ކުޅިކޮށް ކެއުމަކީ ދިވެހިންގެ މެދުގައިވެސް އާންމު ކަމެކެވެ. ކުޅިކޮށް ނުކެވޭ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް މިރުހުގެ ސަބަބުން ލިބިދޭ ފައިދާތައް ގިނަ މީހުންނަށް ނޭނގޭ ކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ.

އިޓަލީގައި ހުންނަ މެޑިޓޭރިނިއަން ނިއުރޮލޮކިކަލް އިންސްޓިޓިއުޓްއިން ކުރިއަށް ގެންދިޔަ ދިރާސާ އަކުން ދެއްކި ގޮތުގައި މިރުހަކީ ހަށިގަނޑަށް ފައިސާ ކުރަނިވި އެއްޗެކެވެ. އެ ދިރާސާ ކޮށްފައިވަނީ 23،000 މީހުންގެ މެދުގައެވެ. އޭގެ ތެރެއިން ބައެއް މީހުން މިރުސް ބޭނުންކޮށްފައިވާ އިރު ބައެއް މީހުން އެއްވެސް ގޮތަކަށް މިރުސް ބޭނުން ނުކުރެއެވެ. 8 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއިން ދެއްކި ގޮތުގައި މިރުހުގެ ބާވަތްތައް ކެއި މީހުންނަށް ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމުގެ ޕަސެންޓު ވަނީ 40 ޕަސެންޓަށް ތިރިވެފައެވެ.

އެކަން ހާމަވެފައިވައިރު އެ ދިރާސާކުރި ފަރާތްތަކުން ދަނީ މިރުހުގެ ސަބަބުން ސްޓްރޯކާއި ހާޓް އެޓޭކް ޖެހުމުގެ ޕަސެންޓު މަދުވުމަށް މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތް ފަށާފައެވެ. އެ ފަރާތްތަކުން ބޭނުން ވަނީ މިރުހުގައި އެކަން ކުރުމަށް ހުރީ ކޮން މާއްދާއެއް ތޯ ބެލުމެވެ.