ކައިވެންޏަކީ އުމުރުގެ ބާކީ އޮތް ހުރިހާ ދުވަހެއް އެހެން މީހަކާއި ހިއްސާކޮށްގެން ފަށާ ދަތުރެކެވެ. އެހެންކަމުން އެދަތުރުގެ ބައިވެރިޔާ އަކީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ މީހަކަށް ވާން ކޮންމެ މީހަކު ވެސް ބޭނުންވެއެވެ. ތިމާގެ ހަޔާތުގެ ބައިވެރިޔާ އަކީ "މރ.ޕާފެކްޓް" އަށް ވާން ކޮންމެ މީހަކު ވެސް ބޭނުން ވެއެވެ. ނަމަވެސް "މރ.ޕާފެކްޓް" ނުފެނިގެން އުމުރުން 30 އަހަރާއި ގާތްވެ، އުމުރު ދޮށިވަމުން ދާއިރު ކޮންމެ އަންހެނެއްގެ ހިތުގައި ވެސް ނުތަނަވަސްކަން އުފެދެއެވެ. ތިމަންނަ ހަޔާތް ނިންމާލަން ޖެހޭނީ ހަޔާތުގެ ބައިވެރިޔަކު ނުހޯދާތޯ އަމިއްލަ ނަފްސާއި ސުވާލު ކުރެވެއެވެ.

އަހަރެންގެ މިލިޔުމުގައި މިކިޔައި ދެނީ ބައެއް އަންހެނުންނަށް އެމީހުންގެ ހަޔާތުގެ ބައިވެރިޔަކު ނުލިބިގެން ނުތަނަވަސް ވާން ޖެހޭ ބައެއް ސަބަބުތަކެވެ.

ލޯތްބަކީ ކޮބައިކަން ނޭނގުން

ހިޔާލީ ވާހަކަތަކާއި، ފިލްމުތަކުން ލޯބި ސިފަކޮށްދޭ ގޮތާއި ހަޤީޤީ ދިރިއުޅުމުގައި ލޯބި ތަޖުރިބާ ކުރަން ޖެހޭ ގޮތް ވަރަށް ތަފާތެވެ. އެހެންކަމުން ފިލްމުތަކާއި ވާހަކަތަކުން ފެންނަ ފަދަ ޕްރިންސެއް އައިސް ތިބާ ބޭނުންވާ ހުރިހާ ކަމެއް އެންމެ ފުރިހަމަ އަށް ކޮށްދޭނެ ކަމަށް ހީކޮށް އެފަދަ މީހެއްގެ އިންތިޒާރުގައި ހުރުމަކީ މުޅި އުމުރު ބޭކާރުވެގެން ހިނގައިދާނެ ކަމެކެވެ.

ފިރިހެނުންނަށް އިތުބާރު ނުކުރުން

ދިރިއުޅުމުގައި ވަރަށް ހިތި ތަޖުރިބާއެއް ތިބާ ވެސް ކުރަން ޖެހިފައި އޮވެދާނެއެވެ. އެކަމުގެ ސަބަބުން ދެން ދުވަހަކު ވެސް ފިރިހެނުންނަށް އިތުބާރު ނުކުރަން ނިންމައިގެން ވެސް ހުރެދާނެ އެވެ. ނަމަވެސް އެއީ ގޯސް ނިންމުމެކެވެ. ހުރިހާ ފިރިހެނުންނަކީ އެއްގޮތް ބައެއް ނޫނެވެ. އެހެންކަމުން އެންމެ މީހަކު ކުރި ކުށެއްގެ ސަބަބުން ތިބާ އަމިއްލައަށް މުޅި ހަޔާތުގައި އެކަމުގެ އަދަބު ލިބި ނުގަންނާށެވެ.

ކައިވެންޏަށް ތައްޔާރުުނުވުން

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކައިވެންޏަކީ ވަރަށް ގިނަ ކަންކަން ފުރިހަމަ ވެގެން ނޫނީ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް އެއީ ގޯސް ވިސްނުމެކެވެ. ކައިވެނި ކުރުމަށް ފަހު ދެން ކުރިމަތިވާ ކަންކަމާއި ކުރިމަތިލުމުގެ ގާބިލްކަން ކޮންމެ ދެމަފިރިއެއްގެ ކިބައިގައި ވެސް ހުންނާނެއެވެ. އެހެންކަމުން ކައިވެންޏަށް ތައްޔާރު ނޫން ކަމަށް ނިންމާ މުޅި ހަޔާތް ނަގާނުލާށެވެ.

އެއީ ޖަލެއް ކަމަށް ހީވުން

ބައެއް މީހުންގެ ފަރާތުން ލިބިފައިވާ މައުލޫމާތައް ބަލާފައި ކައިވެނި ކުރުމަކީ ބަނދެވުމެއް ކަމަށް ވެސް ބައެއް މީހުން ހީކުރެއެވެ. އެހެންކަމުން އެފަދަ ޖަލެއްގައި ބަންދުވާން ބޭނުން ނުވެގެން ވެސް ބައެއް މީހުންނަށް ސީރިއަސް ކޮށް ކައިވެންޏާއި މެދު ވިސްނާނުލުވެއެވެ. ނަމަވެސް އެއީ ގޯހެކެވެ. ކައިވެނި ކުރި ނަމަވެސް ދެމީހުން ކުރަން ބޭނުންވާ ކަންތައްތައް ކުރުމުގެ މިނިވަންކަން އޮންނާނެއެވެ.