ބުރަކަށީގެ ތަދުތަކަކީ އެތައް ބަޔަކަށް ކުރިމަތިވެފައިވާ ވަރަށް ވޭންދެނިވި ކަމެކެވެ. އެފަދަ މައްސަލަތަކަކީ އެތައް އަހަރުތަކަކަށްވެސް ދިގުދެމިގެންދާ މައްސަލަތަކަކަށްވާއިރު އެކަންކަން ރަނގަޅު ކުރުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންކަންވެސް ހުރެއެވެ.

އެންމެ ފުރަތަމަ ކުރަންވި ކަމަކީ މީހާގެ ހުންނަ ހުރުން ރަނގަޅު ކުރުމެވެ. ގުދު ލައިގެން ހުރުމުގެ ބަދަލުގައި ނުވަތަ އެއްފައި މައްޗަށް ބަރުކޮށް ހުރުމުގެ ބަދަލުގައި ހަށިގަނޑުގެ ބަރުދަން ދެ ފައި މައްޗަށް ހަމަހަމަވާނޭ ފަދައިން ހުންނާނީއެވެ. އަދި މީހާގެ ބުރަކަށްޓަށް އެންމެ ފަސޭހަ ގޮތެއް ހޯދައި އެގޮތަށް ހުރުމަށް އާދަކުރާނީއެވެ. އެކަމަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ 'ގުޑް ޕޯސްޗާރ' އެވެ. އަދި އެއީ މީހާ ޅަ އުމުރުއްސުރެންވެސް އާދަކުރަންޖެހޭ ކަމެކެވެ.

ބުރަކަށީގެ ތަދުތައް ފަސޭހަކުރުމަށް ކޮންމެ ދުވަހަކު ހެނދުނު ތެދުވުމުގެ ކުރިން އެނދު މަތީގައި ކުޑަ ކަސްރަތެއްވެސް ކުރެވިދާނެއެވެ. އުއްޑުން އޮވެ މީހާގެ އަތް ސްޓްރެޗްކުރުމަށްފަހު ފައި ޅެންބުމަށްފަހު މެޔާއި ހަމަޔަށް ގެނައުމަކީ އެގޮތުން ވަރަށް އާންމު ކަސްރަތެކެވެ. އޭގެ ސަބަބުން މީހާގެ ހަށިގަނޑު ދެމި އެ ދުވަހެއްގެ މަސައްކަތަށް ކުރިމަތިލުމަށް ކޮންމެވެސް ވަރަކަށް ތައްޔާރުވެވޭނެއެވެ.

ބުރަކަށީގައި ރިއްސާނަމަ ބަރުތަކެތި އުފުލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކަސްރަތުކޮށް ތަދުވާ ސަރަހައްދު މަސާޖްކުރުމަކީ ކުރުން އެންމެ ރަނގަޅު ކަންކަމެވެ. ތަދު ކެނޑުވުމަށް ގަނޑުފެން ޕެކްވެސް ބޭނުންކުރެވިދާނެއެވެ. ގަނޑުފެނުގެ ސަބަބުން ދުޅަވުން ދަށްވާއިރު ހަށިގަނޑުގެ ތަދު ސިގްނަލްތައްވެސް އިރުކޮޅަކަށް ހުއްޓުވައިދޭނެއެވެ.

ބުރަކަށީގައި މާ ބޮޑަށް ރިއްސާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެހެންނަމަވެސް އޭގެ ކުރިން މި ދެންނެވި ކަންކަމުން ފަސޭހައެއް ލިބޭތޯ ބެލުމަކީވެސް ރަނގަޅު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. جزاك اللهُ خيرًا

  2. ފާއިޒާ ނަސީމް

    ގަނޑުފެން ޕެކް އެއީ ރަނގަޅު އެއްޗެއް