ބުޅާ ގެންގުޅުމަކީ ގިނަ ބަޔަކު ކުރާ ހިތްވާ، އެކަމަކަށް ދެވި ހިފާ ކަމެކެވެ. ބުޅާ ގެންގުޅޭ މީހުން ބުޅާ ދެކެ ވަނީ އާދައިގެ ލޯތްބެއް ނޫނެވެ. މިއީ ހަމަ އެގޮތަށް ބުޅާ ގެންގުޅޭ ދެ މީހެއްގެ މެދުގައި ލޯބި ފެށުނު ގޮތުގެ ވާހަކައެވެ.

ލަންޑަނަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އެޑަމް ލޯރެންސްއާއި އިލިނޮއިސްގެ ޗިކާގޯގައި ދިރިއުޅޭ އުމުރުން 25 އަހަރުގެ އެނާ ހޯސޭ ފުރަތަމަ ދިމާވީ ފޭސްބުކްގައި ހިންގާ ގްރޫޕަކުންނެވެ. ބުޅަލަށް ލޯބި ކުރާ މީހުންގެ މެދުގައި ފޮޓޯއާއި އެކި މައުލުމާތު ހިއްސާ ކުރަން ހަދާފައިވާ "ދަ ކެޓް އިޒް ޗޮންކީ" ގްރޫޕުން އެ ދެމީހުން ދިމޭވެ ވާހަކަ ދައްކަން ފެށީ އެޑަމް ލާފައި އިން ފޮޓޯއަކަށް އެނާ ކޮމެންޓު ކުރި ހިސާބުންނެވެ.

އެޑަމް ލާފައި އިނީ އޭނާގެ ބުޅަލާއެކު ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއަށް އެނާ ކޮމެންޓު ކުރީ އެ ދެމީހުން ވަރަށް "ކިއުޓް" ކަމަށް ބުނެއެވެ. އެއަށްފަހު ފޭސްބުކް މެދުވެރިކޮށް ދެމީހުން ވާހަކަ ދައްކަން ފެށިއެވެ. އަދި ބައްދަލުވާންވެސް ނިންމިއެވެ. އެގޮތުން އެޑަމް ވަނީ އެނާއާ ބައްދަލުކުރަން 4000 މޭލު ހުރަސްކޮށް ޗިކާގޯއަށް ގޮސްފައެވެ. އަދި މިހާރު އެ ދެ މީހުން ދަނީ "ލޯން ޑިސްޓެންސް ޑޭޓް" ކުރަމުން ކަމަށް ވެއެވެ.