މީހަކު ހުންނަ ގޮތެއްގެ ސަބަބުން އެމީހަކާއި ކައިވެނި ކުރާނެ މީހަކު ނުވާނެ ކަމަށް ހީކުރެވިފައި އޮތްނަމަ އެއީ ވަރަށް ބޮޑަށް ކުއްހީއެކެވެ. އެކަން ސާބިތުކޮށްދިނުމަށް "ޓީއެލްސީ" އިން މިހާރު ގެންދަނީ ޓީވީ ޝޯވއެއް ފެށުމަށް ތައްޔާރު ވަމުންނެވެ. "ހޮޑް އެންޑް ހެވީ" ގެ ނަމުގައި ފަށާ ޓީވީ ޝޯވ ގައި ފެނިގެން ދަނީ ވަރަށް ފަލަ ތިން އަންހެނަކާއި އެމީހުންނަށް ވުރެ ހިކި "ސްމާޓް" އެމީހުންގެ ހަޔާތުގެ ބައިވެރިންނެވެ.

ޖަނަރަވަނީ 07 ގައި ފަށާ ޓީވީ ޝޯވގައި ބައިވެރިވެފައި ވަނީ ކްރިސް އާއި އޭނާގެ ބައިވެރިޔާ ޖޯއީ، ކްރިސްޓަން އާއި އޭނާގެ ބައިވެރިޔާ ރުސްޓީ އަދި އެޑްރިއާނާ އާއި އޭނާގެ ބައިވެރިޔާ ރިކާޑޯ އެވެ.

ޝޯވ އިން ފެނިގެން ދާނެ ރިކާޑޯ ބުނީ އެޑްރިއާނާ އަކީ އޭނާ އަށް މިހާތަނަށް ފެނުނު އެންމެ "ހޮޓް" މީހާ ކަމަށެވެ. "އަހަރެމެންނަކީ ދެ ސައިޒެއްގެ ދެމީހުން. ނަމަވެސް އެއީ ތަފާތު ކަމެއް އަހަރެމެންގެ މެދުގައި އޮންނަން ޖެހޭ ކަމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން." ރިކާޑޯ ބުންޏެވެ.

އެޑްރިއާނާ ބުނީ އޭނާ މާބޮޑަށް ފަލަވުމުން ހަޔާތުގެ ބައިވެރިޔަކު ނުލިބިދާނެ ކަމަށް މީގެ ކުރިން ހީކުރެވިފައި އޮތް ކަމަށެވެ.

"އަހަރެންގެ ހިތުގައި އަބަދުވެސް އޮންނަ އެއްޗެއް އެއީ އަހަރެންނަށް ހަޔާތުގެ ބައިވެރިޔަކު ނުލިބޭނެއޭ. ނަމަވެސް ރިކާޑޯ އަހަރެންގެ ހަޔާތައް އައުމާއި އެކު ހުރިހާކަމެއް ބަދަލުވެއްޖެ." އެޑްރިއާނާ ބުންޏެވެ.

މި ޝޯވ ގެ ޕްރޮޑިއުސަރުން އުއްމީދު ކުރަނީ ޝޯވ ގެ ސަބަބުން ފަލަ މީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެ، ކަންކަމާއި ކުރިމަތިލާން ފަސްޖެހުން މަދުވެގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައި

    މީ ޓްރޫ ލަވް، ރާއްޖެއަކުން މިކަހަލަމަންޒަރެއް ނުފެއްނޭ އެންމެން ވެސް ބޭނުންވަނީ ހިކި ، ރީތި ކުދިން،