ދުނިޔެދުއް އެންމެ ބޮޑު އެއް މަސްތުވާތަކެތީގެ ވިޔަފާރިވެރިޔާ ޕަބްލޯ އެސްކޮބާގެ ބިމެއްގައި 100 މިލިއަން ޑޮލަރުގެ އަގުބޮޑު ރިސޯޓެއް ހުޅުވައިފިއެވެ.

މެކްސިކޯގެ ޔުކަޓަން ސަރަހައްދުގައި ހުޅުވި ރިސޯޓް ތަރައްޤީ ކޮށްފައި ވަނީ ތޯރް އިކްއިޓީސް ގްރޫޕުންނެވެ. 1993 ވަނަ އަހަރު މަރުވި އެސްކޮބާގެ އާއިލާގެ އެއްވެސް މެންބަރެއްގެ ހިއްސާއެއް މި ބިމުގައި މިހާރު ނެތެވެ. ނަމަވެސް ރިސޯޓް މިހާރު ވެސް އިސްތިހާރު ކުރަމުން ގެންދަނީ އެއީ އެއް ދުވަސްވަރެއްގައި އެސްކޮބާ ދިރިއުޅުނު ސަރަހައްދެއްގެ ގޮތުގައެވެ. އެސްކޮބާ އެސަރަހައްދުގައި ދިރުއުޅެފައި ވާތީ ރިސޯޓް މާކެޓް ކުރަން ފަސޭހަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެސްކޮބާގެ އާއިލާ އިން މި ބިން ވިއްކާލާފައި ވަނީ 17.5 މިލިއަން ޑޮލަރަށެވެ. މެކްސިކޯގެ އައްސޭރިފަށުގައި އޮތް ބިމުގައި މިހާރު ވަނީ 40 ލަގްޒަރީ ކޮޓަރި ތަރައްޤީ ކޮށްފައެވެ. މިތަނުގައި ވަނީ އަގުބޮޑެތި އެއްޗެހި ގަންނަން ލިބޭ ފިހާރަތަކެއް ވެސް ތަރައްޤީ ކޮށްފައެވެ.

އެސްކޮބާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި އެހެން ހަރުފަތަކަށް ގެންދިޔަ މީހެކެވެ. އޭނާ މަރުވީ ޖަލުން ފިލައިގެން އުޅެނިކޮށް ކޮލަމްބިއާ ފުލުހުން އޭނާ ހައްޔަރު ކުރަން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުންނަށް ފިލަން ގެއެއްގެ ފުރާޅު މަތިން ދުވެފައި ދަނިކޮށް އޭނާ އަށް އަމާޒުކޮށް ޖެހި ބަޑީގެ ތިން ވަޒަން އޭނާގެ ގަޔަށް އެރިއެވެ.

އެސްކޮބާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ގިނަ އަދަދެއްގެ ފައިސާ ފަގީރުންނަށް ހަރަދު ކުރި މީހެކެވެ. އެހެންވެ އޭނާގެ ޖަނާޒާގައި 25000 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ. ދުނިޔޭގެ ތާރީޚްގައި ވެސް ގޭންގް ލީޑަރެއްގެ ޖަނާޒާގައި މިހައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު