ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ފްރެންސިސްކޯއަށް އުފަން އަންހެނަކު އޭނާ އޮޅުކޮށްގެން ގެންގުޅޭ ކުއްތާ ގެއްލުމުން ލައްކައިން ފައިސާ ހަރަދު ކުރަން ތައްޔާރު ވެއްޖެއެވެ.

އެމިލީ ޓަލާމޯ ބުނެފައިވަނީ އޭނާ އޮޅުކޮށްގެން ގެންގުޅެމުން އަންނަ އުމުރުން 5 އަހަރުގެ (އޮސްޓްރޭލިއަން ޝެޕާޑް) ޖެކްސަން ވަގަށް ނަގާފައިވަނީ އޭނާ ފިހާރައަކަށް ވަދެ ހުއްޓައި ކަމަށެވެ.

އޭނާ މިހާރު ވަނީ ޖެކްސަން ހޯދުމަށް 7000 އެމެރިކާ ޑޮލަރު ހަރަދު ކުރާނެ ކަމަށް މީޑިއާތަކަށް ބުނެފައެވެ. އޭގެ އިތުރުންވެސް އޭނާ ވަނީ ޖެކްސަން ފެނޭތޯ ބަލަން އެގައުމުގެ މަތިން ދުއްވުމަށް މަތިންދާ ބޯޓެއްވެސް ކުއްޔަށް ހިފާފައެވެ.

އެގޮތުން އެ މަތިންދާ ބޯޓު ހިފުމަށް އޭނާ ވަނީ މުޅިއަކު 1200 ޑޮލަރު ހަރަދު ކޮށްފައެވެ. އެ ބޯޓުގެ ފަހަތުގައި އޭނާ ވަނީ ޖެކްސަންގެ ފޮޓޯއެއް ޖަހާފައެވެ. އަދި ގެއްލިގެން ހޯދަމުން އަންނަ ކަން އެގައުމުގެ މީހުންނަށް އިނގޭނެ ގޮތަކަށް އޭނާ ވަނީ އެ ބެނާގައި ޖަހާފައެވެ.

އެމިލީ ބުނެފައިވަނީ އޭނާ، ޖެކްސަން ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

"މިހާރުވެސް މަސައްކަތް ކުރަމުން މިއަންނަނީ އޭތި ފެނޭތޯ. ނުފެންނަހާ ހިނދަކު މި މަސައްކަތެއް ނުހުއްޓާނަން. ފައިސާ ދީގެން ކުރަންޖެހޭ ކަންތައްވެސް ކުރުވާނަން" އެމިލީ ބުންޏެވެ.

ޖެކްސަން ހޯދުމަށްޓަކައި އޭނާގެ ރައްތެހިންނަށާއި ގާތްތިމާގެ މީހުންނަށްވެސް އޭނާ ވަނީ ޖެކްސަންގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތަކެއް ހަވާލު ކޮށްފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ޖެކްސަން ހޯދި ފަރާތަކަށް 7000 ޑޮލަރު ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ނިންމާފައެވެ.

އެމިލީ ބުނީ، ޖެކްސަން ލިބިފައިވަނީ ނިއުޔޯކުން ކަމަށާއި، އެމީހުން ލޮސްއެންޖެލޮސް އަށް ބަދަލުވެފައި ސެންފްރެންސިސްކޯ އަށް ބަދަލުވެގެން އުޅޭތާ މާ ގިނަ ދުވަހެއް ނުވާނެ ކަމަށެވެ.