އިނގިރޭސި ވިލާތުގައި ކާރެއްގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރަން ވެގެން ސިނގިރޭޓެއް ރޯކުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ޔޯކްޝަޔަރ ގައި މީހަކު ކާރު ތެރޭ އިނދެގެން ސިނގިރޭޓެއް ރޯ ކުރަން އުޅެނިކޮށެވެ. އެގައުމުގެ ނޫސްތަކުގައިވާ ގޮތުގައި އޭނާ ސިނގިރޭޓު ރޯކުރަން އުޅުމުގެ ތެރޭގައި ކާރުގައި އަލިފާން ރޯވެ ގޮވީއެވެ.

ކާރު ޕާކުކޮށްގެން އޮވެ ފުރަތަމަ ކާރު ތެރެއަށް އޭނާ ޖެހީ އެއާ ފްރެޝްނާ އެވެ. އެއަށްފަހު ސިނގިރެޓު ރޯކުރަން ލައިޓަރު ކަނޑާލި ތަނާ މުޅި ކާރުގައި އަލިފާން ހިފީއެވެ. އޭރު ކާރުގެ ދޮރުތައްވެސް ހުރީ ލައްޕާ، ބިއްލޫރިތައްވެސް އަރުވާފައެވެ. އޭގެ ސަބަބުން ކާރު ތެރޭގައި އަލިފާން ހިފައި، ކާރުގެ ވިންޑް ސްކްރީނާއެކު ގޮވީއެވެ. އެ ގޮވުމާއެކު ކައިރީގައި ހުރި ފިހާރައެއްގެ ބިއްލުރިތައްވެސް ވަނީ ތަޅައިގެން ގޮސްފައެވެ.

މިހާދިސާގައި އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށް ޚަބަރުތައް ބުނެއެވެ.