ޑިންޑިގުލް އަވަށުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނެފައިވަނީ ވިއްލުޕޫރަމަށް ނިސްބަތްވާ އަރުން ކުމާރާއި އޭނާގެ އަންހެނުން ސިވާގަމީ، 3 އަހަރުގެ އަންހެން ދަރިދުޅު، 5 އަހަރުގެ އަންހެން ދަރިފުޅު ޕްރިޔާދަރްށިނީ އާއި 3 މަހުގެ ދަރިފުޅު އަމިއްލަޔަށް މަރުވެފައިވަނީ ޒަހަރު ބޮއެގެން ކަމަށެވެ.

އަރުން އެގޮތަށް އެކަން ކޮށްފައިވަނީ އޭނާ ކުރަމުން އައި ވިޔަފާރި އަޑި އަޅައި، މީގެ ކުރިން އޭނާ ކޮށްފައިވާ ބޮޑު އިންވެސްޓްމެންޓް ނުހިނގައި މުޑު ޖެހުމުން، މާލީ ނުތަނަވަސްކަން އުފެދުމުން ކަމަށެވެ. އެގޮތުން ބޮޑު އިންވެސްޓްމެންޓެއް ކޮށް އެއިން ފައިދާ ނުލިބުމުން އެ ދެމަފިރިން ޒަހަރުން މަރުވީ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. މިކަންތައް އެނގިފައިވަނީ އަރުން މަރުވުމުގެ ކުރިން އޭނާގެ ރައްޓެއްސަކަށް “ވަޓްސްއަޕް“ މެދުވެރިކޮށް ކޮށްފައިވާ މެސެޖަކުންނެވެ.

ފުލުހުން ބުނެފައިވަނީ އެދެމަފިރިން ފުރަތަމަ ޒަހަރު ދީފައިވަނީ އެމީހުންގެ 3 ކުދިންނަށް ކަމަށާއި އޭގެ ފަހުން އެދެމަފިރިންވެސް ޒަހަރު ބުއީ ކަމަށެވެ.

ޑިންޑިގުލް އަވަށުގައި 4 މެމްބަރުން ހިމެނޭ އާއިލާއިން މަރުވެފައިވަނީ ދުއްވާފައި ދިޔަ ރޭލެއްގެ ދަށަށް ވަދެގެން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެމަރުގައި ހިމެނޭ 4 މީހުންނަކީ އުތިރާޕަތީ، ސަންގީތާ، އަބީނަޔާ ޝްރީ އަދި އަކާޝްއެވެ. ފުލުހުން ބުނެފައިވަނީ އެ 4 މީހުންނަކީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ޓްރުޗިރައްޕަލީ އަށް ނިސްބަތްވާ 4 މީހުން ކަމަށާއި އެމީހުން މަރުވެފައިވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ނޭނގޭ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު