އިންޑިއާގެ ކަރްނާޓަކާ އަށް ނިސްބަތްވާ ދަނޑުވެރިޔަކު މަޝްހޫރު ލަވަކިތުންތެރިޔާ ޖަސްޓިން ބީބާގެ ލަވަ ކިޔާ މަންޒަރު ފެންނަ ވީޑިއޯ އަށް ބޮޑު ސަމާލުކަމެއް ލިބެމުން އެބަދެއެވެ.

މި ދަނޑުވެރިޔާ އަށް ރަނގަޅަށް އިނގިރޭސި ނޭނގުނު ނަމަވެސް، އޭނާ ޖަސްޓިންގެ "ބޭބީ" ލަވަ ކިޔާ އިރުގައި އެއްވެސް ގޯހެއް ހުންނަ ކަމަކަށް ފާހަގައެއް ނުކުރެވެއެެވެ. އެ ގައުމުގެ ރިޕޯޓުތައް ބުނާގޮތުން މީގެ ކުރިންވެސް މި ދަނޑުވެރިޔާ ވަނީ މިފަދަ މަޝްހޫރު ލަވަތައް ކިޔައި، އޭނާގެ އަވަށުގައި ދިރިއުޅޭ މީހުންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިކަން ފާހަގަކޮށްލެވެއެވެ.

ޕްރަދީބް ނަމަކަށް ކިޔާ މީހާ ބުނެފައިވާ ގޮތުގައި އޭނާ ސްކޫލުގައި ކިޔަވަން އުޅުނު އިރު އިނގިރޭސި މާއްދާ އިން ވަނީ ފެއިލްވެފައި ކަމަށާއި އެހެން ނަމަވެސް އޭނާ އިނގިރޭސި ބަހުން ކިޔާފައި ހުންނަ ލަވަތައް އަޑުއަހައި، ކިޔުމަށް ވަރަށް ލޯބި ކުރާ ކަމަށެވެ.

"އަހަންނަކަށް ނޭނގޭ އިނގިރޭސި ބަހެއް. އެކަމު ހުސް ވަގުތެއް ލިބޭ އިރަށް އަބަދުވެސް ކަންފަތަށް ހެޑްސެޓް ޖަހައިގެން އަހަރެން އިންނަނީ އިނގިރޭސި ލަވަ އަޑުއަހަން" އިންޑިއާ ނޫސްތަކަށް މައުލުމާތު ދެމުން ޕްރަދީބް ބުނެފައިވެއެވެ.

ދާދި ފަހުން އޭނާ ކިޔާފައިވާ ބޭބީ ލަވަ ނަގަން ދިޔަ މީހާ ވަނީ ޕްރަދީބް ލައްވައި އެ ލަވަކިޔުއްވުމަށް އޭނާ ގާތު ވަރަށް އާދޭސް ކޮށްފައެވެ. ތިރީގައިި އެވަނީ ޕްރަދީބް ކިޔާފައިވާ ލަވައިގެ ވީޑިއޯއެވެ.