އަހަރެންނަކީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. މިހާރު އުމުުރުން 30 އަހަރުވެފައި ހުރި ފިރިހެނެކެވެ. މިކިޔައި ދެނީ އަހަރެންގެ ޒުވާން ދުވަސްވަރުން ފެށިގެން މިހިސާބަށް އަހަރެންގެ ދިރިއުޅުން އައިގޮތެވެ. އަހަރެންގެ މައިންބަފައިންނަކީ މާލެ އަށް އުފަން މާލޭގެ ރަށްވެރިންނެވެ. މަންމަ އާއި ބައްޕަ އަށް ވާރުތައިން ލިބިފައި އޮތް ބޮޑު ދެ ގޯއްޗާއި، ބައްޕަގެ ބޮޑު ވިޔަފާރީގެ ސަބަބުން ދުނިޔެ މަތީގައި އަހަރެން ވިސްނާ ފިކުރު ކުރަން ޖެހޭ އެއްވެސް ކަމެއް ނެތެވެ. ހިތައް އެރި ކޮންމެ އެއްޗެއް ގަންނަން އަހަރެންނަށް ހަމައެކަނި ބޭނުން ވަނީ އެއްޗެއް ވިއްކަން ހުރި ތަނަކަށް އޯޑަރު ކޮށްލަން ކުރަން ޖެހޭ މަސައްކަތެއް ކުރުމެވެ. ދަތުރު ކުރަން ބޭނުންވާ ކޮންމެ ގައުމަކަށް ވެސް ދަތުރު ކޮށްލުން އެއީ ވަރަށް ގިނައިން އަހަރެން ކޮށްއުޅުނު ކަމެކެވެ.

މިފަދަ ދިރިއުޅުމެއްގައި އުޅެމުން ގޮސް އަހަރެންގެ އޯލެވެލް އާއި އޭލެވެލް ވެސް ނިންމާލައިފީމެވެ. ބައްޕަގެ ބާރުއެޅުމާއި އެކު މަތީތައުލީމް ހާސިލް ކުރަން އަހަރެން ރާއްޖެ އިން ބޭރަށް ދާން ޖެހިއްޖެއެވެ. އެއްވަނަ ދުނިޔޭގެ ގައުމަކަށް އަހަރެން ފޮނުވަން މައިންބަފައިން ބޭނުންވި ނަމަވެސް އަހަރެން ބޭނުންވީ ގިނަ ރަހުމަތްތެރިންތަކެއް އޭރު ކިޔަވަން ތިބި އަވައްޓެރި ސްރީލަންކާ އަށް ދާށެވެ. މައިންބަފައިންގެ ދެކޮޅު ހެދުމެއް ނެތި އަހަރެން ސްރީލަންކާ އަށް ފުރައިފީމެވެ.

ކިޔެވުމަކީ އަހަރެންގެ "ވަޒީފާއަށް" އޮތީ ވެފައެވެ. ކިޔެވުމުގެ މަސައްކަތް ކުރަމުން ދެން އަހަރެންގެ އުފަލަކަށްވީ އަންހެން ކުދިންނާއި އެކު ވަގުތު ހޭދަކުރުމެވެ. ރީތި އަންހެން ކުދިންގެ ހިތުން ޖާގައެއް ހޯދައިގެން އެކުދިންނާއި އެކު އަހަރެން ޒިނޭ ވެސް ކުރީމެވެ. އަހަރެންގެ އެޕާޓްމަންޓެއްގައި ކޮންމެވެސް އެއް އަންހެން ކުއްޖަކު ނޫޅޭ ވަގުތެއް ނުދާނެއެވެ. ދެމަފިރިއަކު ވެސް ދިރިއުޅޭނެ ގޮތައް އަހަރެން އެތައް ޒުވާން އަންހެން ކުދިންނަކާއި އެކު އުޅެމުން ގެންދިޔައީމެވެ. އެއް އަންހެން ކުއްޖަކަށް އަހަރެން އެހެން ކުއްޖަކާއި ގުޅުން އޮންނަން ކަމެއް ނޭނގޭނެއެވެ. ނުވަތަ ބައެއް ފަހަރު އެފަދަ ޝައްކެއް ބައެއް ކުދިންނަށްވެ، އަދި އެކަން ކަށަވަރު ވުމުން އަހަރެންނާއި ގުޅުން ކަނޑާލި ނަމަވެސް އެކަމާއި އަހަރެން ކަންބޮޑެއް ނުވަމެވެ. އެއީ އެކަކު ދާއިރު އެފަދަ ދެކުދިން އަހަރެންނަށް ލިބޭތީއެވެ.

ދުނިޔެވީ ހުރިހާ އުފަލެއް ލިބެމުން އަހަރެންގެ ހަޔާތް ކުރިއަށް ދެއެވެ. ޗުއްޓީއެއް ލިބިއްޖެނަމަ ކޮންމެވެސް އަންހެން ކުއްޖަކު ގޮވައިގެން ދުނިޔެ ބަލާލަން އަހަރެން ދަތުރު ކުރަމެވެ. މިހެން ގޮސް އަހަރެންގެ ކިޔެވުމުގެ ހަތަރު އަހަރު ނިމެން ކައިރިވެފައި ވަނިކޮށް އާދައިގެ މަތިން އެއް ދުވަހަކު ބައްޕަގެ ފޯނު ކޯލެއް ލިބުނެވެ. ބައްޕަ ބުނީ މަންމަގެ މެއަށް ތަދުވާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އުޅޭ ކަމަށެވެ. މަންމަ ހޮސްޕިޓަލްގައި އޮތީ ޓެސްޓްތަކެއް ހަދާލަން ކަމަށާއި މާބޮޑު މައްސަލައެއް ނެތް ކަމަށް ވެސް ބުންޏެވެ.

ހަމަ އެދުވަހު ހަވީރު ބައްޕަ ފޯނުކޮށްފައި ބުނީ މަންމަ ގެއަށް ދޫކޮށްލައިފި ކަމަށާއި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެއާއި އެކު އަހަރެންގެ ހިތައް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ.

ނަމަވެސް ޖެހިގެން އައި ދުވަހު ބައްޕަ އަނެއްކާވެސް އަހަރެންނަށް ފޯނުކޮށްފައި ބުނީ މަންމަގެ މޭގައި ރިއްސާތީ އަނެއްކާވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އެދުވަހު ވެސް ޑޮކްޓަރުން ބުނީ މަންމަގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް ބައްޕަ ބޭނުންވީ ވަގުތުން ރާއްޖެ އިން ބޭރަށް ފުރާށެވެ.

އެންމެ ކައިރީގައި އޮތް ގައުމަކީ ލަންކާ ކަމަށް ވާތީ މަންމަ އާއި ބައްޕަ ހަމަ އެދުވަހު ފުރައިގެން ލަންކާ އަށް އައެވެ. ލަންކާގައި ހެދި ޓެސްޓްތަކުން ވެސް ދެއްކީ މަންމަގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މަންމަގެ ބައްޔަށް ބަދަލެއް ނާދެއެވެ. ދޭތެރެ ދޭތެރެއިން މޭގައި ރިއްސައި ގަނެއެވެ. ހާލަތު ބައެއް ފަހަރު އިތުރަށް ގޯސްވަމުންދާ ހެން ވެސް އަހަރެންނާއި ބައްޕަ އަށް ހީވަމުން ދިޔައެވެ.

ލަންކާގައި ކުރި ޓެސްޓްތަކުން ވެސް މައްސަލައެއް ނުފެނި، މަންމަގެ ހާލަތައް ބަދަލެއް ނައިސް، އިތުރަށް ގޯސް ވަމުން ދާތީ އަހަރެންނާއި ބައްޕަ، މަންމަ ގޮވައިގެން ފުރީ އިނގިރޭސިވިލާތަށެވެ. އެގައުމުގެ ނަން މަޝްހޫރު ދެ ހޮސްޕިޓަލަކުން ޓެސްޓްތައް ހެދީމެވެ. މަންމަގެ ހާލަތައް އެއްވެސް ބަދަލެއް ނައެވެ.

ދެން އަހަރެމެންގެ މަންޒިލަކަށްވީ ޖަރުމަންވިލާތެވެ. މުޅި ދުނިޔެއަށް ބެލިނަމަވެސް ސިއްހީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައި އޮތް އެއް ގައުމަކީ ޖަރުމަންވިލާތެވެ. އެހެންވެ ޖަރުމަންވިލާތައް ގޮސް، އެގައުމުގެ ނަން މަޝްހޫރު ހޮސްޕިޓަލެއްގައި ހުރި ދުނިޔެއަށް ވެސް މަޝްހޫރު ޑޮކްޓަކަށް ދައްކައިފީމެވެ.

އެ ޑޮކްޓަރަށް ވެސް މަންމަގެ ކިބައިން މައްސަލައެއް ނުފެނުނެވެ. މީގެ ކުރިން އެކި ޑޮކްޓަރުން މަންމަ އަށް ދިމާވެފައި ވަނީ ގޭސްސްޓިކްޓް މައްސަލައެއް ކަމަށް ބުނެފައި ވީނަމަވެސް ޖަރުމަންގެ ޑޮކްޓަރު އެކަން ދޮގު ކުރިއެވެ. އެޑޮކްޓަރު ވަރަށް ގިނަ ވާހަކަތައް ދެއްކުމަށް ފަހު ބުނީ މަންމަ އަށް ދޭނެ އިތުރު އެއްވެސް ފަރުވާއެއް ނެތް ކަމަށެވެ. މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ދަތުރު ކުރިނަަވެސް މަންމަގެ ބަލި ކަމަށް ބުނެ، ފަރުުވާ ކުރެވޭނެ ބައްޔެއް ނުދެއްކޭނެ ކަމަށް އެ ޑޮކްޓަރު ބުންޏެވެ.

އެއާއި އެކު އަހަރެމެންގެ ގޮތް ހުސްވިއެވެ. މިހާ ހިސާބަށް އައިއިރު މަންމަ ބަލިވެ އުޅޭތާ ގާތްގަނޑަކަށް ހައެއްކަ މަސް ވެއްޖެއެވެ. ބައްޕަ ވެސް ބައްޕަގެ ރަހުމަތްތެރިންނާއި މަންމަގެ ހާލަތު ފޯނުން ހިއްސާ ކުރަމުން ގެންދެއެވެ. މިހެން ދިއުމުގެ ތެރޭގައި ބައްޕަގެ ރަހުމަތްތެރިޔަކު އެދުނީ މަންމަ އަށް ރުޤުޔާ ކުރުމަށެވެ.

ރުޤުޔާ ކުރުމަކީ ކޮންކަމެއް ކުރުން ކަމެއް އޭރު އަހަރެންނަކަށް ނޭނގެއެވެ. ނަމަވެސް ފޭސްބުކް އިން ފެންނަ ބައެއް ޕޯސްޓްތަކުން ކޮންމެވެސް ވަރަކަށް މައުލޫމާތު ލިބިފައި އޮތް ގޮތުގައި އެއީ ކީރިތި ޤުރުއާން ބަލި މީހުންގެ ކައިރީގައި ކިޔެވުމެވެ.

އަހަރެންގެ މައިންބަފައިންނަކީ ވެސް ދީނީ ކަންކަމަށް މާބޮޑު ސަމާލުކަމެއް ދިން ބައެއް ނޫނެވެ. ދޭތެރެއަކުން ނަމާދު ކުރާނެއެވެ. ރަމަޟާން މަހުގެ ރޯދަ ހިފާނެއެވެ. ރަމަޟާން މަހު ކޮންމެވެސް ވަރަކަށް ޤުރުއާން ކިޔަވާނެއެވެ. އަހަރެން ވެސް ދީނީ ކަންކަން ކުރަމުން އައީ އެގޮތަށެވެ.

ކޮންމެއަކަސް ރާއްޖެ އިން ބޭރުގެ އެއްވެސް ޑޮކްޓަރަކަށް މަންމަގެ ބަލި ދެނެނުގަނެވުމުން މަންމަ އަށް ރުޤުޔާ ކުރަން އަހަރެމެންނަށް އެއްބަސް ވެވުނެވެ. އެހެންކަމުން ރުޤުޔާ ކުރާނެ މީހަކު ހޯދުމަށް ބައްޕަގެ ރަހުމަތްތެރިޔާ ކައިރީގައި ބުނެފައި އަހަރެމެން ޖަރުމަންވިލާތުން މާލެ އަށް އައިސްފީމެވެ.

މާލެ އައިއިރު ރުޤުޔާ ކުރާ މީހަކު ހުރީ ތައްޔާރަށެވެ. އޭނާ އަހަރެމެންގެ ގެއަށް އައިސް މަސައްކަތް ފަށައިފިއެވެ. މަންމަ ކައިރީގައި އިނދެ ޤުރުއާން ކިޔަވަން ފަށައިފިއެވެ. ރުޤުޔާ ކުރަން ފެށިއިރު މަންމަ ކައިރީގައި އަހަރެންނާއި ބައްޕަ ތިބީމެވެ. އެއާއި އެކު އަހަރެންނަށް ފެނިގެން ދިޔައީ ހައިރާން ވާފަދަ މަންޒަރެކެވެ.

މަންމަގެ ގަޔަށް ބާރުތަކެއް އަހަރަމުން ދިޔައެވެ. ވަކި ހިސާބަކުން ފާޑެއްގެ އަޑަކުން މަންމަ ވާހަކަ ދައްކަން ފަށައިފިއެވެ. "މަންމަ" ގެ ވާހަކަތައް އަޑުއިވެމުން ދިޔައިރު އަހަރެން އިނީ ބިރުން ހިރިލާން ވެސް ނުކުރެވިފައެވެ. "މަންމަ" ވާހަކަ ދައްކަމުން ދިޔަ ނަމަވެސް އެއީ މަންމަގެ އަޑު ނޫންކަން އަހަރެމެންނަށް އެނގެއެވެ.

ގާތްގަނޑަކަށް 30 ވަރަކަށް މިނެޓް ވަންދެން ކިޔެވުމަށް ފަހު އެރެއަށް ކިޔެވުން ހުއްޓާލިއެވެ. ހޭނެތިފައި އޮތް މަންމަ ހޭއެރިއެވެ. ރުޤުޔާ ކުރި ރާޤީ ބުނި ގޮތުގައި އަދި އަހަރެންނަށް ވެސް ފެނުނު މަންޒަރާއި އިވުނު އަޑުތަކުން އެނގުނު ގޮތުގައި މަންމަ އާއި ވަނީ ޖިންނިއެއް އަވަލާފައެވެ. ޖިންނި އަވަލި ގޮތް ވެސް ކިޔައިދިނެވެ.

ދެން ފެށުނީ މަންމަ ރަނގަޅު ކުރުމުގެ މަސައްކަތެވެ. އަހަރެންގެ ކުރިމަތީގައި ޤުރުއާނުގެ އެކި އާޔަތްތައް ކިޔަވައިގެން އެކި ވާހަކަ ޖިންނިއާއި ދައްކައިގެން މަހެއްހާ ދުވަހުގެ ތެރޭގައި އަހަރެންގެ މަންމަ އެއްކޮށް ރަނގަޅު ވިއެވެ. އެއްވެސް ޑޮކްޓަރަކަށް ފަރުވާއެއް ނުހޯދުނު ބައްޔަށް ފަރުވާއެއް ލިބުނެވެ.

މަންމަ ރަނގަޅު ކުރަން އަހަރެންގެ ކުރިމަތީގައި ޤުރުއާން ކިޔަވަމުން ދިޔައިރު ވަމުން ދިޔަގޮތާއި ޤުރުއާނުގެ ސަބަބުން ކުރާ އަސަރު އަހަރެންގެ ލޯ ކުރިމަތީގައި ފެނިގެން ދިއުންވީ އަހަރެންގެ ހަޔާތް މުޅިން ބަދަލުކޮށްލި ކަމަކަށެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ކަންތައްތައް ކުރަން ޖެހޭނެ ކަމާއި، އެކަންކަމަށް ބޯނުލަނބައިފިނަމަ އަޒާބު ލިބޭނެކަން ވަރަށް ބޮޑަށް ހިތުގެ އަޑިން ގަބޫލު ކުރެވުނެވެ.

އެއާއި އެކު އަހަރެންގެ ހަޔާތައް ބޮޑު ބަދަލެއް ގެނައީމެވެ. ފަރުޟް ފަސް ނަމާދު ކުރުމާއި ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔުމާއި ޤުރުއާން ކިޔެވުން އެއީ ކޮންމެ ދުވަހެއްގައި ޤަވައިދުން ކުރަމުން އަންނަ ކަމަކަށް ހެދީމެވެ. ނަތީޖާ އަކަށް ވެގެންދިޔައީ އަބަދުވެސް ހިތްހަމަޖެހިފައި ހުރުމެވެ.

މި ބަދަލު އަހަރެންގެ އިތުރުން އަހަރެންގެ މަންމަ އާއި ބައްޕަ އަށް ވެސް އައެވެ. މިއަދު އެމީހުންނަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބިކުރާ ދެމަފިރިންނެވެ.

މިއަަދު އަހަރެންނަކީ މީހެއްގެ ފިރިއެކެވެ. އަހަރެމެން ދެމަފިރިން މިހާރު އިންތިޒާރު ކުރަމުން މިދަނީ އަހަރެމެންގެ ފުރަތަމަ ދަރިފުޅަށެވެ. އަހަރެންގެ އަންހެނުން އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ.

ނޯޓް: މިއީ ހަޤީޤީ ހާދިސާއެކެވެ. މި ލިޔުމުގައި ހުރި ވާހަކަތަކަކީ ވާހަކަ ކިޔައިދިން ގޮތައް އެއްވެސް ބަދަލެއް ނުގެނެސް ހާދިސާ ދިމާވި މީހާ ކިޔައިދިން ގޮތައް ލިޔެފައި ހުރި ވާހަކަތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރަޝީދު

    ވަރަށް ފުރިހަމަ ލިޔުމެއް

    123
    5
  2. ޢަމްރާން

    މަވެސް މީ ކުރިން ޑުރަގް ބޭނުން ކޮށް ވިއްކާ މީހެއް.. މަވެސް ފާފަ ކުރުން ހުއްޓާލީ ގުރުއާނުގެ ބާރު ފެނިފަ. ޚުދު އަމިއްލަ އައް ގުރުއާން ބަލައިގެން އަޒާބުގެ އާޔަތްތައް ކިޔަވާ އެ ވަމުންދާ ގޮތް ފެނިފަ ގައިން ހީބިހި ނަގައިގެން ދިޔަ !

    210
    4
  3. ވަހީދުބެ

    ތިމާމީހާއަށް ވޭތުވެދިޔަ ތާނގައި ކުރެވިފައިހުރި ފާފަތަކުގެ ވާހަކަ އެހެންމީހުންނަށް ކިޔައިދިނުމަކީ ގޯހެއް. އެކަންކުރަން އޮންނަގޮތަކީ އެކުރެވުން ފާފަތަކަށް ޢަފޫކޮށްދެއްވުމަށް އެދި ތައުބާވުން. އަދިގިނަގިނައިން ﷲ އަށް ފާފަފުއްސަވައިދެއްވުން އެދިދުޢާކުރުން. ކުރެވުނު ނުވަތަ ކުރިފާފަތައް މިލިޔުމުގައިވާގޮތަށް ތަފްޞީލުނުކޮށް ފާފަތަކަށް އަރައިގަނެ ނަހީކުރެއްވި ކަންކަން ކުރެވުނުވާހަކަ ބުނެލުމުން ފުދޭ.

    83
  4. ބާރު

    ތިޔަ ބާރު ފެނުނީ ކަލެއަށް ވިއްޔާ. އަނެއްކާ ކަލެއަށްވެސް އޮތީ އެބާރު ލިބިފަ ތަ؟

    7
    106
  5. ޖިހާދު

    އިންޓަވިއު ގެނެސްގެން ނުވި ކަންތައް ފޭކު ލިޔެގެންވެސް ކުރަން ދިމާކޮށްލީ ދޯ؟

    7
    70
  6. އިޓް

    އަޒާބު ލިބޭނެތަ؟

    13
    33
    • ....

      މަރުވާނެތަ.؟

  7. ދިވެހިމިީހަާ

    އޭ އެންމެހާ އަޚުންނޭ އެފޮތަކީ ޝިފާ އެކެވެ ބަރަކާތެކެވެ ﷲގެ މޭޒުކޮޅެވެ. އެމޭޒުން ކަލޭމެން ބޭނުންވަރަކަށް ނަގާށެވެ ބޭނުންވަރަކަށް ގާތްވާށެވެ . ރަހުމަތް ތިބައި މީހުންގެ ބޯ މަތިންނާ ފައިތިލަދަށުން ވެހުމަށްޓަކައެވެ ބަރަކާތްތެރި ނޫރެއްގައި ދިރިއުޅޭށެވެ ކީރިތި ގްރުއާން އަކީ ﷲގެ މުޢުޖިޒާތެވެ އެފޮތަށް ނިކަމެތިކޮން ހަދާމީހުން ﷲ ނިކަމެތި ކުރަށްވައެވެ އެފޮތް އިއްޒަތްތެރި ކުރާ މީހުން ﷲ އިއްޒަތް ތެރިކުރަށްވައެވެ .ތިބައި މީހުންގެ ދަރިންނަށް ހެޔޮކޮށް އެފޮތް ކިޔަން ދަސްކޮށްދޭށެވެ ހިތުގައި ނޫރުލައްވާ ހިތްއަލި ކުދިންކަމުގައި ލެއްވުމަށްޓަކައެވެ މީސްތަކުން އެކުދިންނަަާ ދެކޮޅަށް ނުކުމެއްޖެނަމަ ނޫރާނީ އަލިކަމެއް އައިސް އެކުދިން ގެމަގުއަލިކުރުމަށާ ނަސްރުދެނިވި ބާރަކުން ބާރު ލިބިދިނުމަށެވެ [.ވެން ދެއާ އިޒް ނޯ ވޭ ﷲ ވިލް ޝޯ ޔޫ އަ ވޭ ] މިއީ އަހަރެންގެ މޮޓޯއެވެ.

    108
    2
  8. ޔސރ

    غفر الله له ورحمه ووالديه
    ސީދާ ހިދާޔަތުގެ މަތީގައި މަރުވުމާ ހަމައަށް ލައްވާނދޭވެ.

    80
    4
  9. ސާޖީ

    ހަމަ އެއްޗަކަށް އެއްޗެއްލިޔެފާ ކޮމެންޓު ނުކޮށްބަލަ.... ކޮމެންޓު ކުރީމޭ ބުނަން... މިއުޅޭ މީހުންނަކަށް މިކަހަލަ ލިޔެމެއް ކިޔާލާން ހަޖަމެއްނުވޭ ކުދިންނޭ.... އަޅެ ދޮގެއްތަ؟؟؟

    35
    2
  10. ކުރުނބާ

    ރަނގަޅުދެން ޖަރުމަންވިލާތުން ނުވިކަމެއް މާލޭގެ ރާޤީއަކު ކޮށްލީމަ

    9
    21
  11. ހވނ

    އަޅުގަނޑުގެ ހަޔާތާވެސް ކޮމްމެވެސް ވަރަކަށް ގުޅޭ އާޓިކަލް އެއް. މާތްﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް ބަލާލި ކޮންމެ ތާކުން ފެނިގެން ދެއެވެ. ޢިބްރަތް ލިބޭނީ ވިސްނާ ފިކުރު ކުރުމުންނެވެ. ﷲގެ މަގަށް ދިވެހީންނަށް ހިދާޔަތް ލިބުނީތީ ޙަމްދު ކުރަން.

    72
    1